ޚަބަރު

ޑިފެންސް ކޮލެޖުގެ ފުރަތަމަ ބެޗު ދަސްވެނިވެއްޖެ


ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީސްގެ ފުރަތަމަ ބެޗް ދަސްވެނިވެއްޖެއެވެ.

މި ދަސްވެނިވުމުގައި ސިފައިންގެ 23 މީހުން ވަނީ ދަސްވެނިވެފައެވެ. ދަސްވެނިވި ފަރާތްތަކަށް ސެޓްފިކެޓް ހަވާލުކުރީ ރޭ ކަޅުތުއްކަލާ ކޮށީގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.

ކޮލެޖް އޮފް ޑިފެންސް އެންޑް ސެކުއިރިޓީ ސްޓަޑީސްގެ ފަރާތުން ވަނީ ތިން ކޯހެއް ކުރިއަށް ގެންގޮސްފައެވެ. އެއީ ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާ އިން ޑިފެންސް މެނޭޖްމަންޓާއި ޑިޕްލޮމާ އިން ޑިފެންސް މެނޭޖްމަންޓް އަދި ޑިޕްލޮމާ އިން މިލިޓަރީ ސްޓަޑީސްއެވެ. މި ކޯސްތަކަކީ ސްރީ ލަންކާގެ ކޮޓެލާވެލާ ޑިފެންސް ޔުނިވާސިޓީއާ ގުޅިގެން ސިފައިންގެ ކޮލެޖުގައި ހިންގި ކޯސްތަކެކެވެ.

ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާ އިން ޑިފެންސް މެނޭޖްމަންޓް ކޯސް ފުރިހަމަކޮށް ރޭގެ ރަސްމިއްޔާތުގައި ސިފައިންގެ ހަތް މީހަކު ވަނީ ޑިގްރީ ސަނަދު ހާސިލްކޮށްފައެވެ. އަދި ޑިޕްލޮމާ އިން މިލިޓަރީ ސްޓަޑީސް ކޯސް 10 މީހަކު ވަނީ ފުރިހަމަކޮށްފައެވެ. ރޭގެ ރަސްމިއްޔާތުގައި ކޯސްތައް ފުރިހަމަކޮށް އެ ކޯސްތަކުން ވަނަވަނައަށް ދިޔަ ސިފައިންނަށްވަނީ އިނާމް ޙަވާލުކޮށްފައެވެ.

މި ޙަފްލާގައި ވާހަކަދައްކަވަމުން ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމް ވިދާޅުވީ ތަޢުލީމީ ގޮތުން މިއަދު ރާއްޖޭގެ އަސްކަރިއްޔާވެސް ބައިނަލްއަޤްވާމީ ފެންވަރުގައި ފައިތިލަ ސާބިތުކޮށްފައިވާ ކަމަށެވެ. މިރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް ވަނީ ތަޖުރިބާ ޙިއްސާކުރައްވާފައެވެ. އަދި ހަމައެއާއެކު ތައުލީމީ ގޮތުން އަސްކަރިއްޔާ ކުރިއެރުވުމަށް އަސްކަރިއްޔާގެ ކުރީގެ ވެރިން ކުރައްވާފައިވާ މަސައްކަތް ޗީފް އޮފް ޑިފެންސް ފޯސްގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ.

އެމްއެންޑީއެފްގެ ޑިފެންސް އިންސްޓިޓިއުޓް ފޮރ ޓެރޭނިން އެންޑް އެޑިއުކޭޝަން (ޑައިޓް)ގެ ނަމުގައި ހިންގަމުންދިޔަ ސެންޓަރު ކޮލެޖަކަށް ބަދަލުކޮށް، ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީޒްގެ ނަމުގައި އިފްތިތާހްކުރީ މިދިޔަ އަހަރުގެ އޭޕްރިލް މަހުގެ ތެރޭގައެވެ.