ޚަބަރު

މަސް އެކްސްޕޯޓްކޮށްގެން ލިބުނު އާމްދަނީ އިތުރުވެއްޖެ


2016 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހާ އަޅާބަލާއިރު މި އަހަރުގެ ސެޕްޓެމްބަރުމަހު ރާއްޖެއިން އެކްސްޕޯޓްކުރި މަހުގެ ޢަދަދާއި، މަސް އެކްސްޕޯޓްކޮށްގެން ލިބުނު އާމްދަނީ އިތުރުވެއްޖެއެވެ.

އެކްސްޕޯޓްކުރި މަހުގެ ޢަދަދު ސާދަ އިންސައްތަ އިތުރުވެފައިވާއިރު މަސް އެކްސްޕޯޓްކޮށްގެން ލިބުނު އާމްދަނީ ވަނީ އަށެއް އިންސައްތަ އިތުރުވެފައެވެ. މީގެ މައިގަނޑު ސަބަބަކީ ގަނޑުކުރި ކަންނެއްޔާއި ދަޅުގައި ބަންދުކުރި ނުވަތަ ޕެކެޓުކުރި ކަނޑުމަހުގެ ބާވަތްތައް އެކްސްޕޯޓްކުރި މިންވަރު އިތުރުވުމެވެ. އެހެންނަމަވެސް ގަނޑުކުރި ކަޅުބިލަމަސް އެކްސްޕޯޓްކޮށްގެން ލިބުނު އާމްދަނީ ވަނީ ދަށްވެފައެވެ.

މަސް އެކްސްޕޯޓްކުރި މިންވަރު އިތުރުވެފައިވީނަމަވެސް 2016 ވަނަ އަހަރާއި އަޅާބަލާއިރު މިއަހަރު ކުންފުނިތަކަށް މަސް ކިރުވި އަދަދު ވަނީ ސާޅީސް ހަތެއް އިންސައްތަ ދަށަށްގޮސްފައެވެ.

މިއަހަރުގެ ސެޕްޓެމްބަރުމަހު ރާއްޖޭގެ ކުންފުނިތަކަށް މަސްކިރުވި ޢަދަދު އުޅެނީ އެންހާސް ފަސްސަތޭކަ ތޭރަ ޕޮއިންޓް ނުވައެއް މެޓްރިކް ޓަނުގައެވެ. މިއީ 2016  ވަނަ އަހަރުގެ ސެޕްޓެމްބަރ މަހާ އަޅާބަލާއިރު ސާޅީސް ހަތެއް އިންސައްތަ ދަށް ޢަދަދެކެވެ. އަދި ފާއިތުވެދިޔަ އޮގަސްޓް މަހާ އަޅާބަލާއިރު ސާޅީސް ހަތަރު އިންސައްތަ ދަށް ޢަދަދެކެވެ.