ސިއްހަތު

މެޑިކަލް އިންޓަރންޝިޕަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި


އަންނަ ޖެނުއަރީމަހު އައިޖީއެމްއެޗުގައި ފެށުމަށް ހަމަޖެހިފައިވާ މެޑިކަލް އިންޓަރންޝިޕް ޕްރޮގްރާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާއިފިއެވެ. 

ރާއްޖޭގައި މުޅިން އަލަށް ފަށާ މި މެޑިކަލް މިޕްރޮގްރާމްގެ ފުރަތަމަ ބުރުގައި 20 ޖާގައަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު ފޯމް ހުށައަޅަންޖެހެނީ އޮންލައިންކޮށެވެ. ދަރިވަރުން ހޮވުމުގައި އިސްކަންދެވޭނީ ފޯމްހުށަހަޅާ ތަރުތީބުންކަމަށް އައިޖީއެމް ހޮސްޕިޓަލުން މަޢުލޫމާތުދެއެވެ. އަދި ރަސްމީކޮށް އިންޓަރންޝިޕް ޕްރޮގްރާމް ޖެނުއަރީ މަހުގެ 11 ވަނަ ދުވަހު ފެށުމަށް ވަނީ ހަމަޖެހިފައެވެ.

މިޕްރޮގްރާމް އިފްތިތާޙްކޮށްދެއްވާ ވާހަކަދައްކަވަމުން މިނިސްޓަރ އޮފް ހެލްތު ޢަބްދުﷲ ނާޒިމް ވިދާޅުވީ ރާއްޖެ ތަރައްޤީވަމުންދާއިރު ސިއްޙީގޮތުން ހޯދަމުންދާ ކާމިޔާބީތަކަކީ ފާހަގަކޮށްލެވޭ ކުރިއެރުންތަކެއްކަމަށެވެ.

މިޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ޑިސެމްބަރުމަހުގެ 5 ވަނަ ދުވަހާއި ހަމައަށް ހުޅުވާލާފައިވާއިރު އިންޓަރންޝިޕްގައި ބައިވެރިވުމުގެ ފުރުސަތުލިބޭނީ އެމްބީބީއެސް ފުރިހަމަކޮށް މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލުން ދޫކުރާ "ޕްރޮވިޝަނަލް ރެޖިސްޓްރޭޝަން ފޮރ އިންޓަރންޝިޕް" ސެޓްފިކެޓް ލިބިފައިވާ ފަރާތްތަކަށްކަމަށް އައިޖީއެމްއެޗުން މަޢުލޫމާތުދެއެވެ.

އެމްބީބީއެސް ނިމުމަށްފަހު މެޑިކަލް ދާއިރާގައި މަސައްކަތް ފެށުމަށްޓަކައި މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލުން ބަލައިގަންނަ އިންސްޓިޓިއުޓަކުން އެއްއަހަރުދުވަހުގެ އިންޓަރންޝިޕް ޕްރޮގްރާމެއް ހަދަންޖެހެއެވެ. އެމްބީބީއެސް ހެދުމަށްފަހު އިންޓަރންޝިޕް ހެދުމުގައި ދިވެހި ދަރިވަރުންނަށް ފުރުސަތު ހޯދައިދިނުމުގައި ގިނަ ދަތިތަކެއްހުރިކަމަށް ހެލްތު މިނިސްޓްރީން ބުނެއެވެ. އެހެންކަމުން މިޕްރޮގްރާމްގެ ސަބަބުން މި ގޮންޖެހުންތައް ހައްލުވެގެންދާނެކަމަށް ހެލްތު މިނިސްޓްރީން މަޢުލޫމާތުދެއެވެ.