ޚަބަރު

ތޮއްޑޫގައި އަލަށް އިމާރާތްކުރި ހިނަވާގެ ކައުންސިލާ ހަވާލުކޮށްފި


އެމްޑްބްލިއުއެސްސީން އއ.ތޮއްޑޫގައި އަޅައިދިން ހިނަވާގެ އެރަށު ކައުންސިލާއި ހަވާލުކޮށްފިއެވެ.

މޯލްޑިވްސް ވޯޓަރ އެންޑް ސެވަރޭޖް ކުންފުނީގެ އިޖްތިމާޢީ ޒިންމާގެ ދަށުން އެޅި މި ހިނަވާގެއަށް ބޭނުންވާ މުވައްޒަފުން ހޯދުމާއި، އެތަން ބެލެހެއްޓުމުގެ ހުރިހާ މަސައްކަތެއް ކުރާނީ ތޮއްޑޫ ކައުންސިލުންނެވެ.

މި ހިނަވާގެއާއި ކައުންސިލްގެ ފަރާތުން ހަވާލުވީ ތޮއްޑޫ ކައުންސިލްގެ ރަޢީސާ ޚަދީޖާ ނިއުޝާއެވެ.

އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އަބްދުﷲ ސަޙީލް ޖަލީލް ވިދާޅުވީ ތޮއްޑޫގައި ހިނަވާގެއެއް އެޅުމަށް ނިންމީ، 2015ވަނަ އަހަރު އެރަށުގައި ފެނުގެ މަޝްރޫޢު ހިންގުމުގެ މަސައްކަތް ކުރަމުން ދިޔައިރު، އެރަށުގެ ރައްޔިތުންނަށް ހިނަވާއެއް ނެތުމުގެ ދަތިކަން ފާހަކަވެގެންކަމަށެވެ.

ސަޙީލް ވިދާޅުވީ އެމްޑަބްލިއުއެސްސީގެ އިޖްތިމާޢީ ޒިންމާގެ ދަށުން އެކި ރަށްތަކުގައި އެކިއެކި މަޝްރޫޢުތަކެއް ކުރިއަށްގެންދިއުމުގެ މަސައްކަތް ކުރަމުން އަންކަމަށެވެ.

ތޮއްޑޫ ކައުންސިލްގެ ރަޢީސާ ޚަދީޖާ ނިއުޝާ ވިދާޅުވީ އެ ރަށުގައި ހިނަވާގެއެއް ނެތުމުން ދަތިތަކާކުރިމަތިވެފައިވާކަމަށެވެ. އަދި މި ހިނަވާގޭގެ ސަބަބުން ރައްޔިތުންނަށް ގިނަގުނަ ފަސޭހަތަކެއްވެގެންދާނެކަމަށެވެ.

ހިނަވާގޭގެ ޢަމަލީ މަސައްކަތްވަނީ ސެޕްޓެމްބަރ މަހުގެ ތެރޭގައި ނިމިފައެވެ. މި މަޝްރޫޢުއަށް ހަ ލައްކަ ވުރެ ގިނަ ރުފިޔާ ވަނީ ހަރަދުކޮށްފައިވެއެވެ.