ސިއްހަތު

ސްޕެޝަލިސްޓް ޑޮކްޓަރުންނާއި ނަރުހުން ހޯދުމަށް ޢިއުލާންކޮށްފި


ވޭތުވެދިޔަ 4 އަހަރަކީ ސިއްޙީ ދާއިރާއަށް ބޮޑެތި ބަދަލުތަކެއް ގެނެސް ސިއްޙީ ދާއިރާ ތަރައްޤީކުރުމުގައި ގިނަ ކާމިޔާބީތައް ހޯދާފައިވާ ހަތަރު އަހަރެވެ.

ހުސްނުވާ އާސަންދަ ތަޢާރަފްކުރުމާއި، އެބަލިތަކަކަށް ރާއްޖެއިން ބޭރުން ފަރުވާ ހޯދުމަށް ދިވެހިން ދަތުރުކުރާ، ގިނަ ބަލިތަކުގެ ފަރުވާ ރާއްޖެއިން ލިބޭނެ މަގުވަނީ ފަހިކޮށްފައެވެ. މީގެއިތުރުން ސަރުކާރުންވަނީ ރާއްޖޭގެ އުތުރާއި ދެކުނާއި މާލެއިން ދެމުންގެންދާ ސިއްޙީ ޚިދުމަތް ހަރުދަނާކުރުމަށް ބޮޑު 3 ޕްރޮޖެކްޓެއްފަށާފައެވެ.

އޭގެތޭރޭގައި 500 އެންދުގެ ދަރުމަވަންތަ ހޮސްޕިޓަލާއި، އައްޑޫ ސިޓީގައި އަޅާ 100 އެންދުގެ ޓަރޝަރީ ހޮސްޕިޓަލާއި، ކުޅުދުއްފުށީ ހޮސްޕިޓަލް 150 އެނދުގެ ޓަރޝަރީ ހޮސްޕިޓަލަކަށް ބަދަލުކުރުމުގެ މަސައްކަތަކީ ސިއްޙީ ދާއިރާ ތަރައްޤީކުރުމަށް މިހާތަނަށް ރާއްޖޭގައި ކުރިއަށްގެންދާ އެންމެ ބޮޑެތި މަޝްރޫޢުތަކެވެ.

ދަރުމަވަންތަ ހޮސްޕިޓަލްގެ މަސައްކަތް އަންނަ އަހަރު ޖުލައި މަހަށް ނިންމައި ޚިދުމަތް ފަށާނެކަމަށްވަނީ ޢިއުލާންކޮށްފައެވެ. އައިޖީއެމްއެޗުން މަޢުލޫމާތުދޭގޮތުގައި ފިނޭސް މިނިސްޓްރީއާ ގުޅިގެން އެހޮސްޕިޓަލަށް ބޭނުންވާ މެޝިނަރީ ހޯދުމުގެ މަސައްކަތް މިހާރުވަނީ ފަށާފައެވެ. ދަރުމަވަންތަ ހޮސްޕިޓަލްގެ މަސައްކަތް ނިމުމާއެކު އައިޖީއެމްއެޗުން ދެމުންގެންދާ ޚިދުމަތްތައް ކުރިއަށްވުރެ ދެގުނަ އިތުރުވެގެންދާނެއެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލް ޓަރޝަރީ ފެންވަރަށް ބަދަލުކުރުމުގެ މަސައްކަތުގެދަށުން މިހާތަނަށް ރައްޖެއިން ނުލިބޭ އިތުރު ޚިދުމަތްތައްވެސް އެ ހޮސްޕިޓަލުގައި ފެށުމަށް ހަމަޖެހިފައިވެއެވެ. އެގޮތުން އެ ހޮސްޕިޓަލުގައި ފަށާ ބޯންމެރޯ ޓްރާންސްޕަލާންޓޭޝަންގެ ޚިދުމަތަކީ މިދާއިރާއަށް ލިބޭ ފަހަގަކޮށްލެވޭ ކުރިއެރުމެކެވެ. ކުޅުދުއްފުށީ ހޮސްޕިޓަލްގެ މަސައްކަތް ނިމިގެންދާއިރު އެ ހޮސްޕިޓަލްގެ ޚިދުމަތްތައް އިތުރުވެ ބެޑް ކެޕޭސިޓީ ސަތޭކަ ފަންސާހަށް އިތުރުވެގެންދާނެއެވެ. މީގެއިތުރުން އަށްޑޫސިޓީގައި ޢިމާރާތްކޮށްފައިވާ އިކުއިޓޯރިއަލް ކޮންވެންޝަން ސެންޓަރ 100 އެންދުގެ ޓަރޝަރީ ހޮސްޕިޓަލްއަށް ބަދަލުވެގެންދިއުމަކީ، ރަށުގައި ތިބެގެން ޝްޕެޝަލިންޓް ޑޮކްޓަރުންގެ ޚިދުމަތް ލިބޭނެ މަގުފަހިކޮށްދިނުމަށް ކުރިއަށްގެންދާ މަޝްރޫޢެކެވެ.

މި މަޝްރޫޢުތަކުގެ ސަބަބުން މި ދާއިރާއިން ކިޔަވާ، ވަޒީއަދާކުރަން ބޭނުންވާ މީހުންނަށް ވަޒީފާގެ ފުރުސަތުތައް ތަނަވަސްވެ ފަހިވެގެންދާނެއެވެ. ހެލްތް މިނިސްޓްރީންވަނީ 160 ސްޕެޝަލިސްޓް ޑޮކްޓަރުންނާއި 131 ނަރުހުން ހޯދުމަށް ޢިއުލާންކޮށްފައެވެ. މި ފުރުޞަތުތަކުގެ ސަބަބުން ރާއްޖެއިން ބޭރުގައި މިދާއިރާގެ ވަޒީފާތައް ޢަދާކުރާ ދިވެހި ޑޮކްޓަރުން ރާއްޖެއައިސް ރާއްޖޭގައި ވަޒީފާ އަދާކުރުމުގެ މަގު ތަނަވަސްވެގެންދާނެއެވެ. އަދި މި ދާއިރާއިން ކިޔަވަން ބޭނުންވާ ފަރާތްތަކަށް ރާއްޖެއިން ވަޒީފާގެ ފުރުޞަތުތައް ޔަގީންވެގެންދާނެއެވެ.

ދަރުމަވަންތަ ހޮސްޕިޓަލާއި އަޑޫސިޓީގައި އަޅާ ޓަރޝަރީ ހޮސްޕިޓަލް އަންނަ އަހަރަށް ނިންމައި ޚިދުމަތް ފެށުމަށް ހަމަޖެހިފައިވާއިރު، ކުޅުދުއްފުށީގައިވެސް އަންނަ އަހަރު އިތުރު ގިނަ ޚިދުމަތްތައް ތަޢާރަފްކުރާނެއެވެ.