ދުނިޔެ

ކޮރަޕްޝަނުގެ ތުހުމަތުތަކެއްގައި ސަޢުދީގެ އަމީރަކު ހައްޔަރުކޮށްފި


ސަޢުދީ ޢަރަބިއާގައި ޢަލަށް އުފެއްދި އެންޓި ކޮރަޕްޝަން ކޮމިޓީގެ ޢަމުރަށް، އެޤައުމުގެ ޝާހީ ޢާއިލާގެ އެގާރަ ޢަމީރަކާއި ވަޒީރުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ ހަތަރު ބޭފުޅަކާއި ކުރީގެ ބައެއް ވަޒީރުން ހައްޔަރުކޮށްފިއެވެ. އެ ޤައުމުގެ ނޫސްތަކުގައި ވަނީ، މި ބޭފުޅުން ހައްޔަރުކޮށްފައިވަނީ ސަޢުދީ ޢަރަބިއާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒުގެ ޤަރާރެއްގެ ދަށުން އެންޓި ކޮރަޕްޝަން ކޮމިޓީ އެކުލަވާލިތާ މާ ގިނައިރުތަކެއް ނުވަނީސް ކަމަށާއި، ހައްޔަރުކުރި ބޭފުޅުންގެ ވަނަވަރު އެޤައުމުގެ ރަސްމީ ވުޒާރާތަކުން ހާމަކޮށްފައިނުވާކަމަށެވެ.

މި ބޭފުޅުން ހައްޔަރުކުރި ސަބަބެއް ހާމަކޮށްފައި ނުވާ ނަމަވެސް، 2009 ވަނަ އަހަރު ޖިއްދާއަށް ކުރިމަތިވި ފެންބޮޑުވުމުގެ ހާދިސާ އާއި 2012 ވަނަ އަހަރު އެ ޤައުމުގައި ފެތުރުނު މާސް ވައިރަހާ ގުޅުންހުރި ތަހުޤީޤުތަކެއް، ސަޢުދީ ޢަރަބިއާގެ ސަރުކާރުން ފައްޓާފައިވާކަމަށް، ބައެއް ނޫސްތަކުގައިވެއެވެ.

މީގެ އިތުރުން، ސަޢުދީ ޢަރަބިއާގެ ރަސްގެފާނު ވަނީ އެ ޤައުމުގެ މުހިއްމު ޒިންމާތަކެއް އަދާކުރައްވުން ގެންދެވި ބޭފުޅުންނަށްވެސް ބަދަލުގެންނަވާފައެވެ. އެގޮތުން ސައުދީ ރަސްގެފާނު ވަނީ، ނޭޝަނަލް ގާޑްގެ ވަޒީރުކަމުގައި ހުންނެވި ޢަމީރު މުޘައިބު ބިން ޢަބްދުﷲގެ ބަދަލުގައި ޚާލިދު ބިން އައްޔާފް އެ މަޤާމަށް އައްޔަނުކުރައްވާފައެވެ. އަދި އިޤްތިސާދާ ބެހޭ ވަޒީރުކަމުގެ މަޤާމުގައި ހުންނެވި އާދިލް ފަކިއްޔާގެ ބަދަލުގައި މުހައްމަދު އަލް ތުވައިޖަރީ ވަނީ އެ މަޤާމަށް އައްޔަންކުރައްވާފައެވެ.