ޚަބަރު

129 ކައުންސިލެއް އޮޑިޓްކުރުމަށް 3 އޮޑިޓް ފާރމަކާ ހަވާލުކޮށްފި


129 ކައުންސިލެއް އޮޑިޓްކުރުމަށް 3 އޮޑިޓް ފާރމަކާ ހަވާލުކޮށްފިއެވެ.

މި މަސައްކަތް ހަވާލުކޮށްފައިވަނީ ދެ މިލިއަން ނުވަސަތޭކަ ފަންސާސް ހަހާސް ރުފިޔާއަށެވެ.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން މިވަގުތު 209 ކައުންސިލެއް ރާއްޖޭގައި ހިންގަމުންދެއެވެ.

ދައުލަތުގެ މުއައްސަސާތައް، އޮޑިޓް ޤާނޫނާއި ދައުލަތުގެ މާލިއްޔަތުގެ ޤާނޫނުގައި ކަނޑައަޅާފައިވާ ގޮތަށް އޮޑިޓް ކުރުމަކީ ޤާނޫނުއަސާސީން އޮޑިޓަރ ޖެނަރަލްގެ މަސްއޫލިއްޔަތެކަމަށް ކަނޑައަޅާފައިވާކަމެކެވެ. އެގޮތުން ރާއްޖޭގެ އިދާރީ ދާއިރާ ތަކުގައި ހިމެނޭ ކައުންސިލުތައް ވެސް އަހަރަކު އެއްފަހަރު އޮޑިޓް ކުރުން އޮޑިޓަރ ޖެނެރަލަށް ލާޒިމްކުރެއެވެ. ކައުންސިލްތައް އުފެދުނު ފަހުން 2016 ވަނަ އަހަރުގެ ނިޔަލަށް އޮޑިޓަރ ޖެނަރަލްގެ އޮފިހުން ޢާންމުކޮށްފައިވަނީ 183 ކައުންސިލުގެ އޮޑިޓް ރިޕޯޓެވެ.

އެހެންކަމުން ވީހާވެސް ގިނަ ކައުންސިލްތައް އޮޑިޓްކުރުމުގެ މަޤްޞަދުގައި، ސަތޭކަ އޮނަތިރީސް ކައުންސިލެއް އޮޑިޓްކުރުމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ވަނީ ދިވެހި ތިން އޮޑިޓް ފާރމަކާ ހަވާލުކޮށްފައެވެ. މިކަމުގެ ބޭނުމަކީ، އޮޑިޓުތައް ޤާނޫނުގައި ބަޔާންކުރާ މުއްދަތަށް ނިންމުމަށް މަސައްކަތް ކުރުމާއި ދިވެހި އޮޑިޓަރުން މިފަންނުން ފުރުޞަތު ތަނަވަސް ކޮށްދިނުންކަމަށް އޮޑިޓް އޮފީހުން ބުނެއެވެ.

ކައުންސިލްތައް އޮޑިޓް ކުރުމަށް ހަވާލުކޮށްފައިވާ 3 އޮޑިޓް ފާރމަކީ، އެފްޖޭއެސް އެސޯސިއޭޓާއި، އެމްއެޗްޕީއޭ އަދި ކްރޯވް ހޯވަރތު މޯލްޑިވްސްއެވެ.

އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތަށްފަހު ޕީއެސްއެމް ނިއުސްއާއި ވާހަކަ ދައްކަވަމުން އޮޑިޓަރ ޖެނެރަލް ޙަސަން ޒިޔަތު ވިދާޅުވީ، ކައުންސިލްތައް އޮޑިޓްކުރުމަށް ފުރަތަމަފަހަރަށް އޮޑިޓް ފާރމްތަކާ ހަވާލުކުރުމުގެ ސަބަބުން މާލީ ގޮތުން ގިނަ ފައިދާތަކެއް ކުރާނެކަމަށެވެ.

ޒިޔަތު ވިދާޅުވީ، ލޯކަލް ކައުންސިލުގެ ނިޒާމުގެ ދަށުން މާލީ ބަޔާންތައްޔާރު ކުރުމުގައި ހުރި  ގޮންޖެހުން ތަކުގެ ސަބަބުން މާލީ ބަޔާންތައް ކައުންސިލުތަކުން ތައްޔާރުކޮށް ޤަވާއިދުން އޮޑިޓަރ ޖެނަލްގެ އޮފީހަށް ލިބެމުން ނުދާކަމަށެވެ. ނަމަވެސް މި އެއްބަސްވުމުގެ ސަބަބުން އަހަހަރުން އަހަރަށް ނެރެވޭ އޮޑިޓް ރިޕޯޓްތަކުގެ ޢަދަދު އިތުރުވާނެކަން ޒިޔަތު ފާހަގަކުރެއްވިއެވެ.

އޮޑިޓް ފާރމްތަކާއެކު ވެވުނު އެއްބަސްވުމުގެ ދަށުން ކޮންމެ ފަރމަކުން 43 ކައުންސިލް އޮޑިޓްކުރާނެއެވެ. މި މަސައްކަތް ހަވާލުވި އޮޑިޓް ފާރމްތަކުން ވަނީ އޮޑިޓްކުރުމުގައި ބައިނަލްއަޤްވާމީ މިންގަނޑުތާކައި ރާއްޖޭގެ މާލިއްޔަތުގެ ޤާނޫނާއި ޤަވާއިދާއި އެއްގޮތްވާގޮތުގެ މަތިން އޮޑިޓްކުރުމަށް އިސްކަން ދޭނެކަމަށް ބުނެފައެވެ. އަދި ސިއްރުތައް ހިފެހެއްޓޭނެކަމުގެ ޔަޤީންކަންވެސް އެފަރާތްތަކުން ވަނީ ދީފައެވެ.

ކައުންސިލްތައް އޮޑިޓްކުރުމަށް ހަވާލުވި އޮޑިޓް ފާރމްތަކުން އަންނަ އަހަރުގެ ފެބުރުއަރީމަހުގެ އަށާވީހުގެ ކުރިން އޮޑިޓްކޮށް ނިންމަންޖެހޭ އޮޑިޓް ފާރމްތަކުން މިސައްކަތް ކުރިއަށް ގެންދާނީ އޮޑިޓަރ ޖެނެރަލްގެ އޮފީހުން ފޯރުކޮށްދޭ ތަމްރީނަށްފަހު އެކަމަށް ޚާއްޞަ ފޯމެޓަކަށްކަމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން މަޢުލޫމާތުދެއެވެ. ކައުންސިލްތައް އޮޑިޓްކޮށް ނިންމާތާ ދެމަސްދުވަހުގެ ތެރޭގައި ރިޕޯޓްތައް ޢާންމުކުރާނެކަމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން މަޢުލޫމާތުދެއެވެ.