ކުޅިވަރު

މާޅޮސް ބަލިކޮށް، ޓީސީ ލީގުގެ އުއްމީދު ދަމަހައްޓައިފި


އެކެއް ސުމަކުން މާޅޮސް ބަލިކޮށް ލީގުގެ އުއްމީދު ޓީސީން ދަމަހައްޓައިފިއެވެ. 

މިރޭ މާޅޮސް ކޮޅަށް ޓީސީން ލަނޑުޖެހީ މެޗު ފަށައިގެން ތިންވަނަ މިނިޓްގައެވެ. މެޗުގެ މޮޅު ކުޅުންތެރިޔާ އިބްރާހީމް މަހުދީ ބޯޅަ ގޯލްގެ ތެރެއަށް ފޮނުވާލީ ކީޕަރު ބޯމަތިންނެވެ. މެޗުގައި މާޅޮސް ޓީމަށް ލަނޑެއް ނުޖެހުނު ނަމަވެސް އެޓީމުން ވަނީ ޓީސީ ކައިރީ ރަނގަޅަށް ކުޅެ، ގޯލް ޖަހަން މަސައްކަތް ކޮށްފައެވެ. ޚާއްޞަކޮށް ދެވަނަ ހާފްގައި އެޓީމުން ވަރަށް ބޮޑަށް ހިތްވަރުކުރިއެވެ. 

ޓީސީން މެޗުގައި ފޮނުވާލި ގިނަ ބޯޅަތައް ގޯލާ އަމާޒެއް ނުވިއެވެ. މިނަތީޖާއާއެކު ޓީސީއާއި ނިއުރޭޑިއަންޓްގެ ފަރަޤު ވަނީ ޕޮއިންޓަކަށް ކުޑަވެފައެވެ. ނަމަވެސް މާދަމާ ހަވީރު ނިއުރޭޑިއަންޓް ކުޑަހުވަދޫއާ ވާދަކުރާ މެޗުން މޮޅުވެގެން ފަރަޤު ހަތަރު ޕޮއިންޓަށް ބޮޑު ކުރުމުގެ ފުރުޞަތު އެބައޮތެވެ. 

މިރޭގެ މެޗަށްފަހު ޓީސީގެ ކޯޗު މުޙައްމަދު ނިޒާމް ބުނީ ބޭނުންވީ ތިން ޕޮއިންޓް ކަމަށާއި، އެކަން ހާޞިލްވުމުން ހިތްހަމަޖެހޭކަމަށެވެ. ކުޅުންވެސް ގޯސް ނޫންކަމަށް އޭނާ ބުންޏެވެ.

" ބްރޭކަށް ދާއިރު ކުޅުންތެރިން ރިކަވާން ފުރުޞަތު ދޭންޖެހޭ. ގާތްގާތުގައި މެޗުތައް ކުޅުމުން ވަރަށް ބޮޑަށް ވަރުބަލިކަން އިހުސާސްކުރަން ޖެހިފަ ތިބީ. ކުޅުންތެރިން ރަނގަޅަށް މެއިންޓެއިން ކުރަން ސަމާލުކަންދޭނީ. ލީގުގެ އުއްމީދު ދޫކޮށެއް ނުލަން. ފަހު ވަގުތާ ހަމައަށްވެސް އުއްމީދުކުރާނަން " މެޗަށްފަހު ނިޒާމްބެ ބުންޏެވެ.

މާޅޮސް ޓީމްގެ ކޯޗު އަލީ ނިޝްތާރު ބުނީ ދިމާވި އެންމެ ބޮޑު މައްސަލައަކީ ވަރުބަލިކަން ކަމަށެވެ. ދިގު ދަތުރުކޮށްފަ ކޮންމެ ދުވަހަކު މާލެ އައިސް މެޗު ކުޅެން ޖެހުމުން ވަރުބަލިކަން އިންތިހާއަށް އޮންނަކަމަށް އޭނާ ބުންޏެވެ.

" އެންމެ ބޮޑު މައްސަލައަކީ ދިގު ދަތުރުކޮސްފަ މެޗަށް އަންނަން ޖެހުން. ކުޅުންތެރިން ތިބެނީ ވަރުބަލިވެފަ. އޭގެ އަސަރު ވަރަށް ބޮޑަށް ކުރޭ " މިރޭގެ މެޗަށް އިއްޔެ ދޯންޏެއްގައި މާލެ އައި ޓީމްގެ ކޯޗު ބުންޏެވެ.