ދުނިޔެ

ލުބްނާންގެ ބޮޑުވަޒީރު ސާދް އަލް ޙަރީރީ އިސްތިޢުފާ ދެއްވައިފި


ލުބްނާންގެ ބޮޑު ވަޒީރު ސާދް އަލް ޙަރީރީ، އެމަނިކުފާނުގެ ފުރާނަފުޅަށް ނުރައްކާވެފައިވާކަމަށް ވިދާޅުވެ، މަޤާމުން އިސްތިޢުފާ ދެއްފައިފިއެވެ.

ސައުދީ ޢަރަބިއްޔާގެ ވެރިރަށް ރިޔާޒުގައި ހުންނަވައި، ބޭރޫތުގެ އަލް ޖަދީދް ޓީވީ މެދުވެރިކުރައްވާ ދެއްވި ޚިޠާބެއްގައި އިސްތިޢުފާ އިޢުލާންކުރައްވަމުން ޙަރީރީ ވަނީ، އެމަނިކުފާނުގެ ބައްޕާފުޅު އަދި ކުރީގެ ބޮޑުވަޒީރު ރަފީޤް އަލް ޙަރީރީއެކޭ އެއްފަދައިން އެ މަނިކުފާނުވެސް މަރާލަން ބަޔަކު ސިއްރިއްޔާތުގައި ރާވަމުންދާކަމަށާއި، އެ މަނިކުފާނު އިސްތިޢުފާ ދެއްވަނީ ލުބްނާންގެ ރައްޔިތުން އެމަނިކުފާނަށް ކުރައްވާފައިވާ އިތުބާރު ގެއްލެން ބޭނުންފުޅު ނުވާތީ ކަމަށް ވިދާޅުވެފައެވެ.

އެ ޚިޠާބުގައި ޙަރީރީ ވަނީ، އީރާނާއި ލުބްނާނުގައި ހަރަކާތްތެރިވާ، އީރާނަށް ވާގިވެރިވާ ޖަމާޢަތެއްކަމުގައިވާ ޙިޒްބުﷲ އަށް ހަރުކަށި ބަހުގެ ހަމަލާތަކެއް ރައްދުކުރައްވާފައެވެ. އީރާނާއި އެ ޤައުމަށް ތާއީދުކުރާ ފަރާތްތަކުން ޢަރަބި ދުނިޔޭގެ ކަންކަމަށް ނުފޫޒު ފޯރުވުމަށް ކުރަމުންދާ މަސައްކަތްތަކުގައި މިހާރު ނާކާމިޔާބީއާ ކުރިމަތިވާން ފަށާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

އަދި ބަހްރެއިނާއި ޔަމަނެކޭ އެއްފަދައިން، ލުބްނާނުގައިވެސް އީރާނާއި އެ ޤައުމަށް ވާގިވެރިވެދޭ ފަރާތްތަކުން މަސައްކަތްކުރުމަށް "ދިއްކުރާ އަތްތައް ބުރިކޮށްލާ" މަންޒަރު ފެންނާނެކަމަށާއި، ނުބައި ހުރިހާ ކަމެއް އެ ޢަމަލުތައް ހިންގި މީހުންނަށް ރައްދުވާ ދުވަސް އަންނާނެކަމަށް ޙަރީރީ ވިދާޅުވިއެވެ. ސާދް އަލް ޙަރީރީ ލުބްނާންގެ ބޮޑުވަޒީރު ކަމާއި ހަވާލުވެވަޑައިގަތީ މިދިޔަ އަހަރު، ސިޔާސީ އެއްބަސްވުމެއްގެ ދަށުންނެވެ.