ޚަބަރު

ނޭޕާލު ޔުނިވަރސިޓީތަކުން ދަރިވަރުންނަށް އިތުރު ޖާގަ ހޯއްދަވަނީ


ނޭޕާލުގައި ތަޢުލީމް ޙާޞިލުކުރާ ދިވެހި ދަރިވަރުންނަށް ނޭޕާލްގެ ޔުނިވަރސިޓީތަކުން ދެއްވާ ޖާގަ އިތުރުކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ނޭޕާލުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރުގެ އަރިހުން އެދިވަޑައިގެންފިއެވެ. 

ނޭޕާލް ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު، ޕްރޮފެސަރ ބިޝްވަމްބަރް ޕްޔާކުރްޔަލް، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު އެރުވުމަށް ބޭއްވެވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ނޭޕާލްއަކީ ރާއްޖޭއަށް މުހިއްމު ޤައުމެއްކަމަށް ވިދާޅުވެ ނޭޕާލުން ރާއްޖެއަށް ދެއްވާ އެއްބާރުލުން ފާހަގަކުރެއްވިއެވެ. މިގޮތުން ނޭޕާލް ސަރުކާރުން ރާއްޖޭގެ ޞިއްޙީ ދާއިރާ ތަރައްޤީ ކުރެއްވުމަށް ދެއްވަމުން ގެންދަވާ އެއްބާރުލެއްވުން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި ޞިއްޙީ ދާއިރާއިން ނޭޕާލްގައި ތަޢުލީމު ޙާޞިލުކުރާ ދިވެހި ދަރިވަރުންނަށް ނޭޕާލްގެ ޔުނިވަރސިޓީތަކުން ދެއްވާ ޖާގަ އިތުރުކޮށްދެއްވުމަށް، ނޭޕާލްގެ އާ ސަފީރުގެ އަރިހުން ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ. 

ރައީސް ޔާމީންގެ ވާހަކަފުޅުގައި ރާއްޖެއާއި ނޭޕާލާ ދެމެދުގައިވާ ޚާރިޖީ ގުޅުން ނޭޕާލުގެ އާ ސަފީރުގެ ދައުރުގައި އިތުރަށް ބަދަހިވެގެންދާނެކަމަށް އުއްމީދުކުރައްވާކަމުގައި ވިދާޅުވެ، ބައިނަލްއަޤްވާމީ އަދި ސަރަޙައްދީ މަސްރަޙުގައި، ރާއްޖެއާއި ނޭޕާލާ އެއްޤައުމު އަނެއް ޤައުމަށް ދެއްވަމުންގެންދަވާ އެއްބާރުލެއްވުން އިތުރުވެ އެކި ދާއިރާތަކުން ގުޅުން ބަދަހިވާނެކަމަށް އުއްމީދުކުރައްވާކަމުގައި ވިދާޅުވިއެވެ.

img:http://s1.psmnews.mv/images/660x400/15098854369153.jpg|ނޭޕާލް ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާ އާ ސަފީރު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އެރުވުމަށް ބޭއްވެވި ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: ރައީސް އޮފީސް

ނޭޕާލްގެ ސަފީރު ދެއްކެވި ވާހަކަފުޅުގައި، ނޭޕާލް ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު ކަމުގައި އެމަނިކުފާނަށް މަސައްކަތްކުރެއްވުމަށް މި ލިބުނު ފުރުޞަތަކީ އެކަމާ ފަޚުރުވެރިވާ ކަމެއްކަމަށާއި، ރާއްޖެއާއި ނޭޕާލާ ދެ ޤައުމަށް ފައިދާ ވާގޮތަށް ދެޤައުމުގެ ދޭތެރޭގައިވާ ގުޅުން އެކި ދާއިރާއިން އިތުރަށް ބަދަހިކުރެއްވުމަށް ޝައުޤުވެރިވާކަމުގައި ނޭޕާލްގެ އާ ސަފީރު ވިދާޅުވިއެވެ.

ނޭޕާލް ސަރުކާރުން ރާއްޖެއަށް ކަނޑައެޅި އާ ސަފީރުގެ ފަތްކޮޅު އެރުވުމަށް ބޭއްވެވި ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑޮކްޓަރ މުޙައްމަދު ޢާޞިމާއި، ‏‏ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން ރިލޭޝަންސް މުޙައްމަދު ނަޞީރު ބައިވެރިވެވަޑައިގެންނެވިއެވެ. 

ފަތްކޮޅު އެރުއްވުމަށްފަހު، ނޭޕާލްގެ އާ ސަފީރާ ރައީސުލްޖުމްހޫރިއްޔާ ތަޙުނިޔާ ވިދާޅުވެ، އެޤައުމުގެ ރައީސަށާއި، ބޮޑުވަޒީރަށް ހެޔޮއެދުންތައް ފޮނުއްވިއެވެ. 

ރާއްޖެއާއި ނޭޕާލާ ދެމެދު ސިޔާސީ ގުޅުން ޤާއިމްކުރެވިފައިވަނީ 1 އޮގަސްޓު 1980 ވަނަ އަހަރުގައެވެ.