ޚަބަރު

މިޤައުމަށް ޚިޔާނަތްތެރިވެފައިވާ ބަޔަކު ދަނީ މިޖައްވަށް ނޭވާލަމުން


ގައުމަށް ހިޔާނާތްތެރިވެފައިވާ މީހުން މި ގައުމުގެ މިނިވަން ޖައްވަށް މިއަދުވެސް ނޭވާލަމުންދާ ކަމަށް ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ. 

ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ކަޅުތުއްކަލާ ކޮށީގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ޢުމަރު ވިދާޅުވީ، މީގެ 29 އަހަރު ކުރިން ދިން ޢުދުވާނީ ހަމަލާއިން ރާއްޖެއިން ލިބިގެން ދިޔަ ނަޞްރުގެ މަތިން ހަނދާކޮށް އެ ދުވަސް ދިވެހިން ފާހަގަކުރަމުންދާއިރު، މިއަދު ރާއްޖޭގައި ޤާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ވައްޓާލުމަށް ބަޔަކު މީހުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެހެންކަމުން އެކަންކަމަށް ދިވެހި އެންމެހާ ރައްޔިތުން ސަމާލުވެ ތިބުމަކީ މުހިއްމު ކަމެއް ކަމަށް މިނިސްޓަރގެ ވާހަކަފުޅުގައި ވިދާޅުވިއެވެ. 

ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ޢުމަރު ވިދާޅުވީ އެފަދައިން ކުރިމަތިވާ ކޮންމެ ކަމެއް ދިފާޢު ކުރުމަށް މި ޤައުމަށް ތެދުވެރި، ރައްޔިތުންދެކެ ލޯބިވާ ވެރިޔަކު ހުންނަވާ ކަމަށެވެ.

img:http://s2.psmnews.mv/images/660x400/15097271170581.jpg|ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގެ ތެރެއިން / ފޮޓޯ: ޕީއެސްއެމް

ދިވެހިންގެ ތެރެއިން ބަޔަކު ޤައުމަށް ޤައްދާރުވެ، ލަންކާގެ ހަނގުރާމަވެރި ޖަމާޢަތަކާ ގުޅިގެން ރާއްޖޭގެ ވެރިރަށް ފުރަ މާލެއަށް ދިން ޢުދުވާނީ ޙަމަލާއިން ރާއްޖެ ސަލާމަތްވެ ރާއްޖެއަށް ލިބުން ނަޞްރުގެ މަތިން ހަނދާންކޮށް އެކަން އާލާ ކުރުމުގެ ގޮތުން ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޑިފެންސް މިނިސްޓަރ ވިދާޅުވީ އިންސާނުން ދުނިޔޭގައި ދިރިއުޅެމުންދާއިރު އަދި ރާއްޖޭގެ އަސްކަރިއްޔާއިން އެ މީހުންގެ ވާޖިބު އޭގެ އެންމެ ފުރިހަމަ ގޮތުގައި އަދާކުރަމުންދާއިރު ދުނިޔޭގެ އެކި ހިސާބުތަކުގައި ހިތް ނޭދޭ އެތައް ކަމެއް ވެގެންދާއިރު އޭގެ އަސަރު މި ޤައުމަށްވެސް ކުރާނެ ކަމަށެވެ.

ޑިފެންސް މިނިސްޓަރ ވިދާޅުވީ، ދިވެހިންނާ ލާމެހިފައިވާ އެތައް ކަމެއް މިއަދު ހިނގަމުންދާއިރު އެކަން ކަމުންވެސް ދިވެހިންނަށް ގެއްލުން ލިބިގެންދާނެ ކަމަށެވެ. އަދި އެކަންކަމަށް ދިވެހިން ސަމާލުވުމަކީ މުހިއްމު ކަމެއް ކަމަށް ޑިފެންސް މިނިސްޓަރގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

ނަސްރުގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމީ ޖަލްސާގައި ސިފައިންގެ އިސްވެރިންނާ ސިފައިންގޭގައި ކުރިން ޚިދުމަތްކުރެއްވި ބޭކަލުން ބައިވެރިވެވަޑައިގަތެވެ.