ޚަބަރު

އޭބީޔޫގެ 54 ވަނަ އަހަރީ އާންމު ބައްދަލުވުން ފަށައިފި


އޭޝިއާ ޕެސިފިކް ބްރޯޑްކާސްޓިން ޔޫނިއަން (އޭބީޔޫ)ގެ 54 ވަނަ އަހަރީ އާންމު ބައްދަލުވުން ފަށައިފިއެވެ. 

ޗައިނާގެ ޗެންގޑޫ ޕްރޮވިންސްގައި ކުރިއަށްދާ މި ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ބައިވެރިވަނީ ޕަބްލިކް ސާރވިސް މީޑިއާ، ޕީއެސްއެމުންނެވެ. މި ބައްދަލުވުމުގައި ޕީއެސްއެމްގެ ޗެއަރމަން އިބްރާހިމް އުމަރު މަނިކާއި، ބޯޑު ޑިރެކްޓަރ މުހައްމަދު ޝާގިލް، ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އާމިނަތު ޝަޔަން ޝާހިދާއި، ޓީވީއެމްގެ ޑިރެކްޓަރ މުޙައްމަދު ނިޔާޒް ބައިވެރިވެވަޑައިގަންނަވައެވެ. 

މާދަމާގެ ނިޔަލަށް ކުރިއަށްދާ އޭބީޔޫގެ ޢާންމު ބައްދަލުވުމުގައި، އޭޝިއާ ޕެސިފިކް ސަރަޙައްދުގެ ބްރޯޑްކާސްޓިންގ ދާއިރާގެ އިސްވެރިން އެއްތަނަކުން ބައްދަލުވެ މެންބަރު ގައުމުތަކުގެ ތަޖުރިބާތަކުގެ ކަރުދާސްތައް ހުށަހަޅާ މަޝްވަރާކުރާނެއެވެ. އަދި ޓެކްނޮލޮޖީގެ ކުރިއެރުންތަކާއި މެދު މަޝްވަރާކޮށް، އޭބީޔޫން ކުރިއަށްގެންދާ ހަރަކާތްތަކުގެ ރިޕޯޓް ހުށައަޅާނެއެވެ.

އޭބީޔޫ އާންމު ބައްދަލުވުމުގައި އޭޝިއާ ޕެސިފިކް ސަރަޙައްދުގެ ފަންސާސް ނުވަ ޤައުމަކުން ބައިވެރިވެއެވެ. އޭބީޔޫ އާންމު ބައްދަލުވުމާ ދިމާކޮށް ބޭއްވި އޭބީޔޫ ސޯންގ ފެސްޓިވަލުގައިވެސް ޕީއެސްއެމް ބައިވެރިވެފައިވެއެވެ. މި ފެސްޓިވަލްގައި ރާއްޖެ ތަމްސީލްކޮށްފައިވަނީ މޯލްޑިވިއަން އައިޑޮލްގެ ދެވަނަ ސީޒަން ކާމިޔާބުކުރި މުހައްމަދު ތަސްނީމްއެވެ.

އޭބިޔޫއަކީ ދުނިޔޭގެ ބްރޯޑްކާސްޓަރުންގެ ތަރައްގީއަށް މަސައްކަތް ކުރާ އެންމެ ބޮޑު އެއް ޖަމާއަތެވެ. އޭބީޔޫގެ މެންބަރު ގައުމުތަކުގެ ތެރޭގައި ރާއްޖޭގެ އިތުރުން އޮސްޓްރޭލިއާ، ޗައިނާ، ޖަޕާން، ސައުތް ކޮރެއާ ފަދަ ޤައުމުތައް ހިމެނެއެވެ.