ކުޅިވަރު

ބަލިވިޔަސް ކުޅުންތެރިން ހިތްވަރު ކުރި ސާންތި


މެޗް ނިމެން ދެ މިނެޓަށް ވެފައިވަނިކޮށް، ބަނގްލަދޭޝްއިން ކާމިޔާބުކުރި ގޯލާއެކު އޭއެފްސީ ނަވާރަ އަހަރުން ދަށުގެ ޗެންޕިއަންޝިޕް ކޮލިފިކޭޝަންގައި ރާއްޖެ ބަނގްލަދޭޝް އަތުން ބަލިވެއްޖެއެވެ. 

މެޗުން ރާއްޖެ ބަލިވެފައިވަނީ އެއް ލަނޑު ސުން ލަނޑުންނެވެ. މެޗްގައި ޖެހި ހަމައެކަނި ލަނޑު ބަންގްލަދޭޝްއަށް ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް މަޙްބުރު ރަޙްމާންއެވެ. މެޗްގައި ރާއްޖެއަށް ލަނޑުޖަހާނެ މާގިނަ ފުރުސަތުތަކެއް ނުލިބެއެވެ. އޭގެ ބަދަލުގައި ރާއްޖޭގެ ޓީމުން ވަނީ ބަނގްލަދޭޝްގެ ގިނަ ހަމަލާތަކެއް ހުއްޓުވާފައެވެ. މެޗަށްފަހު ނަވަރާ އަހަރުން ދަށުގެ ޓީމްގެ ކޯޗް އިހުސާން އަބްދުލް ޣަނީ ( ސާންތި ) ބުނީ މެޗުން ބަލިވިނަމަވެސް ރާއްޖޭގެ ކުޅުންތެރިންގެ ފަރާތުން ފެނުނު ހިތްވަރަށް ސާބަސްދޭކަމަށެވެ. ހާއްސަކޮށް ކުޅުންތެރިން ކުރި މަސައްކަތް  ފާހަގަކޮށްލެވޭކަމަށެވެ.

"މިއަދު މެޗުގައި ތައްޔާރުވުމުގެ މައްސަލަތައްވެސް ދިމާވި. ކޮންމެ ގޮތެއްވިއަސް ބަނގްލަދޭޝްގެ މިޓީމަކީ މިދިޔަ އަހަރުގެ 16 އަހަރުން ދަށުން ސާފް ޗެންޕިއަންޝިޕްގެ ޗެންޕިއަނުން. އެއޮތްގޮތަށް އެޓީމް އެދަނީ ފަރިތަކުރުންތައް ކުރިއަށްގެންދަމުން. އަދި ގިނަ ކުޅުންތެރިންނަކީ ބަނގްލަދޭޝްގެ ޕްރިމިއަރ ލީގުގެ ޓީމްތަކުގެ ފުރަތަމަ އެގާރައިގައި ކުޅޭ ކުޅުންތެރިން. އެހެންވީމަ މިފެންނަނީ ތަޖުރިބާގެވެސް ތަފާތު. ނަމަވެސް އަޅުގަނޑުމެންގެ ކުޅުންތެރިން ކުރިއަރަމުން އަންނަތަން އެބަފެނޭ. މިވީ ހަތަރު މަސްދުވަހާއި އަޅާ ބަލާއިރު، ކުޅުންތެރިން މަޑުމަޑުން ކުރިއަރަމުން އަންނަތަން އެބަފެނޭ." މެޗަށްފަހު ސާންތި ބުންޏެވެ.

ސާންތި ބުނީ ކީރަރު އަތުން ދޫވި ބޯޅައަކުން ގޯލް ވަތްކަމުގައި ވީނަމަވެސް، ކީޕަރުގެ ކުޅުމަށް ބުނާނެ އެއްވެސް އެއްޗެއް ނެތްކަމަށެވެ. ސަމާޙު ވަނީ ބަނގްލަދޭޝްއަށް ލިބުނު ގިނަ ފުރުސަތުތައް ދިފާޢުކޮށްފައެވެ. ކީޕަރު މެޗުގައި ވަރަށް މޮޅަށް ކުޅުނުކަމަށް ސާންތި ބުންޏެވެ. މިފެންވަރުގައި މިސްޓޭކްވެސް ހެދޭނެކަމަށާއި، ކޮންމެ ދުވަހަކީ މިސްޓޭކެއް ނެހެދި މެޗް ނިމިގެންދާނެ ދުވަހެއް ނޫންކަންވެސް ސާންތި ފާހަގަކުރިއެވެ.

" ކީޕަރު އަތުން ރީބައުންސް ނުކުތްކަމުގައި ވީނަމަވެސް، އަޅުގަނޑަށް މިއަދު ފެންނަނީ ސަމާޙު ކުރި ރަނގަޅު ކަންތައްތައް، ކުރި ސޭވްތަކާއި އެއްޗެހި. މިތަނަށް އައިރުވެސް އަޅުގަނޑުމެންނަށް މިގެނެވުނީ ދެ ގޯލް ކީޕަރުން. ގޯލް ކީޕަރުންގެ ދަތިކަން ހުރިވަރު އެބައިނގޭ އަޅުގަނޑުމެންނަށް. ކުރިއަށް ހުރި މެޗުތަކުންވެސް މިސްޓޭކް ހަދައިގެން އެކުދިންނަށް ކަންތައްތައް ދަސްވާނީވެސް. ކީޕަރު ސަމާޙު އަދި ވަރަށް ޅަ، އެހެންވީމަ އަދި ވަރަށް ބައިވަރު ކަންތައްތައް އެކުދިން ދަސްކުރަން ޖެހޭނެ." ސާންތި ބުންޏެވެ.

ރާއްޖެއަށް މުބާރާތުގައި ދެން އޮތީ އުނދަގޫ ދެ މެޗެވެ.