ކުޅިވަރު

ޤައުމީ ބާސްކެޓް ލީގުގެ އަންހެން ޑިވިޝަން ފަށައިފި


ޤައުމީ ބާސްކެޓް ބޯޅަ ލީގުގެ އަންހެން ޑިވިޝަންގައި އާދަޔާ ޚީލާފް ބޮޑު ތަފާތަކުން ފުލިދޫގެ މައްޗަށް ޖިބިއްލީ ސްޕޯރޓްސް ކްލަބް ކުރި ހޯދައިފިއެވެ. 

އަންހެން ޑިވިޝަންގެ ފުރަތަމަ މެޗުގައި ފުލިދޫ ޔޫތް ސްޕޯރޓްސް ކްލަބަށް ހޯދުނީ އެންމެ 3 ޕޮއިންޓެވެ. ޖިބިއްލީ ސްޕޯރޓްސް ކްލަބް ވަނީ 157 ޕޮއިންޓް ހޯދާފައެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ޖިބިއްލީ ސްޕޯރޓްސް ކްލަބްގެ އާމިނަތު ޝިއުރާއެވެ. 

އަންހެން ޑިވިޝަންގެ ދެވަނަ މެޗު ކާމިޔާބުކުރީ ސައިކްލޯން ބީސީއެވެ. ރޭ ކުޅުނު މެޗު އެޓީމް ކާމިޔާބުކުރީ ރެޑްވިންގްސް ބީސީއާއި ވާދަކޮށް 64 ޕޮއިންޓް، 37 ޕޮއިންޓުންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ސައިކްލޯން ބީސީގެ ރާއިފާ އިބްރާހީމްއެވެ. އަންހެން ޑިވިޝަންގައި ވާދަކުރަނީ މިހަތަރު ޓީމެވެ.

 މުބާރާތުގައި މިއަދު ހަވީރު ވާދަކުރާނީ ފިރިހެން ޑިވިޝަންގެ ޓީރެކްސްއާއި ރެޕްޓުއާރސްއެވެ. ޓީރެކްސް ވަނީ ފުރަތަމަ މެޗުގައި ކިންގގްސް ބީސީ އަތުން 94 ޕޮއިންޓް 78 ޕޮއިންޓުން ބަލިވެފައެވެ. ރެޕްޓުއަރސް ވަނީ ދަ ބައުސްއާއި ވާދަކޮށް 87 ޕޮއިންޓް 82 ޕޮއިންޓުން ކުރި ހޯދާ ފުރަތަމަ މެޗު ކާމިޔާބުކޮށްފައެވެ. ފިރިހެން ޑިވިޝަންގައި ވާދަކުރަނީ މިހަތަރު ޓީމެވެ. މިމަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓްގައި މުބާރާތް ކުރިއަށްދާނެއެވެ.