ޚަބަރު

ޕާކިސްތާނު ސަފީރު އޯޓިޒަމް ސެންޓަރަށް ޒިޔާރަތްކުރައްވައިފި


ޕާކިސްތާނުން ރާއްޖެއަށް ކަނޑައަޅުއްވާފަ ހުންނަވާ ސަފީރު ސަޢީދު ޚަވާރު އަލީ ޝާހް އޯޓިޒަމް ސެންޓަރަށް ޒިޔާރަތްކޮށް އެތަނުން ފަރުވާ ހޯދާ ކުދިންގެ ހާލު ބައްލަވާލައްވައިފިއެވެ.

މި ޒިޔާރަތުގައި ސަފީރު ވަނީ އެމަރުކަޒުގައި މަސައްކަތްކުރާ މުވައްޒަފުންނާވެސް ބައްދަލުކުރައްވާފައެވެ. އަދި އެ މަރުކަޒަށް ފައިސާގެ އެހީއެއްވެސް ވަނީ ވެދެއްވާފައެވެ. މިޒިޔާރަތުގައި ސަފީރުގެ އަނބިކަނބަލުން ދިލްޝާދު ސަޢީދު ޚާން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ސަޢީދު ޚަވާރު އަލީ ޝާހް ވަނީ އޯޓިޒިމް ސެންޓަރުގައި މަސައްކަތް ކުރައްވަމުންގެންދަވާ މުވައްޒަފުންނަށް ތައުރީފުކުރައްވާފައެވެ. އަދި ޕާކިސްތާނުން އަބަދުވެސް މިފަދަ ކުދިންނަށް އެހީތެރިވެދެއްވަމުން ގެންދާވާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އޯޓިޒަމް އެސޯސިއޭޝަނަކީ، އޯޓިޒަމް ހުންނަ، ސްކޫލް އުމުރުގެ ކުދިންނަށް ބޭނުންވާ ފަރުވާ ދިނުމަށް ދެހާސް ދިހަވަނަ އަހަރު އުފެއްދި އެސޯސިއޭޝަނެކެވެ.  

އޯޓިޒަމް ހުންނަ ކުދިންނަށް ފަރުވާދިނުމަށް ހަތަރު ކުދިންނާއެކު ސެންޓަރެއް ހުޅުވައި ފަރުވާދޭން ފެށިނަމަވެސް، މިދިޔަ ޖުލައި މަހު ވަނީ ހުޅުމާލޭގައި ހަ ބުރީގެ އިމާރާތެއް ހުޅުވާފައެވެ. މިތަނުން އެއް ފަހަރާ ތިންސަތޭކައަށްވުރެ ގިނަ ކުދިންނަށް ޚިދުމަތްދެވެއެވެ.