ޚަބަރު

ސައިކުރާ ރަޝީދާ އަވަހާރަވެއްޖެ


ދިވެހި ސަރުކާރަށް، ޚާއްޞަކޮށް ދިވެހިރާއްޖޭގެ އަޑަށް ދިގު މުއްދަތަކަށް ޚިދުމަތްކުރެއްވި ހ.ހޮޅުދޫގޭ ރަޝީދާ ނައީމް، ސައިކުރާ ރަޝީދާ އަވަހާރަވެއްޖެއެވެ.

ރަޝީދާ އަވަހާރަވީ ގިނަ ދުވަސްތަކެއް ވަންދެން އާލާސްކަންފުޅާ އުޅުމަށްފަހު. އަވަހާރަވިއިރު ރަޝީދާގެ އުމުރުފުޅަކީ 68 އަހަރެވެ.

މަރުޙޫމާ ރަޝީދާ ނައީމް، ދިވެހި ޤައުމީ ރޭޑިއޯއާ ގުޅިވަޑައިގެންފައިވަނީ 1974 ވަނަ އަހަރުގެ ޖުލައި މަހުގެ އެއްވަނަ ދުވަހުއެވެ. އެންމެ ފުރަތަމަ އަދާކުރައްވާފައިވަނީ އިދާރީ މަޤާމެކެވެ. 20 ފެބްރުއަރީ 1980ގައި ކޯހެއްގައި ދިއުމާއި ގުޅިގެން ވަޒީފާ މެދުކެނޑޭގޮތަށް ވަޒީފާއިން ވަކި ކުރެއްވުނެވެ.

މަރުޙޫމާ ރަޝީދާ ނައީމް، ދިވެހިރާއްޖޭގެ އަޑަށް ޚިދުމަތްކުރެއްވިގޮތަށް ބަލާއިރު، 1 ޑިސެމްބަރ 1982ގައި ޕްރޮޑިއުސަރަކަށް ބަދަލުކުރެއްވުނެވެ. އަދި 1 އޭޕްރީލް 2004ގައި ޕްރޮގްރާމް އޮގަނައިޒަރަކަށް ބަދަލުކުރެއްވުނެވެ.

މަރުޙޫމާ ރަޝީދާ ނައީމަށް ޕެންޝަން ލިބިވަޑައިގެންފައިވަނީ 1 އޭޕްރީލް 1984ގައެވެ. އަދި 55 އަހަރު ވުމާގުޅިގެން ރިޓަޔަރ ކުރައްވާފައިވަނީ 8 އޭޕްރީލް 2009ގައެވެ.

ސިއްޙީ ޙާލަތު ހުރިގޮތުން މަސައްކަތަށް އޮފީހަށް ހާޟިރުވެވަޑައިނުގެންނެވޭއިރުވެސް، ރަޝީދާގެ ޚިދުމަތް ދިވެހިރާއްޖޭގެ އަޑަށް ލިބެމުން ގޮސްފައިވެއެވެ. އެގޮތުން ގޭގައި އިންނަވައިގެން، ޕްރޮގްރާމް ސްކްރިޕްޓާއި، ޑްރާމާ ލިޔުއްވުންފަދަ ފަންނީ މުހިންމު މަސައްކަތްތަކެއް ކުރައްވާފައިވެއެވެ.

މަރުޙޫމާ ރަޝީދާ ނައީމް، ދިވެހި ދަޢުލަތަށް 45 އަހަރު ޚިދުމަތްކުރައްވާފައިވާއިރު، އެންމެ ގިނަ ދުވަހު ޚިދުމަތްކުރައްވާފައިވަނީ ދިވެހި ޤައުމީ ރޭޑިޔޯގައެވެ. ވަޒީރަތުއް ދާޚިލިއްޔާގައިވެސް ރަޝީދާ ޚިދުމަތް ކުރައްވާފައިވެއެވެ.

މަރުޙޫމާ ރަޝީދާ ނައީމްގެ މައްޗަށް ކުރެވޭ ކަށުނަމާދު މިއަދުގެ އަސުރުނަމާދަށްފަހު ފުރުޤާން މިސްކިތުގައި އޮންނާނެއެވެ.