ޚަބަރު

ދިރާގު ރޯޑްރޭސް މިމަހުގެ 24 ވަނަ ދުވަހު ބާއްވަނީ


މިއަހަރުގެ ދިރާގު ރޯޑްރޭސް މިމަހުގެ 24 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާކަމަށް ދިރާގުން ބުނެފިއެވެ.

ހުރިހާ ޢުމުރުފުރާއަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ ދިރާގު ރޯޑްރޭހަކީ ދުޅަހެޔޮކަމާއި، އާއިލީ ގުޅުމާއި ރަހުމަތްތެރިކަން އާލާކުރުމުގެ މަޤުސަދުގައި ދިރާގުން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ އިވެންޓެކެވެ. މިރޭހުގައި 5 ކިލޯމީޓަރާއި 10 ކިލޯމީޓަރުގެ 2 ކެޓަގަރީއަކުން ދުވުމަށް ހަމަޖެހިފައިވެއެވެ.

މިއަހަރުގެ ރޭހުގެ ޝިއާރަކީ ކުޑަކުދިންގެ ހައްޤުތަށް ޙިމާޔަތްކޮށް ރައްކާތެރިކުރުން. ކުޑަކުދިންގެ ހައްޤުތަށް ޙިމާޔަތްކުރުމަށް މަސައްކަތްކުރާ ބައެއް މަދަނީ ޖަމްޢިއްޔާތަކުން މި އިވެންޓްގައި ބައިވެރިވެއެވެ.

މި އިވެންޓްގައި ބައިވެރިވާ ޖަމްޢިއްޔާތަކުން ރަޖިސްޓްރީކުރުމުން، ރޯޑްރޭހުގައި ދުވާ ކޮންމެ ދުވުންތެރިއަކަށްވެސް އެމީހެއްގެ ދުވުން ޚާއްސަކުރާނީ ކޮން ޖަމްޢިއްޔާއަކަށްކަން ކަނޑައެޅުމުގެ ފުރުސަތު ލިބޭނެެއެވެ. އެންމެ ގިނަ ދުވުންތެރިން އިޚްތިޔާރުކުރާ 5 ޖަމްޢިއްޔާއަކަށް 2 ލައްކަ ރުފިޔާ ދިރާގުން ހަދިޔާކުރާނެއެވެ. އަދި ދުވުންތެރިން ގަންނަ ޓީޝާޓުން ލިބޭ ފައިސާ ކުޑަކުދިންގެ ހައްގުގައި މަސައްކަތްކުރާ ޖަމްޢިއްޔާތަކަށް ހަދިޔާކުރުމަށްވަނީ ނިންމާފައެވެ.

ދިރާގު ރޯޑްރޭހަކީ ދިވެހިރާއްޖޭގައި ބާއްވާ އެންމެ ބޮޑު އަދި ބައިނަލްއަޤްވާމީ ގޮތުން އެކްރެޑިޓްކޮށްފައިވާ ހަމައެކަނި ދުވުމުގެ އިވެންޓެވެ. މިއީ ޖެހިޖެހިގެން ދިރާގު ރޯޑްރޭސް ބާއްވާ 11 ވަނަ އަހަރެވެ.