ކުޅިވަރު

ޒުވާން ޓީމް މިއަދު ބަނގްލަދޭޝްއާ ދެކޮޅަށް


ބަނގްލަދޭޝްއާ ދެކޮޅަށް ނިކުންނާނީ ޑިފެންސިވް ގޭމަކަށް ވިސްނައިގެންކަމަށް ނަވާރަ އަހަރުން ދަށުގެ ޤައުމީ ޓީމްގެ ކޯޗް އިހުސާން އަބްދުލް ޣަނީ (ސާންތި) ބުނެފިއެވެ. 

އޭއެފްސީ ނަވާރަ އަހަރުން ދަށުގެ ޗެންޕިއަންޝިޕް ކޮލިފިކޭޝަންގައި މިއަދު ބަނގްލަދޭޝްއާއި ދެކޮޅަށް ނިކުންނަ މެޗާ ގުޅޭ ގޮތުން ސާންތި ބުނީ ލަންކާއަށްވުރެ ހުރިހާ ގޮތަކުންވެސް ބަނގްލަދޭޝް ވަރުގަދަވާނެކަމަށާއި، ނިމިގެންދިޔަ ސާފް ޗެންޕިއަންޝިޕްގައި ބަނގަލޭޝްއާއި ވާދަކޮށްފައިވުމަކީ އެޓީމް ދެނެގަތުމަށް ލިބިގެންދިޔަ ވަރަށް ރަނގަޅު ފުރުސަތެއްކަމަށެވެ. ބަނގްލަދޭޝް ކުޅުންތެރިންނަކީ ފިޒިކަލީ ވަރުގަދަ ކުޅުންތެރިންތަކެއްކަމަށާއި، ލަންކާ މެޗަށް ވުރެ ބޮޑަށް، ބަނގްލަދޭޝް މެޗުގައި ޑިފެންސްއަށް ސަމާލުކަން ދޭންޖެހޭނެކަމަށްވެސް ސާންތި ބުންޏެވެ. ކައުންޓަރގައި ލިބޭ ފުރުސަތުތަކުގެ ބޭނުން ހިފިއްޖެނަމަ، ބަނގަލްދޭޝްވެސް ރާއްޖެއަށް ބަލިކުރެވިދާނެކަމަށް ކޯޗު ބުންޏެވެ.

" އަޅުގަނޑުމެން މަސައްކަތް ކުރާނީ ބަނގްލަދޭޝް ވިޔަސް، އަދި ކޮންމެ ޓީމެއް އިދިކޮޅުން އޮތްކަމުގައި ވީނަމަވެސް ބައިކޮޅަށް ވަންނަ ގޯލް މަދުކޮށް އެންމެ މަދުވެގެން ޕޮއިންޓެއް ހޯދަން. މަސައްކަތް ކުރުމަކީ އަޅުގަނޑުމެންގެ އަތްމަތީގައި އޮތްކަމެއް. ޓީމްގެ ކުޅުންތެރިން ތިބީ އެއްވެސް ވަރަކަށް ދޫކުރާ ގޮތަކަށް ނޫން. ބަނގްލަދޭޝް މެޗް ކޮންމެ ގޮތަކަށްވެސް ނިމިގެން ހިނގައިދާނެ. ފުޓްބޯޅައިގައި މާކުރިން ނަތީޖާ ބުނަން އުނދަގޫވާނެ." ތަޖަކިސްތާނުގައި ހުރެ ސާންތި ބުންޏެވެ.

ސާންތި ބުނީ ބަނގްލަދޭޝް މެޗުގައި ފެށުން ރަނގަޅު ކުރުން ވަރަށް މުހިންމުކަމަށެވެ. ފެށުން ރަނގަޅުވެއްޖެނަމަ، މެޗު ކާމިޔާބުކުރަން ފަސޭހަވާނެކަމަށްވެސް ސާންތި ފާހަގަކުރިއެވެ. 

ކޮލިފިކޭޝަންގައި ރާއްޖެއާއި ބަނގްލަދޭޝް ވާދަކުރާ މެޗް ފެށުމަށް ހަމަޖެހިފައިވަނީ މިއަދު މެންދުރު ތިނެއް ޖަހާއިރުއެވެ.