ޚަބަރު

އިނގިރޭސީންގެ ކިބައިން ނަގަންޖެހޭ ފިލާވަޅެއް ނެތް- ރައީސް


އިނގިރޭސީންނަކީ ވަރަށްގިނަ ކަންކަން އިޖާދުކުރި ބައެއްކަމަށާ، އެހެންނަމަވެސް މިއަދު އިނގިރޭސީންގެ ކިބައިން ދިވެހިން ނަގަންޖެހޭ އެއްވެސް ފިލާވަޅެއް ނެތްކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ފ.ނިލަންދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ. ރައީސް ވިދާޅުވީ، އިނގިރޭސީންނަކީ ވަރަށްގިނަ ކަންކަން އީޖާދުކުރި ބައެއްނަމަވެސް، ވަކިހިސާބަކުން އެމީހުނަށްވުރެ މާމޮޅަށް ކުދި ޤައުމުތަކުން އެފަދަ އީޖާދުތައް ދުނިޔެއަށް ތަޢާރަފްކޮށްފައިވާކަމަށެވެ. އެހެންކަމުން މިއަދު އިނގިރޭސީންގެ ކިބައިން ދިވެހިން ދަސްކުރަންޖެހޭ މަގިނަ ފިލާވަޅުތަކެއް ނެތްކަމަށާ، ރާއްޖެއިން ނަގައިދޭ ފިލާވަޅުތައް އިނގިރޭސީން މިހާރު މާގިނައިން ދަސްކުރަމުންދާކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މި ސަރުކާރުން ފަށަގައިގެން މިއުޅެނީ ވަރަށް ދިގު ދަތުރެއްކަމަށާއި، ރާއްޖެއަށް ޑިމޮކްރަސީގެ އުސޫލުތައް ތަޢާރަފްކޮށް ބާރުތައް ވަކިކޮށް، ހަވާސާވެފައިވާ ނިކަމެތިންނާއި، ކުޑަކުދިންގެ ހައްޤުތައް ކަށަވަރުކޮށް، ނިޒާމްތަކެއް މިހާރު ޤާއިމުކޮށްފައިވާ ކަމަށެވެ.

ޑިމޮކްރަސީގެ އުސޫލްތަކާއި ހަމަތަކުގެމަތިން ކަންކަން ކުރެވޭތޯ މިސަރުކާރުން މަސައްކަތްކުރަމުންދާކަމަށާ، އެހެންނަމަވެސް ހައްޤުތައް ކަށަވަރުކޮށްދީ އިންސާފްވެރިކަމާއެކު ޤާނޫނުގެ ވެރިކަން ދަމަހައްޓަން އިދިކޮޅު ފަރާތްތަކުން ބޭނުންނުވާކަމަށް ރައީސް ވިދާޅުވިއެވެ.