ޚަބަރު

"މި ސަރުކާރުގައި ޤާނޫނުގެ ކުރިމަތީގައި އެންމެންވެސް ހަމަހަމަވާނެ"


އިދިކޮޅު ފަރާތްތައް ހިތްހަމަނުޖެހިގެން ސަރުކާރާއި ދެކޮޅަށް ނުކުތީ ރާއްޖޭގެ ޤާނޫނުތަކާ ފައިހަމަކުރަން ނުޖެހޭ ބަޔަކު ތިބިކަމަށް އެފަރާތްތަކަށް ޤަބޫލުކުރެވިގެންކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޤަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ދ.މާއެނބޫދޫގެ ނަރުދަމާނިޒާމް އިފްތިތާހްކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އިދިކޮޅު ލީޑަރުން މަސައްކަތްކުރެއްވީ ރިޝްވަތު ދީގެން ސަރުކާރު ވައްޓާލުމަށްކަމަށެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވަނީ އިދިޅު ސިޔާސީ ފަރާތްތަކުން ޤައުމުގެ ހަމަޖެހުން ނަގާލުމަށްކުރާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވާ ވާހަކަފުޅު ދައްކަވާފައެވެ. ރައީސް ވިދާޅުވީ އިދިކޮޅު ލީޑަރުންގެ ތެރޭގައި ޤާނޫނާ، ފައިހަމަކުރަން ނުޖެހޭ ބަޔަކުތިބިކަމަށް އެފަރާތްތަކުން ޤަބޫލުކުރާކަމަށެވެ. އިދިކޮޅު ފަރާތްތަކުން އަބަދުވެސް ދައްކަނީ ރިޝްވަތާއި ފަސާދައިގެ ވާހަކަކަމަށާ، އެމީހުން މަސައްކަތްކުރަމުނީ މިސަރުކާރު ވައްޓާލުމަށްކަމަށް ރައީސް ވިދާޅުވިއެވެ. 

އަށާރަވަނަ ރައްޔިތުންގެމަޖިލީހުގެ އިންތިޚާބަކީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށްފަހު ސަރުކާރާއި ސަރުކާރުގެ ކޯލިޝަނަށް ރައްޔިތުންގެ ވަރުގަދަ ތާޢީދެއް ލިބުނު އިންތިޚާބެއްކަން ރައީސް ފާހަގަކުރެއްވިއެވެ. މި މަޖިލީހުގެ ގޮނޑިތައް ރައްޔިތުން ދިނީ ޕީޕީއެމަށާއި އެމްޑީއޭއަށްކަމަށާ، ޖުމްހޫރީ ޕާޓީގެ ފަރާތުން އިންތިޚާބުވި މެންބަރުންނަކީ ސަރުކާރުން އެދާއިރާތަކަށް ވާދަނުކޮށް ސަރުކާރާއެކުވީ އެއްބަސްވުމުގެ ދަށުން ލިބުނު ކާމިޔާބެއްކަމަށް ރައީސް ވިދާޅުވިއެވެ.

އިދިކޮޅު މެމްބަރުންނާއި ބައެއް ލީޑަރުން މަސައްކަތްކުރީ މަޖިލީހުގެ ތެރެއިން ވެރިކަން ބަދަލުކުރުމަށްކަމަށާ، މިހާރުވެސް އެމީހުން މަސައްކަތްކުރަމުން ދަނީ ރާއްޖޭގެ ފަތިފުށް ބޭރުގެ ޤައުމުތަކަށް ކިޔައިދީ ރާއްޖޭގެ ޓޫރިޒަމްގެ ސިނާޢަތް ހަލާކުކޮށްލައި، ރާއްޖެއަށްލިބޭ ބޭރުގެ އެހީތަކަށް ހުރަސްއެޅުމަށްކަމަށެވެ.

ރައީސް ވިދާޅުވީ ސިޔާސީ އިދިކޮޅު ފަރާތްތަކުން ޖަލްސާތަކާއި ޕޯޑިއަމްތަކުގައި ވާހަކަދައްކާއިރު ރައްޔިތުންނަށް ތަރައްޤީ ގެނެސްދިނުމަށާއި، ރަނގަޅު ޚިދުމަތެއް ފޮރުކޯށްދިނުމުގެ ވާހަކަނުދައްކާކަމަށެވެ. އިދިކޮޅު ބައެއް ލީޑަރުން މިހާރު ރައްޔިތުންނާ ބައްދަލުކުރަންވެސް ބޭނުންނުވާކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އިދިކޮޅު ފަރާތްތަކުގެ ތެރޭގައި ޤާނޫނު އެމީހުންނާހަމައަށް އަންނަން ބޭނުންނުވާ މީހުން ތިއްބަސް މި ސަރުކާރުގައި ޤާނޫނުގެ ކުރިމަތީގައި އެންމެންވެސް ހަމަހަމަވާނެކަމަށެވެ.