ޚަބަރު

މަޝްރޫޢުތަކުގެ މަންފާ ލިބެންޖެހޭނީ ރައްޔިތުންނަށް- ރައީސް


އިޤްތިޞާދީ ގޮތުން ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫޢުތަކުގެ މަންފާ ލިބެންޖެހޭނީ ރައްޔިތުންނަށްކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. 

ދާލު އެއަރޕޯޓް ރަސްމީކޮށް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވީ ކުޑަހުވަދޫއަކީ ޢުމްރާނީ ގޮތުން ރާއްޖޭގެ ތަރައްޤީއަށް ބަލާއިރު އެންމެ ގިނަ މަޝްރޫޢުތަކާއި ވަސީލަތްތައް ޤާއިމްކޮށްދެއްވި އިޤްތިޞާދީ ފުދުންތެރި ރައްޔިތެއް ދިރިއުޅޭމުން އަންނަ ރަށެއްކަމަށެވެ. އަދޮ ސަރުކާރުގެ ވޭތުވެދިޔަ ހަތަރު އަހަރު ތެރޭ އެކަނިވެސް ދުއިސައްތަ އަށްޑިހަ މިލިއަންރުފިޔާ ސަރުކާރުގެ ބަޖެޓުން ޚަރަދުކޮށްފައިވާކަމަށާއި މި ސަރުކާރުގެ ފަސް އަހަރު ނިމޭއިރު ތިން ސަތޭކަ މިލިއަން ރުފިޔާ ކުޑަހުވަދޫއަށް އެކަނިވެސް ޚަރަދުކުރެވޭނެކަމަށް ވިދާޅުވިއެވެ.

މިމޭރުމުން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އިޤްތިޞާދީ ގޮތުން ކުރިއަށް ގެންދާ މިފަދަ މަޝްރޫޢުތަކުގެ މަންފާ ލިބެންޖެހޭނީ ރައްޔިތުންނަށްކަމަށް ވިދާޅުވިއެވެ. ސަރުކާރުން ކުރިއަށްގެންދާ އިޤްތިޞާދީ ކޮންމެ ހަރަކާތަކާއެކު ވަޒީފާގެ އެތައް ފުރުޞަތެއް ތަނަވަސްވަމުން އަންނަކަމަށާއި، މިހާތަނަށް ހަތްދިހަ ހާހަށްވުރެ ގިނަ ވަޒީފާގެ ފުރުޞަތު ތަނަވަސް ކޮށްދެވިފައިވާކަމަށް ވިދާޅުވިއެވެ. ސަރުކާރުގެ އަމާޒަކީ ފަސް އަހަރު ނިމުމުގެ ކުރިން ނުވަދިހަ ހަތަރު ހާސް ވަޒީފާގެ ފުރުޞަތު އުފެއްދުމެވެ. އެވަޒީފާތައް އުފައްދަނީ ސަރުޚާރުގެ މުއައްސަސާތަކުގެ އިތުރުން މި ދައުރުގެ ތެރޭގައި ތަރައްޤީކުރެވޭ ރިސޯޓްތަކާއި އެއަރޕޯޓްފަދަ ތަންތަނުންކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ، ރަށްރަށުގައި ބިން ހިއްކައިގެން ކުރިއަށްގެންދާ މަޝްރޫޢުގެ ސަބަބުން ބިމުގެ މުއްސަނދިކަން ކުޑަހުވަދޫއިން އެކަނިވެސް ހާމަވެގެންދާކަމަށެވެ. ބިމުގެ ޖާގަ ނެތް ރަށްރަށުގައި ބިމުގެ ޖާގަ ތަނަވަސްކޮށްދެއްވާ އެއަރޕޯޓާއި ގެދޮރު ރައްޔިތުންނަށް ފޯރުކޮށްދެވޭކަމަށެވެ. 

ކުޑަހުވަދޫ އެއަރޕޯޓަކީ އެންމެ ފެންވަރު ރަނގަޅު ޑޮމެސްޓިކް އަދި ބައިނަލްއަޤްވާމީ ފެންވަރަށް ޚިދުމަތްދެވޭ އެއަރޕޯޓެއްކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، 1800 ކިލޯމީޓަރުގެ ރަންވޭ އަދިވެސް ބޮޑުކުރެވޭނެ ޖާގަ އެބައޮތްކަމަށެވެ. އެހެންކަމުން ފަތުރުވެރިކަން ތަރައްޤީވަމުން އަންނައިރު ބިން ހިއްކައިގެން ރަންވޭ ބޮޑުކޮށް ބައިނަލްއަޤްވާމީ ފެންވަރަށް ތަރައްޤީކުރުމަކީ މުސްތަޤްބަލުގައި އިޤްތިޞާދީ ފަދުންތެރިކަން އިތުރުވާ މިންވަރުން ކުރެވިދާނެކަމެއްކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އިޤްތީޞާދީ މިފަދަ މަޝްރޫޢުތަކުން ފައިދާ ލިބެނީ މަޝްރޫޢަށް އިންވެސްޓްކުރާ ކުންފުނިތަކަށް ރަނގަޅު ބަދަލެއްދެވި، އެންމެ ބޮޑު ފައިދާއެއް ރައްޔިތުންނަށް ހޯދައިދިނުމަށްކަމަށެވެ.

ރައީސްގެ ވާހަކަފުޅުގައި ސިޔާސީ ގޮތުން ހިތްހަމަނުޖެހޭ ބަޔަކު ޤައުމުގައި އުޅެދާނެކަމަށާއި، ނަމަވެސް ޢުމްރާނީ އަދި އިޤްތިޞާދީ ގޮތުން ކުރިއަށްދާ މަޝްރޫޢުތަކަށް އެކަމުގެ ސަބަބުން ހުރަސްއެޅިގެން ނުވާނެކަމަށް ވިދާޅުވިއެވެ. ރައީސް ވަނީ މަޝްރޫޢުތަކަށް ލޮޅުންއަރާގޮތަށް ކުރާ މަސައްކަތްތައް ހުއްޓާލުމަށް ގޮވާލާ ގޮވާލުން ތަކުރާރުކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ކުޑަހުވަދޫއަށް ވަޑައިގަތުމުން އެރަށުގެ ރައްޔިތުންގެ ވަނީ ހޫނު މަރުޙަބާއެއް ދަންނަވާފައެވެ.