ޚަބަރު

ސަރުކާރުން އެންމެ އިސްކަމެއް ދެނީ އިޤްތިޞާދު ވަރުގަދަކުރަން


މުޅި ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ އިޤްތިޞާދު ރަނގަޅު ކުރުމަށް މަސައްކަތްކުރުން ކަމަށާއި، މި ސަރުކާރުން އެންމެ އިސްކަން ދެނީ ދިވެހިރާއްޖޭގެ އިޤްތިޞާދަކީ ވަރުގަދަ އިޤްތިޞާދަކަށް ހެދުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ނިލަންދެއަތޮޅުގެ ބައެއް ރަށްރަށަށް ކުރައްވާ ދަތުރުފުޅުގައި، އެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫއަށް މިއަދު ހެނދުނު ވަޑައިގެން އެރަށުގައި ތަރައްޤީކޮށްފައިވާ ދާލު އެއާޕޯޓް ރަސްމީކޮށް ހުޅުއްވައިދެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ކޮންމެ އިޤްތިޞާދީ ޙަރަކާތެއް ނިމިގެންދާއިރު އޭގެ މަންފާ ލިބޭ ބަޔަކަށް ވާންވާނީ ދިވެހި ރައްޔިތުންކަމަށާއި، ސަރުކާރުން ކުރާ މިފަދަ އިޤްތިޞާދީ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ރައްޔިތުން ޖާގަ ހޯދައިދޭންޖެހޭކަމުގައި ވިދާޅުވިއެވެ.

މިމޭރުމުން އިތުރަށް ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި، ސަރުކާރުން އެންމެ އިސްކަމެއް ދޭ އެއްކަމަކީ ދިވެހި ރައްޔިތުންނަށް ވަޒީފާގެ ފުރުޞަތު ތަނަވަސް ކޮށްދިނުންކަމަށާއި، ދިވެހި ޒުވާނުންނަކީ މުޖުތަމަޢަށް ބޭނުންތެރި ބަޔަކަށް ހެދުމަށް ސަރުކާރުން ކުރާ މަސައްކަތްތަކުގެ ތެރޭގައި ހިމެނިގެން މި ފަސް އަހަރު ނިމިގެން ދާއިރު 94 ހާސް ވަޒީފާގެ ފުރުޞަތު އުފެއްދުމަށް ކަމަށެވެ. މިއަމާޒަށް ވާޞިލުވުމަށް ކުރަމުން ގެންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، އަމިއްލަ ފަރާތްތައް ހިމެނޭގޮތަށް، ސަރުކާރާއި ސަރުކާރުގެ ކުންފުނިތަކުން މިހާރުވެސް 70 ހާސް ވަޒީފާގެ ފުރުޞަތު އުފައްދާފައިވާކަން ތަފާސްހިސާބުތަކުން ދައްކާ ކަމުގައި ފާހަގަކުރައްވާފައެވެ.

މި ރަސްމިއްޔާތުގައި އެމަނިކުފާނު އިތުރަށް ދެއްކެވި ވާހަކަފުޅުގައި މަސްވެރިކަމަކީ ރާއްޖޭގެ ރަށްރަށުގައި ދިރިއުޅޭ އާންމު ރައްޔިތުންނަށް ގިނަ ފައިދާތަކެއް ލިބޭ ސިނާޢަތެއްކަމުގައި ވިޔަސް އެންމެ ބޮޑު ކުރިއެރުމެއް ލިބިފައިވާ، އެންމެ ގިނަ ޒުވާނުންގެ ޝައުޤުވެރިކަން ލިބޭ ސިނާޢަތަކީ ޓޫރިޒަމްގެ ސިނާޢަތްކަމުގައި ފާހަގަކުރެއްވިއެވެ. އެގޮތުން ދިވެހިރާއްޖެއަކީ އަތުރާލެވިފައިވާ ރަށްތަކެއް ހިމެނޭ ޖަޒީރާ ޤައުމަކަށް ވާތީ ސަރުކާރުން ބޭނުންވަނީ އެސަރަޙައްދެއްގައި ދިރިއުޅޭ ރައްޔިތުންނަށް، އެ ސަރަޙައްދަކުން ވަޒީފާގެ ފުރުޞަތު ތަނަވަސްވެގެން ދިޔުންކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިއަދުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫގެ އިޤްތިޞާދީ ތަރައްޤީއަށްޓަކައި ސަރުކާރުން ހިންގެވުމަށް ހަމަޖެހިފައިވާ އެކި އެކި މަޝްރޫޢުތަކުގެ މައްޗަށްވެސް އަލިއަޅުއްވައިލައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ދ އަތޮޅަށް ކުރައްވާ ދަތުރުފުޅަކީ އެއަތޮޅުގެ ބައެއް ތަރައްޤީގެ މަސައްކަތްތަކާއި ދާލު އެއަރޕޯޓު ރަސްމީކޮށް ހުޅުވުމަށް ކުރައްވާ ދަތުރުފުޅެކެވެ.