ކުޅިވަރު

އިންމަ އަނެއްކާވެސް މާޒިޔާގެ ކޯޗުކަމާ ހަވާލުވެއްޖެ


ޤައުމީ ޓީމްގެ އެސިސްޓެންޓް ކޯޗުކަމުން ވަކިވުމަށްފަހު އިސްމާއީލް މަހުފޫޒު ( އިންމަ ) އަނެއްކާވެސް މާޒިޔާގެ ކޯޗުކަމާ ހަވާލުވެއްޖެއެވެ. 

މާޒިޔާ ފުރަތަމަ ޑިވިޝަނަށް ގެންގޮސްދީ، ފުރަތަމަ ޑިވިޝަންގައިވެސް އެޓީމަށް އިރުޝާދުދިން އިންމަ އަލުން މާޒިޔާއާއި މިހަވާލުވީ މާޒިޔާއަށް ގެނައި ފުރަތަމަ ބިދޭސީ ކޯޗު ސެލްލޮސްކީގެ އެއްބަސްވުން ހަމަވުމުން، އޭނާ ކްލަބްގައި އިތުރަށް ނުބަހައްޓަން ކްލަބުން ނިންމުމުންނެވެ. ނަމަވެސް މާޒިޔާއިން ބުނީ ކޯޗުވެސް ކްލަބްގައި މަޑުކުރަން ބޭނުން ނުވީކަމަށެވެ. އިންމަ މާޒިޔާ ދޫކޮށްލީވެސް އޭރު ނަތީޖާތައް ރަނގަޅު ނުވުމުންނެވެ. ނަމަވެސް ފުރަތަމަ ޑިވިޝަންގައިވެސް މާޒިޔާއަށް ފުރަތަމަ ތަށި ހޯދައިދިނީ އިންމައެވެ. އޭގެ ފަހުން މާޒިޔާއާއި ހަވާލުވީ އަލީ ސުޒޭންއެވެ. މިދިޔަ ސީޒަންގައި ކަނޑައެޅި އަމާޒަށް ވާޞިލްނުވެވުމުން ސުޒޭންވެސް ވަނީ ކްލަބުގައި މަޑުނުކުރަން ނިންމާފައެވެ. 

އަލުން މާޒިޔާއާ ހަވާލުވުމަށްފަހު އިންމަ ބުނީ އެނބުރި މާޒިޔާއަށް އާދެވުމަކީ ބޮޑު ހިތްހަމަޖެހުމެއް ކަމަށާއި، ނަމަވެސް އެއަށްވުރެ ބޮޑީ ޒިންމާކަމަށެވެ. މިއީ ކުލިގޮތަކަށް ނިންމަންޖެހުނު ނިންމުމެއް ކަމަށާއި، މާޒިޔާއިން ވާހަކަދެއްކުމުން ވިސްނަން ވަގުތު ކޮޅެއް ނެގީ ޤައުމީ ޓީމާ ވަކިވާން ޖެހުމުން ކަމަށް އިންމަ ބުންޏެވެ. މިނިންމުން ނިންމީ މިއީ މިވަތުތަށް އޭނާއަށްވެސް އެންމެ ރަނގަޅުވާނެ ގޮތްކަމަށް ޤަބޫލުކުރެވޭތީކަމަށް ވޭވުތުވެތިޔަ ތިން އަހަރު ޤައުމީ ޓީމުގެ އެސިސްޓެންޓް ކޯޗެއްގެ މަސައްކަތްކޮއްފަވާ އިންމަ ބުންޏެވެ.

" މިވަގުތަކީ އެންމެ ރަނގަޅު ވަގުތުކަމަށް މިބަލަނީ. ވަރަށް ކުއްލިއަކަށް މިނިންމުން ނިމަންޖެހުނީ، ވިސްނަން ވަގުތުކޮޅެއް ނެގުމަށްފަހު ހަވާލުވީ. މިސީޒަންގައި އަދި ބާކީ ދޮޅު މަސް އެބައޮތް ކުލަބުން ބޭނުންވާ އަމާޒަށް ދެވޭނެ." މާޒިޔާއަށް ސޮއިކުރުމަށްފަހު އިންމަ ބުންޏެވެ.

އިންމަ އަލުން މާޒިޔާއާ ހަވާލުވީ އަންނަ އަހަރުގެ ސީޒަންގެ ނިޔަލަށެވެ. އިންމަ ހަވާލުވި އިރު މާޒިޔާ އޮތީ ލީގުގެ ތިންވަނަ މަޤާމްގައި، ލީގުގެ އުއްމީދު ދޫކޮށްލައިގެންނެވެ.