ޚަބަރު

އިސްލާމިކް ފައިނޭންސްގެ ދާއިރާއިން ކުރިއެރުންތަކެއް ދަނީ ހޯދަމުން


އިސްލާމިކް ފައިނޭންސްގެ ދާއިރާއިން ދެކުނު އޭޝީއާ ސަރަޙައްދުގެ މައި ހަބަކަށް ރާއްޖެ ހެދުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގައި ބޮޑެތި ކުރިއެރުންތަކެއް ހޯދަމުންދާކަމަށް މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ ޑރ. މުޙައްމަދު ޝައިނީ ވިދާޅުވެއްޖެއެވެ. 

މިނިސްޓަރ ޝައިނީ މިހެން ވިދާޅުވީ، "އިސްލާމިކް މަނިޓަރީ އިކޮނޮމިކްސް އެންޑް އިންސްޓިޓިއުޝަން : ތިއަރީ އެންޑް ޕްރެކްޓިސް"ގެ ނަމުގައި ރާއްޖޭގައި ކުރިއަށްގެންދާ ބައިނަލްއަޤްވާމީ މަސައްކަތު ބައްދަލުވުން ފައްޓަވައިދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

މޯލްޑިވްސް ސެންޓަރ ފޯރ އިސްލާމިކް ފައިނޭންސް، އެމް.ސީ.އައި.އެފް އަދި އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކްގެ ރިސަރޗް އެންޑް ޓްރެއިނިންގ އިންސްޓިޓިއުޓް ގުޅިގެން "އިސްލާމިކް މަނިޓަރީ އިކޮނޮމިކްސް އެންޑް އިންސްޓިޓިއުޝަން : ތިއަރީ އެންޑް ޕްރެކްޓިސް"ގެ ނަމުގައި ދެދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދާ މި މަސައްކަތު ބައްދަލުވުމަކީ އިސްލާމިކް ފައިނޭންސްގެ ދާއިރާއިން ކޮށްފައިވާ އެކެޑެމިކް ރިސަރޗްތަކާއި މިދާއިރާ އިތުރަށް ތަރައްޤީކޮށް ކުރިއެރުވިދާނެ ގޮތްތަކާއި ގުޅޭގޮތުން ޢިލްމީ ނަޒަރަކުން މަޝްވަރާކުރުމަށް ބާއްވާ މަސައްކަތު ބައްދަލުވުމެކެވެ. މި ބައްދަލުވުން ފައްޓަވައިދެއްވާ ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ ޑރ. މުޙައްމަދު ޝައިނީ ވިދާޅުވީ އިސްލާމިކް ފައިނޭންސްގެ ނިޒާމަކީ އިސްލާމީ ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ޤައުމުތަކުގައިވެސް ވަރަށް ބޮޑަށް ބަލައިގެންފައިވާ ނިޒާމެއްކަމަށާއި، ކާމިޔާބުކަމާއެކު ތަންފީޒުކުރަމުންދާ ނިޒާމެއްކަމަށެވެ. 

img:http://s3.psmnews.mv/images/660x400/15095247623494.jpg|އިސްލާމިކް ފައިނޭންސްއާ ގުޅޭ މަސައްކަތު ބައްދަލުވުމުގައި މިނިސްޓަރ ޝައިނީ ވާހަކަފުޅުދައްކަވަނީ / ފޮޓޯ؛ ޕީއެސްއެމް

ޑރ. ޝައިނީ ވިދާޅުވީ، އިޤްތިޞާދީގޮތުންނާއި އިޖްތިމާޢީގޮތުން ރާއްޖެ ތަރައްޤީކުރުމަށް ސަރުކާރުން ކުރާ މަސައްކަތުގައި، އިސްލާމިކް ފައިނޭންސްގެ ދާއިރާއަށް ސަރުކާރުން ބޮޑު އަޙައްމިއްޔަތުކަމެއް ދެއްވާކަމަށެވެ. އަދި އިސްލާމީކް ފައިނޭންސްގެ ދާއިރާއިން ދެކުނު އޭޝީއާ ސަރަޙައްދުގެ މައި ހަބަކަށް ރާއްޖެ ހެދުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ބޮޑެތި ކުރިއެރުންތަކެއް ލިބެމުންދާކަން މިނިސްޓަރ ޝައިނީ ފާހަގަކުރެއްވިއެވެ.

މި މަސައްކަތު ބައްދަލުވުމާއި ގުޅޭގޮތުން ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން އެމް.ސީ.އައި.އެފްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ދީދީ ވިދާޅުވީ މިފަދަ ބައްދަލުވުމެއް ބޭއްވުމުގެ އެންމެ ބޮޑު މަޤްޞަދަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އިސްލާމިކް ފައިނޭންސްގެ ދާއިރާގައި ހަރަކާތްތެރިވާ ޢިލްމީ ބޭފުޅުން އެއްތަންވެ، މިދާއިރާގައި ހުރި ގޮންޖެހުންތަކާއި، މި ދާއިރާ އިތުރަށް ކުރިއެރުވުމަށް ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުން މަޝްވަރާކުރުންކަމަށެވެ.

ރާއްޖޭގައި އިސްލާމިކް ފައިނޭންސްގެ ދާއިރާ ކުރިއަރުވާ ޕްރޮމޯޓްކުރުމުގައި އިސްދަޢުރެއް އަދާކުރާ ފަރާތެއްކަމަށްވާ އެމް.ސީ.އައި.އެފް ޗެއަރޕަރސަން ޑރ. އައިޝަތު މުނީޒާ ވިދާޅުވިގޮތުގައި، އާއްމުންނާއި، އިޤްތިޞާދީ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުގެ މެދުގައި މަޤްބޫލު އެއްޗަކަށް އިސްލާމިކް ފައިނޭންސް މިހާރުވެފައިވާކަމަށާއި، މިދާއިރާގެ ކުރިމަގު ވަރަށްވެސް އުޖާލާކަމަށެވެ.

ދެ ދުވަހުގެ މުއްދަތަކަށް ސްޓެލްކޯގެ ކޮންފަރެންސް ހޯލްގައި ކުރިއަށްދާ މި މަސައްކަތު ބައްދަލުވުމުގައި، ޔޫރަޕް، އޭޝިއާ، އަދި  އެފްރިކާއަށް ނިސްބަތްވާ 14 ޤައުމެއްގެ މައްދޫބުން ބައިވެރިވެފައިވެއެވެ.