ލީގު ކަށަވަރުނުވަނީސް ނިއުރޭޑިއަންޓުން ކޯޗަށް އާއެއްބަސްވުމެއްދީ، އަންނަ އަހަރުވެސް ބަހައްޓަން ނިންމައިފިއެވެ.
އުރީދޫ ދިވެހި ޕްރިމިއަރ ލީގުގައި ޓީމާ ހަވާލުވި ސްޕެއިންގެ ކޯޗު އޮސްކާ ބްރޫޒޮންއަށް ނިއުއިން އާއެއްބަސްވުމެއް ދީފައި މިވަނީ ލީގު ކަށަވަރުކުރުމާ ދާދި ގާތުގައި ވަނިކޮށެވެ. 30 ޕޮއިންޓާއެކު ނިއުރޭޑިއަންޓް ތާވަލްގެ އެއްވަނާގައި އޮތީ ދެވަނާގައިވާ ޓީސީއަށްވުރެ ހަތަރު ޕޮއިންޓް އިތުރަށް ހޯދައިގެންނެވެ. ލީގުގައި ބާކީ އޮތް ތިން މެޗުގެ ތެރެއިން ދެމެޗުން މޮޅުވެގެން ނިއުރޭޑިއަންޓަށް ލީގު ކަށަވަރުކުރެވެނެއެވެ. އޭގެ ކުރިންވެސް ލީގު ކަށަވަރުވުމުގެ ފުރުޞަތު ނިއުރޭޑިއަންޓަށް އެބައޮތެވެ. ނަމަވެސް އެކަން ބިނާވަނީ ޓީސީން ކުރިއަށް އޮތް މެޗުގައި ނެރޭ ނަތީޖާއެއްގެ މައްޗަށެވެ. ނިއުރޭޑިއަންޓް ވަނީ ލީގުގައި އެންމެ ފަހުން ކުޅުނު ނުވަ މެޗުވެސް ކާމިޔާބުކޮށްފައެވެ.
ސީޒަންގައި ފުރަތަމަ ގެނައި ޕޯޗްގަލްގެ ކޯޗު ފޮނުވާލުމަށްފަހު ގެނައި ސްޕެއިންގެ އޮސްކާ ބުރޫޒޮންއާއެކު އެޓީމްގެ ކުޅުމަށް ބަދަލުތަކެއް އައިސް ކުރިއެރުން ހޯދަމުންދާކަމަށް ބައެއް ކޯޗުންވެސް ފާހަގަކުރެއެވެ. އެކަން އެންމެ ފަހުން ފާހަގަކުރި ކޯޗަކީ އަލީ ސުޒޭންއެވެ. ސުޒޭން ބުނެފައިވަނީ ކޯޗާއެކު ނިއުއިން ކުރިއެރުން ހޯދާ ރަނގަޅު ފުޓްބޯޅައެއް ކުޅެމުންދާކަމަށެވެ. އަދި ސްޕެއިންގެ ގޮތްގަނޑު ނިއުގެ ކުޅުމުން ފެންނަން ފަށާފައިވާކަމަށެވެ.
ކޯޗު އޮސްކާ ބުރޫޒޮންގެ އިތުރުން ސްޕެއިންގެ މިޑްފީލްޑަރ ކަންޑޭލާއަށްވެސް ނިއުއިން ވަނީ އާއެއްބަސްވުމެއް ދީ އަންނަ އަހަރުވެސް ކްލަބްގައި ބަހައްޓަން ނިންމާފައެވެ. ލީގުގައި އެންމެ ފަހުން ތިނަދޫ ކޮޅަށް ފުރަތަމަ ލަނޑު ޖެހި ކަންޑޭލާ އަންނަނީ ނިއުގެ މެދުތެރޭގައި މުޙިއްމު ދައުރެއް އަދާކުރަމުންނެވެ. ނިއުރޭޑިއަންޓްގައި ތިބި ބިދޭސީ ހަތަރު ކުޅުންތެރިންގެ ތެރެއިން އާއެއްބަސްވުމެއް މިހާތަނަށް ދީފައިވަނީ ކަންޑޭލާއަށެވެ.
" ކޯޗުގެ މަސައްކަތާއި، ޓީމަށް ގެނައި ބަދަލާއި ނަތީޖާތައްވެސް ރަނގަޅުވުމުން ކޯޗު ބަހައްޓަން ނިންމީ. ކޯޗުގެ މަސައްކަތާމެދު މެނޭޖްމަންޓުންވެސް ކުޅުންތެރިންވެސް ހިތްހަމަ ޖެހޭތީ. ޓީމްގައި މިހާރު ތިބި ބިދޭސީ ކުޅުންތެރިންގެ ތެރެއިން އަދި އެއް ކުޅުންތެރިއަކު ބެހެއްޓުމުގެ ފުރުޞަތު އެބައޮތް. އެކަމަކު މިވަގުތަށް މިނިންމީ ކަންޑޭލާ ބަހައްޓަން " ޖެނެރަލް ސެކެޓްރީ އަހުމަދު ނިޔާޒު ބުންޏެވެ.
ނިއުއިން ކޯޗަށް އާއެއްބަސްވުމެއް ދީފައިވާއިރު އެޓީމަކީ މިދިޔަ އަހަރުތަކުގެ ތެރޭގައި އެންމެ އަވަސް އަވަހަށް އަދި އެންމެ ގިނައިން ކޯޗު ބަދަލުކުރި ޓީމެވެ.