ކުޅިވަރު

ދެބުރުގައިވެސް ޓީސީ ހިފެހެއްޓުން، މިލަންދޫއަށް ބޮޑު ކާމިޔާބީއެއް!


ދެ ބުރުގައިވެސް ޓީސީ ހިފެހެއްޓުމަކީ މިލަންދޫއާއި، އޭނާއަށްވެސް ލިބުނު ވަރަށްބޮޑު ކާމިޔާބީއެއްކަމަށް ކޯޗު މުޙައްމަދު ނާސިރު ބުނެފިއެވެ. 

ޓީސީ ލަނޑެއް ޖެހިޔަ ނުދީ ހިފެހެއްޓި މެޗަށްފަހު ނާސިރު ބުނީ އޭނާގެ ޓީމް މިހާރު އަނެއްކާވެސް އޮތީ ރަނގަޅު ހާލަތެއްގައިކަމަށާއި، ރޭގެ މެޗުން ލިބުނު ޕޮއިންޓްގެ ހައްޤުވެރިންނަކީ ޓީމްގެ ކުޅުންތެރިންކަމަށެވެ. ޓީމުގެ ކުޅުންތެރިން ވަރަށް ހިތްވަރު ކުރިކަމަށާއި، އިތުރު ވަގުތުގެ ގޮތުގައި ދިހަ މިނިޓް ކުޅުވި އިރުވެސް ކުޅުންތެރިންގެ ފަރާތުން އެޖޯޝް ފެނިގެން ދިޔަކަމަށެވެ. މިއީ އޭނާއާއި މުޅި ޓީމަށްވެސް ވަރަށް ރަނގަޅު ކާމިޔާބީއެއްކަމަށް ކުރީގެ ޤައުމީ ޑިފެންޑަރު ބުންޏެވެ.

" މިއީ ކުޅުންތެރިންގެ ބުރަ މަސައްކަތް. އިތުރުވަގުތުގެ ގޮތުގައި އަށްމިނިޓް ދައްކާ ދިހަ މިނިޓް ކުޅުވި، އެކަމަކުވެސް ކުޅުންތެރިން ހިތްވަރުކުރި. އޭގެ ނަތީޖާ މިއީ. މިޕޮއިންޓް ހައްޤުވަކީ އެ ކުޅުންތެރިންނަށް " ނާސިރު ބުންޏެވެ.

ލީގު ތާވަލްގެ ދެވަނައިގައި އޮތް މިލަންދޫއާއި ޓީސީ ދެބުރުގައި ވާދަކުރި މެޗުވެސް ނިމުނީ ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ. ރޭގެ މެޗުގެ މޮޅު ކުޅުންތެރިއަކީ ކުރިން ޓީސީގެ ގޯލް ބެލެހެއްޓި ކީޕަރު މުޙައްމަދު އިމްރާނެވެ. އޭނާއަށް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމް ދިނުމުން ޓީސީގެ ބެންޗުން އެކަމާ ހިތްހަމަނުޖެހުން ފާޅުކޮށް، އެމަޤާމް އޭނާއަށް ދިނީ މެޗު ލަސްކޮށްގެންތޯ ސުވާލުކޮށް ހެދިއެވެ.