ޚަބަރު

"ގުޑް އެގްރިކަލްޗަރަލް ޕްރެކްޓިސަސް" އިފްތިތާޙްކޮށްފި


ރާއްޖޭގައި އުފައްދާ ކާބޯތަކެތީގެ ރައްކާތެރިކަން ވަޒަންކުރުމަށް އެކުލަވާލި މިންގަނޑު، "ގުޑް އެގްރިކަލްޗަރަލް ޕްރެކްޓިސަސް", ގެޕް، އިފްތިތާޙްކޮށްފިއެވެ.

މި މިންގަނޑު އިފްތިތާޙްކޮށްދެއްވީ މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ ޑރ. މުޙައްމަދު ޝައިނީއެވެ.

ނުވަ ވަނަ ދަނޑުވެރިންގެ ދުވަސް މިއަހަރު ފާހަގަކުރީ ރ.އަތޮޅު ވާދޫގައެވެ. ދުވަހުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ ޑރ. މުޙައްމަދު ޝައިނީ ވިދާޅުވީ ދަނޑުވެރިކަމަށް ދިމާވެފައިވާ ގޮންޖެހުންތަކާއި ދަނޑުވެރިންނަށް ދިމަވެފައިވާ ދަތިތައް ބައްލަވާ އެކަމަށް އެކަށީގެންވާ ޙައްލު ހޯދުމަށް މަސައްކަތްކުރައްވާކަމަށެވެ. އެގޮތުން ރާއްޖޭގެ ރަށްތަކަކީ ބިންތިރި އަދި އެތައް ސަބަބުތަކަކާހުރެ ފެންފަށަލަ ލޮނުވެފައިވާ ރަށްތައް ގިނަ ޤައުމަކަށްވުމުން ފެނުގައި ގަސް އިންދުމުގެ ޕްރޮގްރާމެއް ފަށާ އެކަމަށް މީހުން ތަމްރީނުކުރަމުންދާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ރާއްޖޭގައި އުފައްދާ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކަނޑައަޅާފައިވާ މިންގަނޑަށް ވާސިލުވެ އެކަމުގެ ސެޓްފިކެޓް ލިބުނު ފުރަތަމަ ދަނޑު ބިޒްވިލް އާއި އެކަމުގެ ލިޔުންވަނީ ޙަވާލުކޮށްފައެވެ.

މީގެ ސަބަބުން ބާޒާރުގައި ހުންނަ ދިވެހި އުފެއްދުންތަކަށް ރަނގަޅު މާކެޓެއްލިބިގެންދާނެކަމަށް ޤަބޫލުކުރައްވާކަމުގައި ފިޝަރީޒް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން މިޖަލްސާގައިވަނީ ރައްކާތެރިގޮތުގައި އަނބު ބާޒާރަށް ނެރުމާ ބެހޭ މަޢުލޫމާތު އެކުލެވޭ ލުއި ފޮތެއްވެސް ނެރެފައެވެ.

މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ ޑރ. މުޙައްމަދު ޝައިނީ ވިދާޅުވީ ދަނޑުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް މަދުވެގެން 8000 ރުފިޔާ ހޯދައި ދިނުމަށް ސަރުކާރުން ހިފާފައިވާ އަމާޒަށް ވާސިލުވުމަށް، ވާދޫއަށް ލިބިގެންދިޔަ ސިސްޓަމްތަކުގެ ފުރިހަމަ މަންފާ ވާދޫގެ ދަނޑުވެރިން ހިފާނެކަމަށް އުއްމީދުކުރައްވާކަމަށެވެ.

ދަނޑުވެރިންގެދުވަސް ފާހަގަކުރުމަށް ވާދޫގައި ތަފާތު ޙަރަކާތްތައް ކުރިއަށްގެންގޮސްފައިވެއެވެ. އަދި މިޙަރަކާތްތަކުގައި މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ ޑރ. މުޙައްމަދު ޝައިނީ އާއި މިނިސްޓަރ އޮފް ހެލްތް ޢަބްދުﷲ ނާޒިމް ބައިވެރިވެވަޑައިގެންފައިވެއެވެ.

ދަނޑުވެރިންގެ ދުވަހާ ގުޅުވައިގެން ވާދޫގައި ގިނަ ހަރަކާތްތަކެއް ކުރިއަށްގެންގޮސްފައިވާއިރު، އެރަށުގައި ޤާއިމްކޮށްފައިވާ ހައިޑްރޯފޮނިކްސް ސިސްޓަމްތައް ފިޝަރީޒް މިނިސްޓަރ ވަނީ ބައްލަވާލައްވާފައެވެ. އަދި ދަނޑުވެރިން ހައްދާފައިވާ ތަރުކާރީއާއި މޭވާގެ ބައެއް ބާވަތްތައް ހަރވެސްޓްކުރުމުގެ މަސައްކަތުގައި އަމަލީގޮތުން ބައިވެރިވެ، މިނިސްޓަރ ވަނީ އެ މަސައްކަތްކުރާ ފަރާތްތަކާ ބައްދަލުކުރައްވާ ތަޢުރީފް ކުރައްވާފައެވެ.

މީގެ އިތުރުން ފުޑް ސެކިއުރިޓީ ޕްރޮގްރާމްގެދަށުން ގޭބިސީތަކަށް ގަސް ހަދިޔާކުރުމުގެ ޕްރޮގްރާމެއްވެސް އެރަށުގައި ވަނީ ކުރިއަށްގެންގޮސްފައެވެ. އަދި ވާދުއަށް އަންނަ މަސްވެރި އުޅަނދުފަހަރަށް ފެންއެޅުމަށް ކައުންސިލުން ބަނދަރުގައި ހަދާފައިވާ ފެންމުޑި ސިސްޓަމް، ފިޝަރީޒް މިނިސްޓަރާއި ހެލްތް މިނިސްޓަރވަނީ ހުޅުވައިދެއްވާފައެވެ.