ޚަބަރު

ބީއެމްއެލްއަށް 247 މިލިޔަން ރުފިޔާގެ ފައިދާއެއް ލިބިއްޖެ


މިއަހަރުގެ ތިންވަނަ ކުއާޓަރގައި ބޭންކް އޮފް މޯލްޑިވްސްއަށް 247 މިލިޔަން ރުފިޔާގެ ފައިދާއެއް ލިބިއްޖެއެވެ.

މިކަން ހާމަކޮށް ބޭއްކް އޮފް މޯލްޑިވްސްއިން ނެރުނު ބަޔާނެއްގައިވަނީ މި އަހަރު ތިންސަތޭކަ މިލިއަން ރުފިޔާ ދިވެހި މުޖުތަމައުތަކަށް އިންވެސްޓްކުރުމަށް ނިންމާފައިވީނަމަވެސް ވިޔަފާރީގެ މައިގަނޑު ހުރިހާ ދާއިރާއަކުން ރަނގަޅު ކާމިޔާބުތަކެއް ހޯދައި، އަދި ލޯނު ދޫކުރެވުނު މިންވަރު ހަރުދަނާ މިންގަނޑެއްގައި ހިފެހެއްޓިފައިވާކަމަށެވެ. އަދި ހުރިހާ ޓެކްސްތަކަށް ކެނޑުމަށްފަހު ފައިދާގެ ގޮތުގައި ދުއިސައްތަ ސާޅީސް ހަތް މިލިއަން ރުފިޔާ ލިބިފައިވާ ކަމަށެވެ. 

މިއީ މިއަހަރުގެ ދެވަނަ ކުއާޓާރއަށްވުރެ ތިރީސް ފަހެއް އިންސައްތަ މަތީ އަދަދެކެވެ. ބީއެމްއެލްއިން ބުނީ މިއަހަރު ނިމުމުގެ ކުރިން ތިންސަތޭކަ މިލިއަން ރުފިޔާ އިންވެސްޓްކޮށް ސަތޭކަ ފަންސާސް ވަޒީފާ އުފެއްދުމަށް ބޭންކުން ކަނޑައަޅާފައިވާ އަމާޒަށް ވެސް ވާސިލްވާނެކަމުގެ ޔަގީންކަން ލިބިފައިވާ ކަމަށެވެ. 

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރު އެންޑްރޫ ހީލީ ވިދާޅުވީ، މި އަހަރު ފެށުނުއިރު ވެސް އެ ބޭންކުން މަސައްކަތްކުރަމުންދިޔައީ ކާމިޔާބު ދުވެލީގައި ކަމަށެވެ. މި ކުއާޓަރގައި ކަސްޓަމަރުންނަށް އެކަށީގެންވާ ރަނގަޅު ޚިދުމަތްތަކެއް ވީހާވެސް ގާތުން ފޯރުކޮށްދިނުމުގެ އަޒުމުގައި ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަން ހީލީ ފާހަގަކުރެއްވިއެވެ. އަހަރުގެ ތިން ވަނަ ކުއާޓަރުގައި ބީއެމްއެލްއިން ވަނީ އަތޮޅުތެރޭގައި ތިން ސެލްފް ސާވިސް ބޭންކިންގ ސެންޓަރ ހުޅުވައިފައެވެ. އަދި މާލޭގައި އެންމެ ޒަމާނީ ފެންވަރުގެ ކަސްޓަމަރ ސާވިސް ސެންޓަރެއް ވެސް ވަނީ ގާއިމްކޮށްފައެވެ. މީގެއިތުރުން އެކުންފުނިން ވަނީ  މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 34 ބްރާންޗް ހުޅުވައި 31 ސެލްފްސަރވިސް ބޭންކިންގ ސެންޓަރާއި 90 އޭޓީއެމާއި، 4600 ޕީއޯއެސް މަރޗަންޓުންގެ އިތުރުން 205 ކޭޝް އޭޖެންޓުން ގާއިމްކޮށްފައެވެ.