ޚަބަރު

ދެކުނުގެ ބައެއް ރަށްރަށުގައި ފެންބޮޑުވެއްޖެ


ދެކުނުގެ ސަރަޙައްދުތަކަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ބޯކޮށް ވާރޭވެހި، ބައެއް ރަށްރަށުގައި ފެންބޮޑުވެއްޖެއެވެ. 

ރެއިންފެށިގެން މެދުނުކެނޑި ވާރޭވެހުމުގެ ސަބަބުން އައްޑޫސިޓީގެ ގިނަ ހިސާބުތަކުގައި ވަނީ ފެންބޮޑުވެފައެވެ. ފެންވަދެ، ގެއްލުންވެފައިވާކަމުގެ މަޢުލޫމާތު ލިބޭ ގެތަކަށް ގޮސް، ޙާލަތު ބަލައި، އެމްއެންޑީއެފާއި ގުޅިގެން އެހީތެރިކަން ފޯރުކޮށްދެމުންދާކަމަށް އައްޑޫސިޓީ ކައުންސިލުން މަޢުލޫމާތުދެއެވެ. 

އެމްއެންޑީއެފުން ގެ ތަކުގައި ވެލިބަސްތާ ޖަހައި، އައްޑޫގެ މަގުތަކުގައި ޕަންޕުޖަހައިގެން ފެން ހިންދުމުގެ މަސައްކަތްކުރަމުންދާކަމަށް އެފަރާތުން މަޢުލޫމާތުދެއެވެ. މިހާތަނަށް ހިތަދޫގެ 6 ގެއަކަށް ފެންވަދެ، އެހީތެރިކަން ފޯރުކޮށްދީފައިވާއިރު، ހުޅުދޫގެ 1 ގެއަށް ފެންވަދެ، ގެއްލުންތަކެއް ވެފައިވާކަަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއެވެ. 

ފުވައްމުލަކުގައި ފެން ހިންދުމަށް ކާނު ކެނޑުމުގެ މަސައްކަތް ހައުސިންގ މިނިސްޓްރީ އާއި، ކައުންސިލާއި، ޕޮލިހުން ގުޅިގެން ކުރަމުންގެންދާކަމަށްވެސް އެމްއެންޑީއެފުން މަޢުލޫމާތުދެއެވެ. ގދ.އަތޮޅުގެ ރަށްތަކަށްވެސް ދަނީ ބޯކޮށް ވާރޭ ވެހެމުންނެވެ. 

img:http://s2.psmnews.mv/images/660x400/15099507708978.jpg|ވާރޭވެހުމުގެ ސަބަބުން އައްޑޫ ސިޓީ ހިތަދޫގައި ފެންބޮޑުވެފައި / ފޮޓޯ: ޕީއެސްއެމް

ދެކުނުގެ އަތޮޅުތަކަށް މިހާރު ކުރަމުންދާ ވިއްސާރައާ ގުޅޭގޮތުން މޫސުމާއިބެހޭ ޤައުމީ އިދާރާއިން ހާމަކުރީ މިއީ ހުޅަނގު މޫސުމުގެ ވިއްސާރަ ކަމަށާއި، ކުރިއަށް އޮތް ދެ ދުވަހު ދޭތެރެދޭތެރެއިން ވާރޭވެހުނު ނަމަވެސް މިހާރަށްވުރެ މޫސުން ރަނގަޅުވާނެކަމަށް ލަފާކުރެވޭކަމަށެވެ. 

ނަމަވެސް ކުރިއަށްއޮތް 6 ގަޑިއިރު ވ. އަތޮޅާއި އައްޑޫއާއި ދެމެދުގެ ހިސާބުތަކަށް ބޯކޮށް ވާރޭވެހި، ވިލާގަނޑުގައި ކަނޑުތައް ގަދަވާނެކަމަށް މޫސުމާއިބެހޭ ޤައުމީ އިދާރާއިން ހާމަކުރެއެވެ. މި ސަރަޙައްދަށް އެވްރެޖްގޮތެއްގައި ހުޅަނގާއި ހުޅަނގު އުރުތުރުން ގަޑިއަކު 10 މޭލާއި 20 މޭލާއި ދެެދުގެ ބާރުމިނެއްގައި ވައިޖެހޭނެކަމަށް ލަފާކުރެވޭއިރު، ވިލާގަނޑުގައި އިތުރަށް ވައި ގަދަވެ ކަނޑުތައް ގަދަވާނެތީ، ކަނޑުދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް އެ އިދާރާއިން އިލްތިމާސްކުރެއެވެ. 

މި ވިއްސާރާއިގައި އެންމެ ގިނައިން ވާރޭވެހިފައިވަނީ އައްޑުއަށެވެ. އެގޮތުން އެ އަތޮޅު ގަމަށް 117 މިލިލީޓަރުގެ ވާރޭ ވެހިފައިވާކަމަށް ރިކޯޑުކުރެވިފައިވެއެވެ.