މިހާރު ރާއްޖެއައިސް އުޅޭ ޔޫރަޕިއަން ޕާލަމެންޓުގެ ވަފުދު ރާއްޖޭގެ ޚާރިޖީ ވަޒީރު ޑރ.މުހައްމަދު އާސިމްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރާތެއް ކޮށްފިއެވެ. 
 
މި ބައްދަލުވުމުގައި ޔޫރަޕިއަން ޕާލަމެންޓުގެ ބޭފުޅުންނާއި ޚާރިޖީ ވަޒީރާއި ބައްދަލުކުރައްވާ ގުޅުންހުރި ދާއިރާތަކާއި ބެހޭ ގޮތުން މަޝްވަރާކޮށްފައިވެއެވެ. މީގެއިތުރުން، ޔޫރަޕިއަން ޕާލަމެންޓުގެ ވަފުދުން ވަނީ އިދިކޮޅު ފަރާތްތަކާ ބައްދަލުކޮށްފައެވެ. މި ބައްދަލުވުމުގައި އިދިކޮޅު ޕާޓީތަކުގެ އިސް ސަފުގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނާއި ބައިވެރިވެފައިވެއެވެ.
 
ޔޫރަޕިއަން ޕާލަމެންޓްގެ ނުވަ ބޭފުޅުން ހިމެނޭ ވަފުދެއް ރާއްޖެ އައިސްފައިމިވަނީ ވިލާތުގެ އިއްތިޙާދާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުމާބެހޭގޮތުން މަޝްވަރާތައް ކުރުމަށެވެ.
 
މިވަފުދުގައި ހިމެނެނީ ޔޫރަޕްގެ ޕާލަމެންޓްގެ ތިން މެންބަރުންނާ، ޕާލަމެންޓް ސެކެރެޓްރޭޓްގެ އޮފިޝަލުންނާއި ޔޫރަޕްގެ އިއްތިޙާދުން ސްރީލަންކާއާއި ރާއްޖެއަށް ކަނޑައަޅާފައިވާ އޮފިޝަލުންނެވެ. 
 
މިވަފުދުގެ ދަތުރުގައި ތިމާވެށި ޙިމާޔާތްކުރުމާއި، ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރު ކުޑަ ކުރުމާއި، ޓެރަރިޒަމް ހުއްޓުވުމަށް ކުރެވިދާނެ ކަންތައްތަކާއި، ޑިމޮކްރަސީ ހަރުދަނާކުރުމާއި މީގެ އިތުރުން ވެރިކަމުގެ ނިޒާމްތައް ހަރުދަނާކުރުމަށް ކުރެވޭނެ ކަންތައްތައްފަދަ ވިލާތުގެ އިއްތިޙާދާއި ރާއްޖެއާ ގުޅުންހުރި ދާއިރާތަކުން މަޝްވަރާތައް ކުރެއްވުމަށް ހަމަޖެހިފައިވެއެވެ.