ކުޅިވަރު

ދެވަނަ ޑިވިޝަންގެ ޗެމްޕިއަންކަން ސްޓިންޖަރސް ހޯދައިފި


ހަތަރު ޕޮއިންޓުގެ ތަފާތުން އެޗް.ޑީ.ސީ ބަލިކޮށް، 12 ވަނަ ޤައުމީ ބާސްކެޓް ބޯޅަ ލީގުގެ ދެވަނަ ޑިވިޝަނުގެ ފިރިހެން ޑިވިޝަންގެ ޗެންޕިއަންކަން ސްޓިންޖާރސް ބީސީ ހޯދައިފިއެވެ. 

ސްޓިންޖާރސް ބީސީ ލީގު ކާމިޔާބުކުރީ ލީގުގައި ކުޅުނު ހުރިހާ މެޗެއްވެސް ކާމިޔާބުކޮށްގެންނެވެ. ލީގުގެ ފަހު މެޗްގައި ރޭ އެޓީމް ކުރި ހޯދީ ކްލަބް އެޗްޑީސީއާ ވާދަކޮށެވެ. އެއީ 63 ޕޮއިންޓް، 67 ޕޮއިންޓުން ކުރި ހޯދައިގެންނެވެ. ރޭގެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމް ހޯދީ ކްލަބް އެޗްޑީސީގެ އިސްމާއިލް ޝިހާމްއެވެ. 

މި މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަކީ އެލް ކިއު ސްޕޯޓްސް ކްލަބްގެ އަހުމަދު ނާއިފް، ރެޑްވިންގްސް ބާސްކެޓްބޯލް ކްލަބުގެ އާދަމް ޔާފިއު އިބްރާހިމް އަދި މުހައްމަދު އަޝްމަލް އަހުމަދުގެ އިތުރުން ސްޓިންޖާރސް ބީސީއަށް ކުޅެމުން އަންނަ މުހައްމަދު ޝައުފް މިންތާޒް އާއި މުހައްމަދު ސަބީހް ތައުފީގުއެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ކްލަބް އެޗްޑީސީގެ ޝިރުފާން އަހުމަދުއެވެ.

 ފަސް ޓީމް ވާދަކުރި ލީގުގެ އެއްވަނަ ހޯދި ސްޓިންޖާރސް ބީސީ އާއި ރަނަރަޕް ކްލަބް އެޗްޑީސީއަށް ވަނީ އަންނަ އަހަރުގެ ބާސްކެޓްބޯޅަ ލީގުގެ ފުރަތަމަ ޑިވިޝަނުން ޖާގަ ކަށަވަރުވެފައެވެ.