ވިޔަފާރި

އިންސިއުރެންސް ދާއިރާގެ އެސެޓް އެއް ބިލިޔަން ރުފިޔާއަށް!


އިންޝުއަރެންސްގެ ދާއިރާގެ އެސެޓް މިއަހަރުތެރޭގައި އެއްބިލިޔަން ރުފިޔާއަށް އަރާފައިވާކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ޑެޕިއުޓީ ގަވަރނަރ އައިޝަތު ޒާހިރާ ވިދާޅުވެއްޖެއެވެ. 

އޭނާ މިހެން ވިދާޅުވީ، ދިވެހި އިންސިއުރެންސް ކޮމްޕަނީއަށް އެއް އަހަރުވުމުގެ މުނާސަބަތުގައި އެކުންފުނިންބޭއްވި ސެމިނަރ ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ. 

ދިވެހި އިންސިއުރެންސް ކޮމްޕަނީއަށް އެއް އަހަރުވުމުގެ މުނާސަބަތުގައި އެކުންފުނިންބޭއްވި ސެމިނަރ ފެށުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަދައްކަވަމުން އެމްއެމްއޭގެ ޑެޕިއުޓީ ގަވަރނަރ އައިޝަތު ޒާހިރާ ވިދާޅުވީ، ދިވެހި އިންސިއުރެންސް ކުންފުންޏަށް މިވީ އެއް އަހަރު ދުވަހުގެތެރޭގައި އުފެއްދުންތެރި ޒަމާނީ ޚިދުމަތްތަކެއް ރައްޔިތުންނާހަމައަށް ފޯރުކޮށްދީފައިވާކަމަށެވެ. ޒާހިރާ ވިދާޅުވީ، އިޤްތިޞާދު ދެމެހެއްޓެނިވިގޮތަށް ކުރިއެރުވުމަށް މާލީގޮތުން ރައްޔިތުން ހޭލުންތެރިކުރުވުމަކީ ވަރަށް މުހިންމުކަމެއްކަމަށެވެ. ފާއިތުވި ފަސްއަހަރުދުވަހުގެ ތެރޭގައި ރާއްޖޭގެ އިންސިއުރެންސް ދާއިރާ، ވަރަށް ބޮޑު ކުރިއެރުމެއް ހޯދާފައިވާކަމަށާއި މިދާއިރާގެ ޖުމްލަ އެސެޓް މިއަހަރުތެރޭގައި އެއް ބިލިޔަން ރުފިޔާއަށް އަރާފައިވާކަމަށް ޑެޕިއުޓީ ގަވަރނަރ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، އިންސިއުރެންސް ދާރިއާ އިތުރަށް ހަރުދަނާ ކުރުމަށް އެމްއެމްއޭއިން މަސައްކަތް ކުރަމުންގެންދާކަމަށާއި، މިއަހަރު ނިމުމުގެ ކުރިން މީގެތެރެއިން ބައެއްކަންތައްތައް ގެޒެޓް ކުރެވޭކަމަށެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ދިވެހި އިންސިއުރެންސް ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަބްދުލް ވާހިދު ތައުފީޤް ވިދާޅުވީ، އެކުންފުންނިން ފާއިތުވި އެއް އަހަރު ދުވަހުގެ ތެރޭގައި ވިޔަފާރީގެ ގޮތުން ބޮޑު ކާމިޔާބީއެއް ހޯދާފައިވާކަމަށެވެ. އަދި އެކުންފުނީގެ ޚިދުމަތްތައް ބަލައިގަނެ ކަސްޓަމަރުންގެ އިތުބާރު ލިބެމުން އަންނަކަމަށް އަބްދުލް ވާހިދު ވިދާޅުވިއެވެ. އަދި ވިޔަފާރީގައި ޚަރަދު ކުޑަކުރުމާއި، ރިސްކު ކުޑަކުރަން މަސައްކަތް ކުރަންޖެހޭކަމަށް އޭނާ ވިދާޅުވިއެވެ. ވާހިދު ވިދާޅުވީ، މި ރީޖަންގައި އެންމެ ރަނގަޅު އިންސިއުރެންސް ޕްރޮޓަކްޓްތަކަކީ ކޮބައިތޯ ބަލައި އެ ޕްރޮޑަކްޓްތައް ރާއްޖެ ގެނައުމަށް މަސައްކަތްކުރަމުންގެންދާކަމަށެވެ. އެކުންފުނިން މިފަދަ ސެމިނަރއެއް ބާއްވަން ނިންމީ، ކަސްޓަމަރުންނާއެކު ޚިޔާލުބަދަލުކޮށް މަޝްވަރާކުރުމަށްކަމަށާ، މީގެސަބަބުން އެތައް ގޮތަކުން ފައިދާވާނެކަން ވާހިދު ފާހަގަކުރެއްވިއެވެ. 

ދިވެހި އިންސިއުރެންސް ކުންފުންނަށް ވިޔަފާރި ކުރުމުގެ ލައިލެންސް ލިބުނީ މިދިޔަ އަހަރުގެ ޖޫން މަހުގެ ދެވަނަ ދުވަހުއެވެ. ދިވެހި އިންސިއުރެންސް ކުންފުންޏަކީ ސަތޭކަ ޕަސެންޓް ދިވެހި ކުންފުންޏެކެވެ. މިކުންފުންޏާއެކު ރާއްޖޭގައި އިންސިއުރެންސްގެ ޚިދުމަތް ދިނުމަށް ފަސް ކުންފުނި އެމްއެމްއޭގައި ރަޖިސްޓްރީކޮށްފައިވެއެވެ.