ކުޅިވަރު

ނިއު ހަޤީޤަތުގައިވެސް ވަރުގަދަތޯ ބަލަން ސުޒޭން ނިކުންނަނީ!


އުރީދޫ ދިވެހި ޕްރެމިއާ ލީގު ކާމިޔާބުކުރުމާ ގާތަށް ދަތުރުކުރަމުން އަންނަ ނިއުރޭޑިއަންޓަކީ ހަޤީގަތުގައި ވަރަށް މޮޅު ޓީމެއްތޯ ޓެސްޓްކޮށްލަން ބޭނުންވާ ކަމަށް ތިނަދޫގެ ކޯޗު އަލީ ސުޒޭން ބުނެފިއެވެ.

ބާރަ ޕޮއިންޓާއެކު ޓޭބަލުގެ ފަސްވަނާގައި އޮތް ޓީމުގެ ކޯޗު މިހެން ބުނީ ލީގުގައި މިރޭ ނިއުއާ ދެކޮޅަށް ނުކުތުމުގެ ކުރިން ވާހަކަ ދައްކަމުންނެވެ. ކޮންމެ ޓީމެއްގައި ހުއްޓަސް އަބަދުވެސް ނިއުއާ ވާދަވެރި ސުޒޭން ބުނީ ލީގުގެ ކުރީގައި ނިއު އޮތުމާއި އެންމެ ފަހުން ކުޅުނު މެޗުގައި މާޅޮސް އަތުން ތަފާތުބޮޑުކޮށް އެޓީމު މޮޅުވުމަކީ އޭނާއާ ދެކޮޅަށް ނުކުންނައިރު ނިއު އަށް އޮތް ވަރަށް ބޮޑު ޕްރެޝަރެއް ކަމަށެވެ.

މާޒިޔާއާ އެކު މިދިޔަ އަހަރު ލީގު ކާމިޔާބުކުރި ކޯޗު ސުޒޭން ބުނީ އޭނާގެ މިހާރުގެ ޓީމު ތިނަދޫގެ ޓާގެޓަކީ ގަދަ ހަތަރެއް ކަމަށެވެ. އެއަމާޒު ހާސިލްކުރުމަށް ނިއު އަތުން ޕޮއިންޓެއް ހޯދަން މަސައްކަތް ކުރާނެ ކަމަށާއި އެކަން ވެއްޖެނަމަ އެއީ އޭނާގެ ޓީމަށް ލިބޭ ބޯނަސް ޕޮއިންޓެއް ކަމަށެވެ.

މިރޭގެ މެޗާ ބެހޭ ގޮތުން ނިއުގެ އެސިސްޓެންޓް ކޯޗު އަޝްރަފް ލުތުފީ (ސަމްޕަތު) ބުނީ ފަސްވަނާގައި ތިނަދޫ އޮތް ނަމަވެސް އެޓީމާމެދު ފަރުވާކުޑަކޮށްނުލާނެ ކަމަށެވެ. އަދި އެންމެ ފަހުން ކުޅުނު މެޗުގައި ތަފާތުބޮޑުކޮށް މޮޅުވިނަމަވެސް ނިއު އަކީ ލީގު ޗެމްޕިއަންކަން ކަމަށް ވާދަކުރާ ޓީމަކަށްވާތީވެ ކުޅުންތެރިން އޯވާރކޮންފިޑެންސްވިޔަ ނުދޭނެ ކަމަށެވެ.

ލީގުގައި ކޮންމެ ޓީމަކަށް ބާކީ ހަތަރު މެޗުއޮތްއިރު ސަމްޕަތު ބުނީ ޗެމްޕިއަންކަން ހޯދަން މިހާރު ނިއުގެ އެންމެ ބޮޑުވާދަވެރިޔަކީ ދެ ވަނާގައިވާ ޓީސީކަމަށެވެ.

ނިއު އަށް މިހާރު ލިބިފައިވަނީ 27 ޕޮއިންޓެވެ. ޓީސީ އަށް ލިބިފައިވަނީ 25 ޕޮއިންޓެވެ. ލީގުގައި މިއަދު ހަވީރު ވާދަކުރާނީ ކުޑަހުވަދޫއާއި ގްރީން ސްޓްރީޓެވެ.