ޚަބަރު

އައިޑަލް ސީޒަން 3 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި


ރާއްޖޭގެ އެންމެ ކާމިޔާބު ރިއަލިޓީ ޝޯވ "މޯލްޑިވިއަން އައިޑަލް" ސީޒަން 3 ގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ރަޖިސްޓްރީވުމުގެ ފުރުޞަތު މިއަދު ހުޅުވާލައިފިއެވެ.

އުމުރުން 16 އަހަރާއި 30 އަހަރާ ދެމެދުގެ ކޮންމެ ޒުވާނަކަށްވެސް މި ޝޯވގައި ބައިވެރިވުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ. އެގޮތުން ޝޯވގައި ބައިވެރިވުމަށް ޝަޢުގުވެރިވާ ފަރާތްތަކުން MI ޖެހުމަށްފަހު، ހުސްތަންކޮޅެއް ދޫކުރައްވާ، ނަމާއި، ޢުމުރު އަދި މިހާރު ދިރިއުޅޭ އެޑްރެސް ޖެހުމަށްފަހު 300 އަކަށް އެސް.އެމް.އެސް ކުރުމުން، އޮޑިޝަންތަކުގައި ބައިވެރިވުމުގެ ފުރުޞަތު ލިބޭނެއެވެ. އަދި މޯލްޑިވިއަން އައިޑަލްގެ 3 ވަނަ ސީޒަންގެ އޮޑިޝަންތައް ބާއްވާނެ ސަރަޙައްދުތައް ވަރަށް އަވަހަށް އިޢުލާންކުރާނެކަމަށްވެސް އައިޑަލް ޕްރޮޖެކްޓް ޓީމުން ބުނެއެވެ.

އައިޑަލްގެ ތިން ވަނަ ސީޒަން ރަސްމީކޮށް ލޯންޗްކޮށްފައިވާއިރު، މިފަހަރުގެ ސީޒަންގައި ޖަޖުންގެ ގޮތުގައި 4 ފަންނާނުން ފެނިގެންދާނެއެވެ. އެގޮތުން ޖަޖުންގެ ޕެނަލްގައި ހިމެނޭ 4 ފަންނާނުންނަކީ މަރިޔަމް އުނޫޝާ، އިސްމާއިލް އައްފާން، އަޙުމަދު އިބްރާހިމް އަދި ޒާރާ މުޖްތަބާއެވެ. ސީޒަން ތިނެއްގެ ޕްރެޒެންޓަރުންގެ ގޮތުގައި ފެނިގެންދާނީ މޫސާ ވަސީމް އާއި ޝާއިނާ ޝަރީފެވެ. ބެލުންތެރިންގެ ބޮޑު މަޤުބޫލުކަމެއް ހޯދާފައިވާ މޯލްޑިވަން އައިޑަލްގެ ތިން ވަނަ ސީޒަންގެ ޓައިޓަލް ސްޕޮންސަރަކީ ދިރާގެވެ.