ޚަބަރު

އަންހެން ކަނބަލުންނަށް ރައީސް ޔާމީންގެ ޚާއްސަ އިލްތިމާސެއް!


ޤައުމު ބިނާކުރުމުގައި ދިމާވާ މައްސަލަތަކުގައި ފަހަތަށް ޖެހިވަޑައިނުގެން، އެކަންކަމާ ވާހަކަދައްކަވަން ކެރޭ ބަޔަކަށްވުމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ރާއްޖޭގެ އަންހެން ކަނބަލުންނަށް ގޮވާލައްވައިފިއެވެ.

އެމަނިކުފާނު މިކަމަށް ގޮވާލެއްވީ ކަނބަލުންގެ މަހާސިންތާ ނިންމުމަށް ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ކަނބަލުންގެ މަހާސިންތާ ނިންމުމަށް ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ފާހަގަކޮށްލެވޭ އަންހެނުންގެ ދައުރުން މިސާލު ނަންގަވާ މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި އަންހެން ކަނބަލުންނަށް ނަސޭހަތްތެރިވެވަޑައިގެންފައެވެ. އެމަނިކުފާނު ވަނީ ޤައުމު ބިނާކުރުމުގައި އަންހެން ކަނބަލުން ކުރައްވާ މަސައްކަތްތަކަށާއި ޚިދުމަތްތަކަށް ހިތްވަރުދެއްވާ ވާހަކަފުޅު ދައްކަވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމް އިސްނަންގަވައިގެން ފެށްޓެވި ކަނަބަލުންގެ މަހާސިންތާ ނިންމުމަށް ބޭއްވި ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވީ، ފިރިހެނުންނެކޭ އެއްވަރަށް އަންހެނުންނަކީވެސް ބާރުވެރި ޚިދުމަތްތެރި ބައެއްކަން ދުނިޔެއިން ފެންނަމުން އަންނަކަމަށެވެ. އަދި ރާއްޖޭގައިވެސް އަންހެނުންގެ ދައުރު ފުޅާވަމުން އަންނަކަމަށާއި، އެގޮތުން ޤައުމަށް އުދުވާނީ ހަމަލާއެއް ދޭން އަންނަ މީހުން ފަހާލުމުގެ ޤާބިލްކަންވެސް އަންހެން ކަނބަލުންގެ ކިބައިން މިއަދު ފެންނަމުންއަންނަކަމަށް ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ، ޤައުމު ކުރިއަރުވާ ތަރައްޤީކުރުމަށް ފުރުޞަތު ހޯދުމާއި، ވަސީލަތްތައް ހޯދުމަކީ ހަމައެކަނި ފިރިހެނުންގެ ޒިންމާއެއް ނޫންކަމަށާއި، އެކަމުގައި އަންހެނުންގެ ހިއްސާވެސް ބޮޑުކަމަށެވެ. އަދި ޤައުމު ބިނާކުރުމުގައި ކަނބަލުން ކުރާ މަސައްކަތަށް ދިވެހި ދައުލަތުން ފުރިހަމަ އެއްބާރުލެއްވުންދެއްވާނެކަމުގެ ޔަޤީންކަންވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ.

މިމޭރުމުން ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ޤައުމު ބިނާކުރުމުގައި ދިމާވާ މައްސަލަތަކުގައި ބައިވެރިވެ، އެކަމާ ވާހަކަދައްކާ، ދުރަށްޖެހިވަޑައިނުގެން ކެރިގެން މަސައްކަތްކުރާ ބަޔަކަށް މި މުޖުތަމަޢުގައި އަންހެނުންވާންޖެހޭކަމަށެވެ. އަދި ކަމެއް ހާސިލްކުރުމަށް ކުރެވޭ މަސައްކަތުގައި އަޒުމް ކަނޑައަޅާއިރު ފަޚްރު ހޯދުމަށް އަޒުމް ކަނޑައެޅުމުގެ ބަދަލުގައި، ނަތީޖާ ހާސިލްކުރުމަށް އަޒުމްކަނޑައެޅުމަށް ކަނބަލުންނަށް ނަސޭހަތްތެރިވެވަޑައިގެންނެވިއެވެ. ރައީސްގެ ވާހަކަފުޅުގައި ވަނީ ދުނިޔޭގެ ލީޑަރުންގެ ތެރެއިން މިސާލު ނަންގަވާ އެކަންކަން ތަފްސީލްކޮށްދެއްވާފައެވެ.

ރައީސް ވިދާޅުވީ، ރާއްޖޭގައި އަންހެން ކަނބަލުން ކުރިހޯދާފައިވާ ދާއިރާތައް ވަރަށް ގިނަ ކަމަށާއި، ނަމަވެސް އަދިވެސް ކަންކަން ނިންމާ ލެވެލްގައި އަންހެނުންގެ ދައުރު ނިސްބަތުން މަދުކަމަށެވެ. ދުނިޔޭގެ ޤައުމުތަކުގެ ލީޑަރުންގެ ގޮތުގައާއި، ޕާލިމަންޓް މެންބަރުންގެ ގޮތުގައި ތިއްބެވި އަންހެނުންވެސް ނިސްބަތުން ވަރަށް މަދުކަމަށެވެ. އެހެންކަމުން ކަނބަލުން ކެރިވަޑައިގެން އެކަންކަމާ ކުރިމަތިލެއްވުމަށް ރައިސް ވަނީ ގޮވާލައްވާފައެވެ.

މިސަރުކާރުގެ އަމާޒަކީ ސަރުކާރު ހިއްސާވާ ކުންފުނިތަކާއި ކޯޕަރޭޓިވް ބޯޑުތަކުގައި ކޮންމެ 10 މެންބަރެއްގެ ތެރެއިން 4 މެންބަރުންނަކީ އަންހެނުންނަށް ހެއްދެވުންކަމަށާއި އެކަން މިހާރު ހާސިލްވަމުންދާކަން ރައީސް ޔާމީން ފާހަގަކުރެއްވިއެވެ.

ރައީސް ޔާމީންގެ ވާހަކަފުޅު ނިންމަވާލައްވަމުން ވަނީ، ކަނބަލުންގެ ޚިދުމަތްތައް އަގުވަޒަންކުރައްވާކަމަށް ވިދާޅުވެ، ސިޔާސީ ގޮތުން އަންހެނުން ބާރުވެރިކުރުވުމަކީ އެމީހުންނަށް ލިބޭ ކުރިއެރުމެއްކަމަށް ސިފަކުރައްވާފައެވެ.