ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ދެވަނަ ދައުރަކަށް އިންތިޚާބު ކުރުމަށް ކެމްޕެއިން ކުރުމަކީ މިއަދު ދިވެހި ކޮންމެ ރައްޔިތަކަށްވެސް އަދި ވަކިން ޚާއްސަކޮށް ޕީޕީއެމްގެ ކޮންމެ މެމްބަރަކަށްވެސް އެންމެ ފަސޭހަ އެއް ކަންތައް ކަމަށް ޕީޕީއެމްގެ ނާއިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ކަނބަލުންގެ މަހާސިންތާ ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
ރައީސް ޔާމީން ދެވަނަ ދައުރަކަށް އިންތިޚާބު ކުރުމަށް ކެމްޕެއިން ލީޑަރުން ތައްޔާރު ކުރުމަށް ބޭއްވި ކަނބަލުންގެ މަހާސިންތާ ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަދައްވަމުން ޢަބްދުރައްޙީމް ވިދާޅުވީ މިއަދު އިވޭ ކޮންމެ އަޑަކުންނާއި އަރާ ކޮންމެ ރަށަކުން ފެންނަމުން ދަނީ ރައީސް ޔާމީންގެ ކެމްޕެއިންގެ ޙަރަކާތްތައް ކަމަށެވެ.
2018ވަނަ އަހަރު އޮންނަ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީން އިންތިޚާބު ކުރުމުގެ ގޮތުން ކެމްޕެއިންތަކުގައި ދައްކާނެ ވާހަތަކާއި ވިއްކާނެ ވަރަށް ގިނަ އެއްޗެހި އެބަހުރި ކަމަށް ޢަބްދުއްރަޙީމް ވިދާޅުވިއެވެ. ނަމަވެސް ރައީސް ޔާމީނާ ވާދަކުރައްވާ ނުވަތަ މިއަދު ސަރުކާރާ އިދިކޮޅުގައި ތިއްބެވި ފަރާތްތަކުން ރައްޔިތުންނާ ދައްކާނެ އެއްވެސް ވާހަކައެއް ނޯންނާނެ ކަމަށް ޢަބްދުއްރަޙީމް ވިދާޅުވިއެވެ.
ޢަބްދުއްރަޙީމް ވިދާޅުވީ 2018ވަނަ އަހަރު ރައީސް ޢަބްދުﷲ ޔާމީނާއެކު ނިކުމެވަޑައިގަންނަވާނީ ވަރަށް ފޮނި އުއްމީދުތަކާއި އެކުގައި ކަމަށެވެ. އަދި އެމަނިކުފާނާއި އެކު އަންނަ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވާނެ ކަމަށް ވިދާޅުވަމުން ގެންދަވަނީވެސް ވަރަށް ޔަޤީން ކަމާއިއެކުގައި ކަމަށް އޭނާ ވިދާޅުވިއެވެ.