ޚަބަރު

އެއަރޕޯޓުގެ ތަރައްޤީއަށް ބޭނުންވާ ހުރިހާ ފައިސާއެއް ހަމަޖެހިއްޖެ


ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ޔުނައިޓެޑް ޢަރަބް އެމިރޭޓްސް، ޔޫއޭއީއަށް ކުރެއްވި ދަތުރުފުޅުގައި ވަނީ ދެ ޤައުމުގެ ގުޅުން ސިޔާއީ އަދި އިޤްތިޞާދީ ދާއިރާއިން ބަދަހިކުރުމާ ގުޅޭ ހަތަރު އެއްބަސްވުމެއްގައި ސޮއިކުރައްވާފައެވެ. އޭގެ ތެރޭގައި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމާއި ޓެކުހާއި އަދި ދެ ޤައުމުގެ އިންވެސްޓްމަންޓްތަކަށް ހިމާޔަތްދީ އިންވެސްޓްމަންޓްތަކަށް މަގުފަހިކުރުމާ ގުޅޭ އެއްބަސްވުން ހިމެނެއެވެ. 

ރާއްޖޭގެ އިޤްތިޞާދާ ގުޅުންހުރި މި އެއްބަސްވުންތަކާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އިކޮނިމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ވިދާޅުވީ،ވޭލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމަކީ ރައީސް ޢަބްދުﷲ ޔާމީން އެންމެ އިސްކަމެއް ދެއްވާ އެއް މަޝްރޫޢުކަމަށެވެ. 

img:http://s2.psmnews.mv/images/660x400/15077764729251.jpg|އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސަޢީދު ރަސްމިއްޔާތެއްގައި ވާހަކަފުޅުދައްކަވަނީ - ފޮޓޯ: ޕީއެސްއެމް

އެއަރޕޯޓް ތަރައްޤީގައި ހިމެނެނީ މައިގަނޑު ދެ ބައެކެވެ. އެއީ އައު ޓާމިނަލް ބިނާކުރުމާއި، އައު ރަންވޭއެއް ތަރައްޤީކުރުމެވެ. އެއަރޕޯޓްގެ ތަރައްޤީއަށް ބޭނުންވާ ގިނަ ޢަދަދެއްގެ ފައިސާ ހަމަޖެހިފައިވާއިރު، ޔޫއޭއީ ސަރުކާރާ އެކު ވެވުނު އެއްބަސްވުމަކީ އެއަރޕޯޓް ތަރައްޤީއަށް ބޭނުންވާ ފައިސާގެ އެންމެ ފަހު ބުރުކަމަށް މިނިސްޓަރ ސަޢީދު ވިދާޅުވިއެވެ. އެގޮތުން ދެ ޤައުމުގެ ދެމެދު ސޮއިކުރެވުނު އެއްބަސްވުމާއެކު އެފައިސާ ބޭނުންކުރެވޭނީ ވޭލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ އައު ޓަރމިނަލް ތަރައްޤީކުރުމަށްކަމަށާއި، މި އެއްބަސްވުމާއެކު، ވެލާނާ އިންޓަރނޭޝަން އެއަރޕޯޓް ތަރައްޤީ ކުރުމަށް ބޭނުންވާ ފައިސާގެ ހުރިހާ މައްސަލަތަކެއް ހައްލުވީކަމަށް ސަޢީދު ވިދާޅުވިއެވެ.

img:http://s3.psmnews.mv/images/660x400/15049541949826.jpg|އެއަރޕޯޓް ތަރައްްޤީ ކޮށް ނިމޭއިރު ހުންނާނެ ގޮތުގެ ކުރެހުމެއް-

ދެޤައުމުގެ އިންވެސްޓްމަންޓްތަކަށް ހިމާޔަތްދިނުމާ ބެހޭ އެއްބަސްވުމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން އިކޮނޮމިކް މިނިސްޓަރ ވިދާޅުވީ، ރައީސް ޔާމީންގެ އިޤްތިޞާދީ މަސައްކަތްތަކާ ސިޔާސަތު ބޭރު ދުނިޔެއިން ބަލައިގަންނަކަމަށެވެ. ޚާއްޞަކޮށް މި އެއްބަސްވުމަކީ، ރާއްޖޭގައި ޔޫއޭއީގެ އިންވެސްޓްމަންޓްތަކަށް އޮތް ދައުރު ވަރަށް ބޮޑަށް ފުޅާވެގެންދާނެ އެއްބަސްވުމެއްކަމަށެވެ. އަދި ކުރިމަގުގައި ނަތީޖާއަކަށްވާނީ ޔޫއޭއީގެ ގިނަ ވިޔަފާރިތަށް ރާއްޖެއާ މެދު ޝައުގުވެރިކަން އިތުރުވެ، ވަޒީފާއާއި ރާއްޖޭގެ އެހެން ވިޔަފާރިތަކަށް އިތުރު ކުރިއެރުން ލިބުންކަމަށެވެ.

ރައީސް ޔާމީން ޔޫއޭއީއަށް ކުރެއްވި ދަތުރުފުޅުގެ ސަބަބުން ޔޫއޭއީގެ ލީޑަރޝިޕާ ރާއްޖެއާ ވަރަށް ގާތް ގުޅުމެއް ބަދަހިވެގެން ދިޔަކަމަށާއި ދެޤައުމުގެ ގުޅުމަށް އަންނަ އަހަރު ސާޅިސް އަހަރު ފުރޭއިރު، ޔޫއޭއީއާއެކު އެންމެ ގާތް ގުޅުމެއް ބަދަހިވެފައިވަނީ ރައީސް ޔާމީންގެ ޒައާމަތުގައިކަން އިކޮނޮމިކް މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި މި އެއްބަސްވުންތަކުގެ ސަބަބުން ރާއްޖޭގެ ވިޔަފާރިތަކަށް ކުރިއެރުން ލިބޭނެކަމަށް އިކޮނޮމިކް މިނިސްޓްރީން ލަފާކުރެއެވެ.