ޒުވާން ވިޔަފާރިވެރިން އުފެއްދުމަށް ވިޔަފާރީގެ ޚިޔާލުތައް ޙިއްސާކުރުމުގެ ޕްރޮގްރާމެއް ފަށައިފިއެވެ.
މި ޕްރޮގްރާމަކީ ޒުވާން ވިޔަފާރިވެރިން އުފެއްދުމަށް މަސައްކަތްކުރާ ބައިނަލްއަޤްވާމީ ޖަމްޢިއްޔާއެއް ކަމަށްވާ ޓެކްސްޓާރއިން ޔޫއެންޑީޕީއާއި ދިރާގާއި އިކްނޮމިކް މިނިސްޓްރީއާ ގުޅިގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމް ފެށުމުގެ ގޮތުން އާޓް ގެލަރީގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަދައްކަވަމުން އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަބްދުއް ލަތީފް މުޙައްމަދު ވިދާޅުވީ، ޒުވާން ވިޔަފާރިވެރިން އުފައްދާ، ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއަރުވަން މީގެކުރިން އެއްވެސް ސަރުކާރަކުން މަސައްކަތް ނުކުރާވަރަށް މި ސަރުކާރުން މަސައްކަތް ކުރަމުންގެންދާކަމަށެވެ. އަދި މި ޕްރޮގްރާމްގެ ތެރެއިން ވިޔަފާރީގެ އާ ޚިޔާލްތައް އުފަންވެ އެހިޔާލުތައް ފަންނީ މާހިރުންގެ ލަފަޔާއެކު ވިޔަފާރީގައި ކުލަޖެހި އިތުރަށް ތަރައްޤީ ކުރެވިގެންދާނެކަމަށް ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ. މީގެއިތުރުން ސަރުކާރުން ޒުވާނުންނަށް ހުޅުވާލާފައިވާ ފުރުސަތުތަކުގެ ބޭނުން އެންމެ ފުޅާ ދާއިރާއެއްގައި ހިފުމަށް އަބްދުލްލަތީފް ވިދާޅުވިއެވެ.
މި ޕްރޮގްރާމާ ބެހޭގޮތުން ވާހަކަދައްކަވަމުން ޓެކްސްޓާރގެ ކޮމިއުނިޓީ ލީޑަރ އަހުމަދު ޔާމީން މުޙައްމަދު ވިދާޅުވީ، މި ޕްރޮގްރާމްގެ ތެރެއިން ވިޔަފާރިވެރިންތަކެއް އުފެދިގެންދާނެކަމަށް ޤަބޫލް ކުރައްވާކަމަށެވެ. ތިން ދުވަހުގެ މުއްދަތަށް އާރޓްގެލަރީގައި ކުރިއަށްދާ މި ޕްރޮގްރާމްގައި ފަސްދޮޅަސް ބައިވެރިން ބައިވެރިވެފައިވެއެވެ.