މުނިފޫހިފިލުވުން

ތަސްނީމްގެ އަމިއްލަ 3 ލަވައެއް ރިލީޒްކޮށްފި


މޯލްޑިވިއަން އައިޑަލް ސީޒަން ދޭއްގެ ޓައިޓަލް ޙާސިލްކުރި މުޙައްމަދު ތަސްނީމްގެ އަމިއްލަ 3 ލަވައެއް ރިލީޒްކޮށްފިއެވެ.

މި 3 ލަވަ ރިލީޒްކޮށްދެއްވީ މޯލްޑިވިއަން އައިޑަލްގެ ތިންވަނަ ސީޒަން ލޯންޗްކުރުމަށް ބޭއްވި ހަފްލާގެ ތެރެއިން، ޕަބްލިކް ސަރވިސް މީޑިއާ، ޕީ.އެސް.އެމްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޚަލީލެވެ.

ތަސްނީމްގެ އަޑު ނީވި ކުޑަދުވަސްކޮޅަކަށް ދިޔުމަށްފަހު އޭނާގެ ސަޕޯޓަރުންނާއި ފޭނުންނަށް ދޫކޮށްލި ތިން ލަވައަކީ ވަރަށްވެސް ޚާއްސަ ހަދިޔާއެއްގެ ގޮތުގައި އޭނާ ސިފަކުރެއެވެ. އަމިއްލަ ރާގަކަށް ތައްޔާރުކޮށްފައިވާ މި 3 ލަވައަކީ "އިތުރު ފުރުޞަތެއް"، "ހިތް ހެޔޮ" އަދި "ފަތުރުވެރިއެއްގެ ނަޒަރު"އެވެ. މިއީ ގާތްގަނޑަކަށް 3 މަސް ދުވަހުގެ މަސައްކަތްކަމަށާއި، މި ލަވަތަށް ވުޖޫދަށް ގެނެއުމުގައި އިސްމާޢީލް އައްފާންގެ ދައުރު ވަރަށްވެސް ބޮޑުކަމަށް ބޮބް ފާހަގަކުރިއެވެ.

ކ. މާފުއްޓަށް އުފަން މުޙައްމަދު ތަސްނީމް، އާއްމުކޮށް ކިޔާ ނަމުންނަމަ ބޮބް، މިއުޒިކީ އުދަރެހުގައި ފިޔަޖަހަން ފަށާފައިވަނީ 2014 ވަނަ އަހަރުގެ ތެރޭގައެވެ. އޭރު އޭނާއަކީ "ދި ސްޓްރިންގްސް" ނަމަކަށް ކިޔާ ބޭންޑެއްގެ މެންބަރެކެވެ. ބައެއް އާދައިގެ ޝޯވތަކާއި ރިސޯޓްތަކުގައި ޕަރފޯމްކުރަމުންދިޔަ ތަސްނީމްގެ މިއުޒިކީ ކެރިއަރއަށް އިންޤިލާބެއް ގެނުވީ މޯލްޑިވިއަން އައިޑަލްގައި އޭނާ ބައިވެރިވި ހިސާބުންނޭ ބުނުމަކުން ދޮގަކަށްނުވާނެއެވެ.

ތަސްނީމް މިހާރު ތައްޔާރުވަމުންދަނީ އަންނަ ނޮވެމްބަރު މަހުގެ އެއްވަނަ ދުވަހު ޗައިނާގެ ސިޗުއާން ޕްރޮވިންސްގެ ވެރިރަށް ޗެންޑޫގައި ބާއްވާ 6 ވަނަ އޭ.ބީ.ޔޫ ޓީވީ ސޯންގް ފެސްޓިވަލްގައި ޕަރފޯމްކުރުމަށެވެ. ރާއްޖެ ތަމްސީލްކުރުމުގެ ގޮތުން އޭނާ މި ފެސްޓިވަލްގައި ބައިވެރިވެފައިވަނީ ޕީ.އެސް.އެމްގެ ފަރާތުންނެވެ. ސަރަޙައްދީ ފެންވަރުގައިވެސް ބޮޑު މަޤުބޫލުކަމެއް ހޯދާފައިވާ މި ފެސްޓިވަލަކީ، މިއުޒިކް އިންޑަސްޓްރީގައި ހަރަކާތްތެރިވާ ފަރާތްތަކާއި، މިއުޒިކް އިންޑަސްޓްރީއަށް ލޯބިކުރާ އަދި މި ދާއިރާއިން ކުރިއަށްދާން ބޭނުންވާ ފަރާތްތައް އެއްތަނަކުން ބައްދަލުވެ، އެ ފަރާތްތަކުގެ ހުނަރުތައް ދައްކާލުމަށް ލިބިގެންދާ އަގުހުރި ފުރުޞަތެކެވެ.