ޚަބަރު

ސްރީލަންކާގައި އުޅޭ ދިވެހިންނަށް ޚާއްޞަ އެޕެއް ތަޢާރަފް ކުރަނީ


ސްރީލަންކާގައި ހުންނަ ދިވެހި އެމްބަސީން ދޭ ޚިދުމަތްތަކާ ބެހޭ މަޢުލޫމާތު ހިމަނައިގެން މޮބައިލް އެޕްލިކޭޝަނެއް ތައްޔާރުކުރުމުގެ މަސައްކަތް ލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީން ފަށައިފިއެވެ.

މިއެޕްލިކޭޝަނުން އެމްބަސީން ދޭ ޚިދުމަތްތަކުގެ އިތުރުން، ސްރީލަންކާގެ ޤާނޫނާއި ޤަވާއިދުތަކާއިބެހޭ މަޢުލޫމާތުތައްވެސް ލިބޭނެކަމަށް ދިވެހިރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅާފައިވާ ހުންނަވާ ސަފީރު، މުޙައްމަދު ޙުސައިން ޝަރީފް ވިދާޅުވިއެވެ.

ސްރީލަންކާއަކީ ދިވެހިން އެންމެ ގިނައިން ވަޒަންވެރިވެގެން ދިރިއުޅޭ އެއް ޤައުމެވެ. 15000 އަށްވުރެ ގިނަ ދިވެހިން ސްރީލަންކާގައި ދިރިއުޅެމުންދާއިރު، މީގެ ތެރޭގައި ގިނައީ ސިއްޙީ ބޭނުންތަކަށާއި ތަޢުލީމީ ބޭނުންތަކަށް ވަޒަންވެރިވެގެން އުޅޭ ދިވެހިންނެވެ. މީގެ އިތުރުން ޗުއްޓީ ހޭދަކޮށްލުމަށްވެސް އެންމެ ގިނައިން ދިވެހިން ގޮސް އުޅެނީ ލަންކާއަށްކަން ފާހަގަކޮށްލެވެއެވެ.

މިހާ ގިނަ އަދަދަކަށް ދިވެހިން އުޅޭ ޤައުމަކަށް ސްރީލަންކާ ވެފައިވާއިރު، އެޤައުމުގައި އުޅޭއިރު ބަލަންޖެހޭ ކަންތައްތަކެއް ހުރެއެވެ. މިގޮތުން ވިސާއާ ގުޅޭ ކަންކަމާއި ލަންކާގެ ޤާނޫނުތަކުގެ މަޢުލޫމާތަކީ ލަންކާގައި ދިރިއުޅޭ މީހުންނަށް ކޮންމެހެންވެސް މުހިއްމު މަޢުލޫމާތުތަކެކެވެ. އެހެންކަމުން މި އެޕްލިކޭޝަންގެ ބޭނުމަކީ މިފަދަ މަޢުލޫމާތުތައް ލަންކާގައި އުޅޭ ދިވެހިންނަށާއި ލަންކާއަށް ދަތުރުކުރާ ފަރާތްތަކަށް ފަޞޭޙައިން ފޯރުކޮށްދިނުންކަމަށް ލަންކާގައި ހުންނަ ދިވެހި އެމްބަސީން ބުނެއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ދިވެހިރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުޙައްމަދު ޙުސައިން ޝަރީފް ވިދާޅުވީ، ލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީން ގިނަ ޚިދުމަތްތަކެއް ދިވެހިންނަށް ދެމުންދާއިރު، އެޚިދުމަތްތައް ވީހާވެސް ލުއި ފަޞޭހަކޮށް ދެއްވުމަކީ އަމާޒެއްކަމަށެވެ. މިގޮތުން އެމްބަސީން ދޭ ޚިދުމަތްތަކާއި ގުޅޭ ނަމްބަރުތަކުގެ އިތުރުން ލަންކާގައި އުޅޭ ދިވެހިންނަށް ބޭނުންވާ މުހިއްމު މަޢުލޫމާތުތައް މި އެޕްލިކޭޝަނުގައި ހިމަނުއްވާނޭކަމަށް ސަފީރު ވިދާޅުވިއެވެ.

img:http://s3.psmnews.mv/images/660x400/15091018331612.jpg|

"އެޕްލިކޭޝަންއަށް އަޅުގަނޑުމެން ލާނަން.... ދިވެހި ބޭފުޅަކު ނިޔާވިޔަސް އެކަމުގެ މަޢުލޫމާތާއި ޖަނާޒާގެ މަޢުލޫމާތު އެޕްލިކޭޝަނަށް އަންނާނެ.. ވަރަށް ގިނަ ދިވެހިން ބޭނުންވާނެ ދިވެއްސަކު ނިޔާވެއްޖިއްޔާ މޫނު ދެކިލާ.. ކަށުނަމާދުގައި ބައިވެރިވެލަން.. އެކަމަކު ގިނަ ފަހަރަށް މި އެނގެނީ މާ ލަހުން.. އެ އާއިލާއަށްވެސް ލިބޭ ވަރަށް ބޮޑު ހިތްވަރަކަށްވެސް ވާނެ އަޅުގަނޑުމެންގެ ތެރެއިން ގިނަ ބަޔަކު ގޮސް އެވަގުތު އެއާއިލާއާއެކު ތިބުމަކީ" ސަފީރު މުޙައްމަދު ޙުސައިން ޝަރީފް ވިދާޅުވިއެވެ.

ސަފީރު ވިދާޅުވީ ލަންކާގެ ޤާނޫނުތަކާއި ޤަވާއިދުތަކަށް އަންނަ ބަދަލުތަކަށް ދިވެހިން އަހުލުވެރިކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށެވެ. އަދި މި އެޕްލިކޭޝަންގައިވެސް ލަންކާގެ ޤާނޫނުތަކާއި ލަންކާގެ އިމިގްރޭޝަނާއި އެޤައުމުގެ ސަރުކާރުން ކުރިއަށްގެންދާ ދިވެހިންނާ ގުޅޭ ކަންކަމާބެހޭ މަޢުލޫމާތުތައް ހިމަނުއްވާނޭކަމަށް ސަފީރު ވިދާޅުވިއެވެ.

img:http://s3.psmnews.mv/images/660x400/15091018441810.jpg|

"ސްރީލަންކާގެ ޤާނޫނުގެ ތެރެއިން.. މިހެން އައިސް އުޅޭ ދިވެހިންނަށް އެންމެ މުހިއްމު ކަންތައްތައް.. މިސާލަކަށް.. މިފަހަކަށް މިޤައުމުގައި ފެތުރެމުން އަންނަ ބަލި މަޑުކަމެއް މިއީ ޑެންގޫ ފީވައަކީ.. އެއީ ލަންކާ ސަރުކާރުން ވަރަށް ސީރިއަސްކޮށް ނަންގަވައިގެން ކޮންޓްރޯލްކުރައްވަން މަސައްކަތްކުރައްވާ ބައްޔެއް.. އެބޭފުޅުން ދަނީ ގޭގެއަށް ގޮސް ޗެކްކުރަމުން.. އެހެންކަމުން ދިވެހިން ތިއްބަވާ ގޭގެއިން އެބަޖެހޭ މިކަމަށް ސަމާލުވާން.. އެބޭފުޅުން އައިސް ޗެކްކުރައްވާއިރު މައްސަލައެއް އުޅޭނަމަ ބޮޑެތި އަދަދުތަކުން ޖޫރިމަނާކުރާނެ.. ކޯޓަށްވެސް އެބަހުރި މައްސަލަ ފޮނުވާފައި.. ގިނަ ފަހަރަކު ނޭނގޭ މިއީ މިހާ ސީރިއަސް ކަމެއްކަމެއް... ޓްރެފިކް ޤަވާއިދުތައް... ހުއްދަތައް އާކުރަން ކުރަންޖެހޭ މަސައްކަތްތައް... މިބަވާތުގެ އެތަކެއް މަޢުލޫމާތުތަކެއް އެޕްލިކޭޝަންގައި ހިމަނާނަން" ސަފީރު މުޙައްމަދު ޙުސައިން ޝަރީފް ވިދާޅުވިއެވެ.

އެޕްލިކޭޝަން ތައްޔާރުކުރާނެ ފަރާތެއް ހޯދުމަށް ލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީން އިޢުލާންކޮށްފައިވާއިރު، ވަރަށް އަވަސް މުސްތަޤްބަލެއްގައި މިއެޕްލިކޭޝަންގެ ޚިދުމަތް ފަށާނެކަމަށް އެމްބަސީން ބުނެއެވެ.