ޚަބަރު

ހުކުރު އުފާ- މިއަދާއި މިރޭވެސް ކުރިއަށްދާނެ


ޕީއެސްއެމްއާއި އިސްލާމިކް މިނިސްޓްރީ ގުޅިގެން ކޮންމެ ހަފްތާއެއްގެ ހުކުރު ދުވަހު ބާއްވަމުން އަންނަ ހުކުރު އުފާ އިސްލާމީ ފެސްޓިވަލް މިއަދުވެސް ކުރިއަށްދާނެއެވެ.

މިއަދު ހަވީރުވެސް ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދިއުމަށް ރާވާފައިވާއިރު، މި ފެސްޓީވަލްގައި މިރޭވެސް ޚާއްޞަ ދީނީ ދަރުސެއް އޮންނާނެއެވެ. މި ހަފްތާގެ ދަރުސް ދެއްވާނީ ޑރ. މުޙައްމަދު ޤުބާދު އަބޫބަކުރެވެ. މި ދަރުސްގެ މައުޟޫއަކީ "އިސްލާމް ދީނަކީ ރަޙުމަތުގެ ދީން" މި މަޢުޟޫއެވެ.

އިސްލާމިކް މިނިސްޓްރީއާއި، ފަބްލިކް ސަރވިސް މީޑިއާ ގުޅިގެން ސިލްސިލާކޮށް ކުރިއަށްގެންދާ "ހުކުރު އުފާ" ޙަރަކާތަކީ، އެއްއަހަރުގެ މުއްދަތަށް ކޮންމެ ހުކުރު ދުވަހަކު ކުރިއަށްގެންދާ ދީނީ ބޮޑު ޙަރަކާތެކެވެ.

ހުކުރު އުފާ" ޚާއްޞަ ކޮށްފައިވަނީ އިސްލާމީ ވެއްޓެއްގައި ޢާއިލީ ގުޅުން ބަދަހިކޮށް، އިސްލާމީ ރޫޙް އާލާކުރެވޭނެ މާޙައުލެއް ރައްޔިތުންނަށް ހޯދައިދިނުމަށެވެ.

img:http://s1.psmnews.mv/images/660x400/15036534919290.jpg|ހުކުރު އުފާ ފެސްޓިވަލްގެ ތެރެއިން-

މިދިޔަ އޯގަސްޓް މަހުގެ ހަތަރުވަނަ ދުވަހު ފެށި މިހަރަކާތަކީ ރައީސް ޔާމީންގެ އިސްނެންގެވުމުގެ މަތިން ކުރިއަށްގެންދާ ހަރަކާތެކެވެ. މި ޙަރަކާތުގެ ސަބަބުން، ދީނީ ގޮތުން އެނގެންޖެހޭ ގިނަ މަޢުލޫމާތުތަކާއި، އެއްބައިވަންތަކަން އާލާވާފަދަ ގިނަ ޙަރަކާތްތަކެއް ކުރިއަށްގެންދެއެވެ. ޚާއްޞަކޮށް، ފެސްޓިވަލަށް ޒިޔާރަތްކުރާ ކޮންމެ މީހަކަށް މުޞްޙަފެއް ހަދިޔާކުރުމާއި، ހިލޭ  ޢުމުރާ ދަތުރެއް ލިބުމުގެ ފުރުޞަތުވެސް ލިބިގެންދެއެވެ.

ރާއްޖޭގައި ސިލްސިލާކޮށް މިފަދަ ޙަރަކާތެއް ފެށިގެންދިއުމަކީ އިސްލާމީ ޝިޢާރު ފާޅުކުރުމާއި، އިސްލާމް ދީނުގެ ކަންކަމަށް ނަޞްރުދިނުމާއި، އިސްލާމީ މަޢުލޫމާތު ފެތުރުމާއި، އިސްލާމީ ވެށްޓެއްގައި ދިވެހި ރައްޔިތުން އެކުވެރިކަމާއެކު، އެއްބައިވަންތަކަމާއެކީ ގުޅުންތައް ބަދަހިކުރުމަށް ދިވެހި ދައުލަތުން ފަހިކޮށްދެއްވި ވަރަށް މުހިންމު މަސަތްކަތެކެވެ.

އޮގަސްޓް މަހުގެ ހަތަރުވަނަ ދުވަހުން ފެށިގެން މި މަހުގެ ވިހިވަނަ ދުވަހާ ހަމަޔަށް ހުކުރު އުފާގެ އެކި ހަރަކާތްތަކަށް އާންމުންގެ ވަރަށް ބޮޑު ތަރުޚީބެއް ލިބިފައިވެއެވެ. ކުޑަކުދިންނަށް ޚާއްސަކޮށްގެން ހުކުރު ދުވަހުގެ ހަވީރު ކުރިއަަށްގެންދާ އެކި ކަހަލަ ދިނީ ހަރަކާތްތަކުގައި ގިނަ އަދަދެއްގެ ކުޑަކުދިން ޝައުގުވެރިކަމާއެކު ބައިވެރިވަމުންދާއިރު ރޭގަނޑު ބާއްވާ ދަރުހައްވެސް އާންމުންގެ ތަރުހީބު ލިބެމުންދާކަން ފާހަގަކޮށްލެވެއެވެ.

img:http://s1.psmnews.mv/images/660x400/15018616570346.jpg|"ހުކުރު އުފާ" ފެސްޓިވަލްގެ ތެރެއިން - ފޮޓޯ: ޕީއެސްއެމް

ރައީސުލް ޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމްގެ އަނބިކަބަލުން ފާތިމަތު އިބްރާހީމް އަމަލީ ގޮތުން މި ހަރަކާތުގައި ބައިވެރިވެއެވެ. އެގޮތުން  އެކަމަނާގެ ދައުވަތަކަށް ދީނީ ޢިލްމުވެރިޔާ ޑރ. ނަދީމް މެމޮން ވަނީ އޮކްޓޯބަރ މަހުގެ ހަވަނަ ދުވަހު ހުކުރު އުފާ ހަރަކާތުގައި ދަރުސް ދެއްވާފައެވެ. " އޭނާ ދަރުސް ދެއްވާފައިވަނީ މައި ސަކްސެސް އިޒް އޮންލީ ބައި ﷲ" ނުވަތަ ﷲގެ ޙަޒުރަތުން މެނުވީ އަހަރެމެންނަށް ތައުފީޤު ލިބުމެއް ނުވެއެވެ. "މި މައުޟޫޢަށެވެ.

ޑރ. ނަދީމް މެމޮން އަކީ ޕާކިސްތާން ނަސްލުގެ ކެނެޑާ ބޭފުޅެކެވެ. ޑރ.ނަދީމަކީ އިސްލާމީ އުސޫލުތަކާއި އިސްލާމީ ތަޢުލީމު ދޭ ފަރާތްތަކަށް ދީނީ ކަންކަން އޮޅުންފިލުވައި އެހީތެރިވެދެވޭނެ ގޮތްތައް ދިރާސާކުރައްވާ އެފަދަ ޕްރޮގްރާމްތައް ތަރައްޤީކުރައްވާފައިވާ ބޭފުޅެއްވެސްމެއެވެ. ނަދީމްގެ އިތުރުންވެސް ރާއްޖޭގައި ތިބި މަޝްހޫރު ދިނީ ޢިލްމުވެރިން އަންނަނީ "ހުކުރު އުފާ" ފެސްޓިވަލްގައި ދަރުސްދެއްވަމަމުންނެވެ.

އިސްލާމިކް މިނިސްޓްރީއާއި، ފަބްލިކް ސަރވިސް މީޑިއާ ގުޅިގެން ސިލްސިލާކޮށް ކުރިއަށްގެންދާ "ހުކުރު އުފާ" ހަރަކާތުގައި ސަރުކާރުގެ ކުންފުނި ފެނަކައިންވެސް ބައިވެރިވެފައިވެއެވެ. ކޮންމެ ހުކުރު ދުވަހަކު ދެދަންފަޅިއަށް ބަހާލައިގެން ކުރިއަށް ގެންދާ މިހަރަކާތުގައި ހަވީރުގެ ދަންފަޅި ޚާއްސަކޮށްފައިވަނީ ކުޑަކުދިންނަށެވެ. އަދި ރޭގަނޑުގެ ދަންފަޅި ހާއްސަކޮށްފައިވަނީ ދީނީ ދަރުސް ދިނުމަށެވެ.