 
										 
										
			ރާއްޖޭގައި ބާއްވާ އެންމެ ކާމިޔާބު ރިއަލިޓީ ޝޯވ "މޯލްޑިވިއަން އައިޑަލް"ގެ 3 ވަނަ ސީޒަން ލޯންޗުކޮށްފިއެވެ. 
 
ނެޝަނަލް އާޓް ގެލަރީގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި އައިޑަލްގެ ތިން ވަނަ ސީޒަން ލޯންޗްކޮށްދެއްވީ ޕަބްލިކް ސަރވިސް މީޑިއާގެ ޗެއަރމަން އިބްރާހިމް ޢުމަރު މަނިކުއެވެ.
 
މޯލްޑިވިއަން އައިޑަލްގެ ސީޒަން 3 ގެ ޕްރެޒެންޓަރުންގެ ގޮތުގައި ހަމަޖައްސާފައިވަނީ މޫސާ ވަސީމްއާއި ޝާއިނާ ޝަރީފްއެވެ. 
 
 img:http://s2.psmnews.mv/images/660x400/15090413476391.jpg|މޯލްޑިވިއަން އައިޑަލްގެ ސީޒަން 3 ގެ ޕްރެޒެންޓަރުންކަމަށްވާ މޫސާ ވަސީމް އާއި ޝާއިނާ ޝަރީފް / ފޮޓޯ: ޕީއެސްއެމް 
 
އެހެން އަހަރުތަކާ ޚިލާފަށް މިފަހަރުގެ ސީޒަންގައި 4 ޖަޖުން ތިބޭނެއެވެ، އެގޮތުން ހަމަޖައްސާފައިވާ ހަތަރު ފަނޑިޔާރުންނަކީ މަރިޔަމް އުނޫޝާއާއި އިސްމާއިލް އައްފާންއާއި އަހުމަދު އިބްރާހިމް އަދި ޒާރާ މުޖްތަބާއެވެ. 
 
ރާއްޖޭގެ ފުރަތަމަ ފްރެންޗައިޒް ޝޯވ މޯލްޑިވިއަން އައިޑަލްގެ ފުރަތަމަ ސީޒަން ކާމިޔާބުކޮށްފައިވަނީ ލައިޝާ ޖުނައިދުއެވެ. އަދި ދެވަނަ ސީޒަން މުޙައްމަދު ތަސްނީމް ކާމިޔާބުކޮށްފައިވާއިރު، އައިޑަލްގެ ޝޯވތަކުން ވިދާލި ގިނަ ފަންނާނުން މިހާރު އަންނަނީ މިއުޒިކް އިންޑަސްޓްރީގައި ކާމިޔާބުކަމާއެކު ހަރަކާތްތެރިވަމުންނެވެ.
 
 img:http://s4.psmnews.mv/images/660x400/15090403745114.jpg|މޯލްޑިވިއަން އައިޑަލްގެ 3 ވަނަ ސީޒަން ލޯންޗުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: ޕީއެސްއެމް 
 
ބޮޑެތި ބަދަލުތަކަކާއެކު އައިޑަލްގެ ތިން ވަނަ ސީޒަން ބެލުންތެރިންނާއި ހަމައަށް ގެނެސްދިނުމަށް އައިޑަލްގެ ޓީމުން ތައްޔާރުވަމުންދާއިރު، މިފަހަރުގެ ސީޒަންގެވެސް ޓައިޓަލް ސްޕޮންސަރެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ ރާއްޖޭގެ އެންމެ ބޮޑު މުއާސަލާތީ ކުންފުނި "ދިރާގު"އެވެ. މިފަހަރުގެ ސީޒަންގެ އޮޑިޝަންތައް ކުރިއަށްގެންދިއުމަށް ނިންމާފައިވާ ސަރަޙައްދުތައް ވަރަށް އަވަށް އާއްމުކުރާނެކަމަށް އައިޑަލްގެ ޓީމުން މައުލޫމާތުދެއެވެ.