ޚަބަރު

އެއަރޕޯޓުގެ އީއައިއޭ ރިޕޯޓަށް އެޕްރޫވަލް ދީފި


ހދ.ކުޅުދުއްފުށީގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ އެއަރޕޯޓް ހަދާ ސަރަޙައްދުގެ އީއައިއޭ ރިޕޯޓަށް އެންވަޔަރަމަންޓް މިނިސްޓްރީން އެޕޫރުވަލްދީ އެ މަޝްރޫޢު ހިންގުމުގެ ހުއްދަ ދީފިއެވެ. 

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އެންވަޔަރަމަންޓް މިނިސްޓަރ ވިދާޅުވީ، އެއަރޕޯޓް ތަރައްޤީކުރާ ސަރަޙައްދުގެ އީއައިއޭ ރިޕޯޓަށް އެޕްރޫވަލް ދެއްވީ މިއަދުގެ ވަގުތެއްގައިކަމަށެވެ. މިނިސްޓަރގެ ވާހަކަފުޅުގައި ތަރައްޤީގެ ކޮންމެ މަޝްރޫޢަކީވެސް ތިމާވެށްޓަށް އަސަރުކުރާނެ މަޝްރޫޢެއްކަން ފާހަގަކުރައްވައި ވިދާޅުވީ، ރާއްޖޭގައި މިހާތަނަށް ކުޅިއާއި ބިން ހިއްކައިގެން ކުރިއަށް ގެންދިޔަ މަޝްރޫޢުތަކަށް ބަލައި، ކުޅުދުއްފުށީ އެއަރޕޯޓް މަޝްރޫޢު ހިންގޭނީ ތިމާވެށްޓަށް އަސަރުކުރުން އެންމެ ކުޑަގޮތަށްކަމަށެވެ.

އެގޮތުން މީގެ ކުރިން ރާއްޖޭގައި ހިންގާފައިވާ ބައެއް މަޝްރޫޢުތަކަށް މިނިސްޓަރ ބައްލަވާލެއްވިއެވެ. އޭގެތެރޭގައި ކުޅުދުއްފުށީގައި ކުރިން ބިންހިއްކާފައިވަނީ ކުޅި ހިއްކައިގެންކަމާއި، އައްޑޫސިޓީ ކޮންވެންޝަން ސެންޓަރ އަޅާފައިވަނީ ކުޅިއެއްގެ މެދުތެރޭގައިކަން ފާހަގަކުރެއްވިއެވެ. އެހެންކަމުން މިފަދަ މަޝްރޫޢުތަކުގެ ތަޖުރިބާއަށް ބައްލަވައި، ކުޅުދުއްފުށީގައިވެސް ފެންބޮޑު ނުވާނެގޮތްތައް އީއައިއޭ ރިޕޯޓްގައި ފާހަގަކޮށްފައިވާކަމަށް އެންވަޔަރަމަންޓް މިނިސްޓަރ ޠާރިޤް އިބްރާހީމް ވިދާޅުވިއެވެ.

ކުޅުދުއްފުށްޓަކީ ބިން ފުރިފައިވާ ރަށެއްކަމަށާއި ބިން ހިއްކައިގެން ބޮޑުކުރެވޭނެ ރަށެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ކުޅުދުއްފުށީގައި އެއަރޕޯޓް ހަދަނީ ބަލަންޖެހޭ ހުރިހާ ކަމަކަށް ބަލައި ދިރާސާތައް ކުރުމަށްފަހު ކަމަށާއި، އެގޮތުން އެއަރޕޯޓް ހަދަނީ ކުޅިން ބަޔަކާއި މޫދުން ބައެއް ހިއްކައިގެންކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިނިސްޓަރ ޠާރިޤް ވިދާޅުވީ، ތަރައްޤީގެ ކޮންމެ މަޝްރޫޢަކީވެސް އިދިކޮޅު ފަރާތްތަކުން ހުއްޓުވަން މަސައްކަތްކުރާނެ މަޝްރޫޢެއްކަމަށެވެ. ނަމަވެސް ތަރައްޤީގެ ބޮޑެތި މަޝްރޫޢުތައް މި ސަރުކާރުން ކާމިޔާބުކަމާއެކު ހިންގާފައިވާނެކަމަށާއި، ކުޅުދުއްފުށީ އެއަރޕޯޓް ހެދުމުގެ ވަޢުދަކީވެސް މި ސަރުކާރުން ފުއްދާނެ ވަޢުދެއްކަމަށް ވިދާޅުވިއެވެ.

އުތުރުގެ އިޤްތިޞާދީ މައި ހަބެއްގެ ގޮތުގައި ކުޅުދުއްފުށި ހެދުމަށް އެރަށުގައި އެއަރޕޯޓެއް ހެދުމަކީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ ރިޔާސީ ވަޢުދެކެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ މި ވަޢުދު ފުއްދުމަށް އެރަށު ރައްޔިތުން އެކި ދުވަސްވަރު ވަނީ ބާރުއަޅާފައެވެ.