ކުޅިވަރު

ފައިނަލުގެ ދެވަނަ ޖާގަ ފީއަލި ހޯދައިފި


ފަސްޓްލޭޑީ ބަށިބޯޅަ ޗެމްޕިއަންޝިޕްގެ ފައިނަލުން ފ.ފީއަލީ ބަށި ޓީމް ޖާގަ ހޯދައިފިއެވެ. ސެމީ ފައިނަލްގައި ލ.ގަމު ޓީމާއި ވާދަކޮށް ފީއަލީ ޓީމް މެޗު ކާމިޔާބުކުރީ ހަތަރު ލަނޑުގެ ތަފާތުންނެވެ.

 ލ.ގަމަށް އެޓީމްގެ ދެ އިނިންގްސްގައި ހެދުނީ 27 ލަނޑު 11 ބޯޅައެވެ. ފީއަލީ ޓީމުން ވަނީ އެޓީމްގެ ދެ އިނިންގްސްގައި 31 ލަނޑު 11 ބޯޅަ ހަދާފައެވެ. މެޗަށްފަހު ފީއަލީ ޓީމްގެ ކެޕްޓަން ޝިހާމާ އަބްދުއްރަޝީދު ބުނީ މެޗުން މޮޅުވީ ހުރިހާ ކުޅުންތެރިން ދެ އިނިންގްސްގައި އެއް ފެންވަރެއްގައި ކުޅެގެންކަމަށާއި، ހިފުމަށް ބެލިޔަސް ޓީމުން މިއަދުގެ މެޗުގައި ރަނގަޅު ކުޅުމެއް ދެއްކިކަމަށެވެ. މިހާރު އަމާޒަކީ މިއަށްވުރެ ރަނގަޅު ކުޅުމެއް ދައްކައި، މުބާރާތުގެ ތަށި އުފުލާލުންކަމަށް ކެޕްޓަން ބުންޏެވެ.

img:http://s4.psmnews.mv/images/660x400/15090290725181.JPG|ފައިނަލްގެ ދެވަނަ ޖާގަ ހޯދި ފީއަލި ޓީމް: ފޮޓޯ-ޕީއެސްއެމް

ސެމީ ފައިނަލުން ބަލިވި ލ.ގަމު ޓީމްގެ ކެޕްޓަން ހައްވާ ލިއުޝާ ބުނީ މެޗުގައި ޓީމްގެ ކުޅުންތެރިންގެ އެންމެ މޮޅު ކުޅުން ނުދެއްކުނުކަމަށާއި، މާލެއައީ ތަށި ހޯދުމުގެ އަޒުމުގައިކަމަށެވެ. ޓީމްގައި ތިބީ އެއް ފެންވަރެއްގެ ކުޅުންތެރިންކަމަށާއި، އާ ކުޅުންތެރިންވެސް ޓީމްގައި ތިބުމުން އެކަން ވަރަށް ބޮޑަށް ފާހަގަވިކަމަށް ލިއުޝާ ބުންޏެވެ.

ފަސްޓްލޭޑީ ބަށިބޯޅަ ޗެމްޕިއަންޝިޕްގެ ފައިނަލުގައި ފ.ފީއަލީގެ ޓީމް ނިކުންނާނީ ކ.މާފުށި ބަށިޓީމާއި ދެކޮޅަށެވެ. މި މެޗު ކުޅޭނީ މާދަމާރޭ ގަލޮޅު ރަސްމީ ދަނޑުގައެވެ. މުނިފޫހި ފިލުވުމުގެ ހަރަކާތްތަކާއި، ފުޓް ސްޓޯލްތަކާއެކު ކުރިއަށްގެންދާ ފައިނަލް މެޗު ޓީވީއެމްއިން ވަގުތުން ދައްކާނެއެވެ. އެރަސްމިއްޔާތަށް ޢާއްމުކޮށް ހުރިހާ ފަރާތްތަކަށް ވަނީ ދައުވަތުވެސް ދެއްވާފައެވެ.

 މުބާރާތުގެ ތިންވަނަ ހޮވާ މެޗު މާދަމާ ހެނދުނު ކުޅޭނެއެވެ. ތިންވަނަ ހޮވާ މެޗުގައި ވާދަކުރާނީ ލ.ގަމާއި، ނ.މާފަރު ބަށިޓީމެވެ.