ޚަބަރު

ސަޕްލިމެންޓަރީ ބަޖެޓް މަޖިލީހުން ފާސްކޮށްފި


ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި 493 މިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓް ސަރުކާރުން ހުށަހެޅި ގޮތަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ. 

މިއަހަރަށް ފާސްކޮށްފައިވާ ދައުލަތުގެ ބަޖެޓަށްވުރެ އިތުރަށް ޚަރަދުވާނެކަމަށް ލަފާކުރެވޭތީ އަހަރުގެ ބާކީ ދުވަސްތަކަށް ބައެއް ކަންކަމުގެ ޚަރަދުތައް ހަމަޖެއްސުމަށް ސަރުކާރުން ހުށަހެޅުއްވި 439 މިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓްގެ ބޮޑުބައި ޞިއްޙީ ދާއިރާއިގެ ޚިދުމަތްތައް މެދުނުކެނޑި ކުރިއަށް ގެންދިއުމަށްޓަކައި ވަނީ ޚާއްޞަކޮށްފައެވެ.  އެގޮތުން އާސަންދައަށް 300 މިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު، ޞިއްޙީ ދާއިރާގެ ވަޞީލަތްތައް ހޯދުމަށް 30 މިލިއަން ރުފިޔާ ކަނޑައަޅާފައިވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ބައި-އިލެކްޝަންގެ ޚަރަދުތަކަށް ކަނޑައަޅާފައިވާ 26 މިލިއަން ރުފިޔާއާއި ކާޑެއްދޫ އެއަރޕޯޓް ހިނގުމާ ސަރުކާރުން ޙަވާލުވުމާ ގުޅިގެން ބޭނުންވާ 40 މިލިއަން ރުފިޔާއާއި ސްކޫލް ޑިޖިޓަލައިޒޭޝަން މަޝްރޫޢު ފެށުމަށް ބޭނުންވާ 47 މިލިއަން ރުފިޔާގެ އިތުރުން، އެހެނިހެން ޚަރަދުތަކަށް 50 މިލިއަން ރުފިޔާ ބަޖެޓްގައި ހިމަނާފައިވެއެވެ.

ބަޖެޓް ދިރާސާކުރި ގޮތުގެ ރިޕޯޓް މަޖިލީހުގެ ތަޅުމަށް ހުށައަޅުއްވަމުން ކޮމިޓީގެ މުޤައްރިރު ވިލިމާލެ ދާއިރާގެ މެންބަރު އަޙްމަދު ނިހާން ޙުސައިން މަނިކު ވިދާޅުވީ، ސަޕްލިމަންޓްރީ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހެޅީ ރައްޔިތުންނާ ގުޅުންހުރި މުހިންމު ޚިދުމަތްތަކެއް މެދުކެނޑުނަ ނުދިނުމަށްޓަކައިކަމަށެވެ.

ބަޖެޓް ފާސްކުރުމަށް ބޭއްވި މި ޖަލްސާއަށްވެސް އިދިކޮޅު މެންބަރުން ޙާޟިރުވެފައެއް ނުވެއެވެ. ސަޕްލިމެންޓަރީ ބަޖެޓާއެކު 2017 ވަނަ އަހަރުގެ ޖުމްލަ ބަޖެޓް 27.3 ބިލިއަން ރުފިޔާއަށް އަރާނެއެވެ. ސަޕްލިމަންޓްރީ ބަޖެޓްގައި އާމްދަނީ އިތުރުކުރުމުގެ ގޮތުން 268 މިލިއަން ރުފިޔާ ހޯދުމަށް ހިމަނާފައިވެއެވެ.

މިއަހަރުގެ މިހާތަނަށް ލިބިފައިވާ އާމްދަނީއަށް ބަލައި، މިއަހަރުގެ ނިޔަލަށް ޖުމުލަ އާމްދަނީގެ ގޮތުގައި ލިބޭނެކަމަށް ފިނޭންސް މިނިސްޓްރީން ލަފާކޮށްފައިވަނީ 20.8 ބިލިއަން ރުފިޔާއެވެ. އަދި ޚަރަދު ހިނގަމުންދާ މިންވަރަށް ބަލައި މިއަހަރުގެ ނިޔަލަށް ޖުމްލަ ޚަރަދުވާނެކަމަށް މިހާރު ލަފާކޮށްފައިވަނީ 22.5 ބިލިއަން ރުފިޔާއެވެ.