ޚަބަރު

މެޑިކަލް އިންޓާންޝިޕްގެ ފުރުޞަތު އައި.ޖީ.އެމް.އެޗުން ހުޅުވާލައިފި


ރާއްޖޭގައި ތިބެގެން މެޑިކަލް އިންޓާންޝިޕް ފުރިހަމަކުރުމުގެ ފުރުޞަތު ފުރަތަމަ ފަހަރަށް އައި.ޖީ.އެމް.އެޗުން ހުޅުވާލައިފިއެވެ. 

އައި.ޖީ.އެމް.އެޗުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި އެ ހޮސްޕިޓަލްގެ މެޑިކަލް އިންޓާންޝިޕް ޕްރޮގްރާމް ރަސްމީކޮށް އިފްތިތާޙްކޮށްދެއްވީ ހެލްތް މިނިސްޓަރ ޢަބްދުﷲ ނާޒިމް އިބްރާހީމެވެ. އަންނަ އަހަރުގެ ޖެނުއަރީމަހު ފެށުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމުގައި ބައިވެރިވުމަށް އެޕްލިކޭޝަން ފޯމް ހުށައެޅުމުގެ ފުރުޞަތު އަންނަ ނޮވެމްބަރު މަހުގެ 5 ވަނަ ދުވަހުން ފެށިގެން ހުޅުވާލާނެއެވެ. މި ޕްރޮގްރާމްގެ ފުރަތަމަ ބުރުގައި 20 ދަރިވަރަކަށް ޖާގަދިނުމަށް ހަމަޖެހިފައިވާއިރު، ޕްރޮގްރާމުގައި ބައިވެރިވާ ދަރިވަރުންގެ އަތުން އެއްވެސް ފީއެއް ނުނަގާނެއެވެ.

އައި.ޖީ.އެމް.އެޗުން އަލަށް ތަޢާރަފުކުރި "މެޑިކަލް އިންޓާންޝިޕް ޕްރޮގްރާމް"ގެ ސަބަބުން ސިއްޙީ ދާއިރާއިން ކުރިއަށްދާން ބޭނުންވެފައިތިބި އެތަކެއް ދިވެހިންނަށް އަމިއްލަ ޤައުމުގައި ތިބެގެން، ތަޢުލީމު ޙާސިލްކޮށް، ޢަމަލީ މައިދާނުގައި ހަރަކާތްތެރިވުމުގެ ފުރުޞަތު ލިބިގެންދާނެކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ. މި ޕްރޮގްރާމުގައި ބައިވެރިވުމަށް ބޭނުންވާ ދަރިވަރުންނަށް އެޕްލިކޭޝަން ފޯމް ހުށައެޅުމުގެ ފުރުޞަތު މި އަންނަ ނޮވެމްބަރުމަހުގެ 5 ވަނަ ދުވަހުންގެ ފެށިގެން ޑިސެމްބަރު މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލުމަށް ވަނީ ހަމަޖެހިފައެވެ. އަދި ފުރަތަމަ ބުރުގައި ޖާގަ ދިނުމަށް ހަމަޖެހިފައިވަނީ 20 ދަރިވަރަކަށް ކަމަށާއި، މި ބުރުގެ ހުރިހާ ޖާގައެއްވެސް ޚާއްސަކޮށްފައިވާނީ ދިވެހި ދަރިވަރުންނަށް ކަމަށް އައި.ޖީ.އެމް.އެޗުން ބުނެއެވެ. މި ޕްރޮގްރާމުގައި ބައިވެރިވާ ދިވެހި ދަރިވަރުންގެ އަތުން އެއްވެސް ފީއެއް ނެގުމަށް ހަމެޖެހިފައިނުވާކަމަށްވެސް އެ ހޮސްޕިޓަލުން ބުނެއެވެ. 

އައި.ޖީ.އެމް.އެޗްގެ މެޑިކަލް އިންޓާންޝިޕް ޕްރޮގްރާމް ރަސްމީކޮށް އިފްތިތާޙްކޮށްދެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން ހެލްތް މިނިސްޓަރ ޢަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ، ސިއްހީ ދާއިރާއިން ތަޢުލީމު ހާސިލްކުރުމުގައި ދިވެހި ދަރިވަރުން ބޮޑެތި ޚަރަދުތަކެއް ކުރަންޖެހޭއިރު، އެކުދިންގެ ތަޢުލީމުގެ އެންމެ ފަހު އަހަރުގައި ހިމެނޭ އިންޓާންޝިޕްގެ ފުރުޞަތުތައް ހޯދުމުގައިވެސް ގިނަ ތަކުލީފުތަކެއް އުފުލަންޖެހޭކަމަށެވެ. އެހެންކަމުން އަލަށް މި ތަޢާރަފުކުރާ އިންޓާންޝިޕް ޕްރޮގްރާމާއެކު، ސިއްޙީ ދާއިރާއިން ރާއްޖޭން ބޭރުގައި ތަޢުލީމު ޙާސިލުކުރުމަށްފަހު، އަމިއްލަ ޤައުމުގައި ތިބެގެން އެކުދިންނަށް ބޭނުންވާ މަސައްކަތުގެ ތަޖުރިބާ ނުވަތަ މެޑިކަލް އިންޓާންޝިޕް ފުރިހަމަ ކުރުމުގެ ފުރުޞަތު ތަނަވަސްވެގެންދާނެކަމަށެވެ. ރާއްޖޭގައި މެޑިކަލް ކޮލެޖެއްގެ ޚިދުމަތް ފެށުމަށް ތައްޔާރުވަމުންދާ މިފަދަ ދަނޑިވަޅެއްގައި، މެޑިކަލް އިންޓާންޝިޕް ރާއްޖޭގައި ތިބެގެން ފުރިހަމަކުރެވޭނެ އިންތިޒާމް ހަމަޖެހިގެންދިއުމަކީ ސިއްހީ ދާއިރާއިން މީހުން ބިނާކުރުމުގައިވެސް ލިބިގެންދާނެ ބޮޑު ކުރިއެރުމެއްގެ ގޮތުގައި  މިނިސްޓަރ ވަނީ ސިފަކުރައްވާފައެވެ. 

އައި.ޖީ.އެމް.އެޗްގެ މެޑިކަލް އިންޓާންޝިޕް ޕްރޮގްރާމާއި ގުޅޭގޮތުން ވާހަކަދައްކަވަމުން އެ ހޮސްޕިޓަލްގެ ޑައިރެކްޓަރ އޮފް މެޑިކަލް ސަރވިސް، ޑރ. ޢަލީ ނަޒީމް ވިދާޅުވީ، މި ޕްރޮގްރާމް އެކުލަވާލާފައިވާނީ އިންޓަރނޭޝަނަލް ބެސްޓް ޕްރެކްޓިސްތަކާ އެއްގޮތްވާގޮތުގެ މަތިން، ބޭރުގެ ފަންނީ މާހިރުންގެވެސް އެހީތެރިކަމާއެކުކަމަށެވެ. އަދި މި ޕްރޮގްރާމް ފަރުމާކުރުމުގައިވެސް އެންމެ ބޮޑު އިސްކަމެއްދީފައިވާނީ ރާއްޖޭގެ މާހައުލަށް ފެތޭނެހެން ޕްރޮގްރާމުގެ ބައިތައް ބައްޓަންކުރުމަށް ކަމަށްވެސް ޑރ. ނަޒީމް ވިދާޅުވިއެވެ.  

އަންނަ އަހަރުގެ ޖެނުއަރީ މަހު ފެށުމަށް ހަމަޖެހިފައިވާ މެޑިކަލް އިންޓާންޝިޕް ޕްރޮގްރާމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން އެޕްލިކޭޝަން ފޯމް ހުށައަޅަންޖެހޭނީ އޮންލައިންކޮށެވެ. އަދި ޖާގަދިނުމުގައި އެޕްލިކޭޝަން ހުށައަޅާ ތަރުތީބަށް އިސްކަންދޭނެކަމަށް އައި.ޖީ.އެމް.އެޗުން ހާމަކުރެއެވެ. މި ޕްރޮގްރާމާއި ގުޅޭ އިތުރު މަޢުލޫމާތު ވަރަށް އަވަހަށް އާއްމުކުރާނެކަމަށްވެސް އެ ހޮސްޕިޓަލުން ބުނެއެވެ. 

މެޑިކަލް އިންޓާންޝިޕް ފުރިހަމަކުރުމުގެ ފުރުޞަތު އައި.ޖީ.އެމް.އެޗުން ހުޅުވާލައިފި

އެޕްލިކޭޝަން ފޯމް ހުށައެޅުމުގެ ފުރުޞަތު ނޮވެމްބަރު މަހުގެ 5 ވަނަ ދުވަހުން ފެށިގެން ހުޅުވާލާނެއެވެ.