ޚަބަރު

ދަރިވަރުންގެ ހާޒިރީ ބަލާ މޯބައިލްއެޕްލިކޭޝަނެއް ލޯންޗްކޮށްފި


މޯބައިލްއެޕްލިކޭޝަން މެދުވެރިކޮށް ދަރިވަރުންގެ ހާޒިރީ ބެލުމުގެ ފުރުސަތު މިއަދުން ފެށިގެން ސަރުކާރުގެ ހުރިހާ ސުކޫލުތަކަށް ލިބިގެންދާނެކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ހާމަކޮށްފިއެވެ. 

މި އެޕްލިކޭޝަން ލޯންޗުކޮށްފައިވަނީ ސްޓެލްކޯ އޮޑިޓޯރިއަމްގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. 

"މީމިސް"ގެ ނަމުގައި ތަޢާރަފުކުރި މި އެޕްލިކޭޝަނުގެ ސަބަބުން ކޮންމެ ޓީޗަރަކަށްވެސް ކުލާހުގައި ހުރެގެން ފޯނުން ހަޒީރާ ބެލުމުގެ ފަސޭހަކަން ލިބޭނެއެވެ. މި އެޕްލިކޭޝަންގެ ޒަރިއްޔާއިން ހާޒިރީ ބެލުމުން މަރުކަޒީ އިދާރާގެ ޑޭޓާ ބޭސްއަށް ހުރިހާ ދަރިވަރުންގެ ހަޒިރީގެ މަޢުލޫމާތު އެއްކުރެވޭނެއެވެ. އަދި ސްކޫލަށް ހާޒިރުނުވާ ދަރިވަރުންނަކީ ކޮބައިކަން އެނގި އެކުދިންނާ ދޭތެރޭ ޚާއްޞަ ސަމާލުކަމެއް ދެވޭނެ ގޮތްތަކެއް ހަމަޖެހިގެންދާނެއެވެ. އެގޮތުން ދަރިވަރަކު ހާޒިރުނުވެ ގިނަ ދުވަސްވާނަމަ، އެކަމުގެ ނޮޓިފިކޭޝަން ކުލާސްޓީޗަރަށް ނުވަތަ ލީޑިން ޓީޗަރަށް ލިބޭނެއެވެ. ދަރިވަރުންގެ ހަޒިރީގެ އިތުރުން އިމްތިހާން ތަކުގެ ނަތީޖާތަކާއި ދަރިވަރުންގެ އަޚްލާގީ ރިކޯޑްތައް ފަސޭހަ ކަމާއެކު މި އެޕްލީކޭޝަން މެދުވެރިކޮއްބަލާލެވޭނެއެވެ. 

ރަސްމީކޮށް މީމިސް މޯބައިލް އެޕްލިކޭޝަން ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮއްދެވާ ވާހަކަފުޅުދައްކަވަމުން އެޑިޔުކޭޝަން މިނިސްޓަރ ޑރ.އާއިޝަތު ޝިހާމް ވިދާޅުވީ ސުކޫލުތަކާބެހޭ ހުރިހާ މަޢުލޫމާތެއް އެކޮށް ހަރުދަނާ ނިޒާމެއްގެ ތެރެއިން ކުރިއަށްގެންދިއުމަކީ ކަންކަން ނިންމުމަށް ލިބިގެންދާނެ ވަރަށްބޮޑު ފަސޭހައެއްކަމަށް އެޑިޔުކޭޝަން މިނިސްޓަރ ވިދާޅުވިއެވެ. 

މިނިސްޓަރުގެ ވާހަކަފުޅުގައިވަނީ މިފަދަ އެޕްލިކޭޝަނެއް ތަޢާރަފް ކުރުމަކީ އެއްވެސް ކުއްޖަކު ބާކީ ނުކުރުމުގެ ސިޔާސަތު ދެމެހެއްޓުމަށް ލިބިގެންދިޔަ ވަރަށް ބޮޑު ކާމިޔާބެއްކަން ފާހަގަކޮށްފައެވެ. 

ކުރިއަށްއޮތްތަނުގައި ބެލެނިވެރިންނަށްވެސް އެޕްލިކޭޝަން ތަޢާރަފް ކުރުމަށާއި، މީގެ ޒަރިއްޔާއިން އެބޭފުޅެއްގެ ބެލެނިވެރި ކަމުގެދަށުގައިވާ ދަރިވަރުގެ މަޢުލޫމާތުތައް ފަސޭހަކަމާއެކު ބަލާލެވޭނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން މައުލޫމާތުދެއެވެ. 

މިއެޕްލިކޭޝަން، ޕްލޭސްޓޯރުންނާއި އެޕްސްޓޯރ މެދުވެރިކޮއް ޑައުންލޯޑުކުރެވޭނެއެވެ.