ޚަބަރު

ފަސްޓްލޭޑީ ބަށިބޯޅަ މުބާރާތުގެ ފައިނަލް- ގިނަ ހަރަކާތްތަކަކާއެކު


ފަސްޓްލޭޑީ ބަށިބޯޅަ ޗެމްޕިއަންޝިޕްގެ ފައިނަލް މެޗާއެކު ގިނަ ޙަރަކާތްތަކެއް ގަލޮޅު ދަނޑުގައި ކުރިއަށް ގެންދާނެކަމަށް މުބާރާތް އިންތިޒާމްކުރާ ކޮމިޓީން ބުނެފިއެވެ.

ފަސްޓްލޭޑީ ބަށިބޯޅަ ޗެމްޕިއަންޝިޕްގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ގަލޮޅު ރަސްމީ ބޯޅަ ދަނޑުގައެވެ. މުބާރާތުގެ އިންތިޒާމް ކޮމިޓީގެ ފަރާތުން ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ހީނާ ވަލީދު ވިދާޅުވީ ގަލޮޅު ދަނޑުގައި ފައިނަލް މެޗު ކުޅުމަށް ނިންމާފައިވާ މައިގަނޑު ސަބަބަކީ ގިނަ ބަޔަކު މިކަމުގައި ބައިވެރިކުރުމަށް ކަމަށާއި، ޢާއިލާތަކަށް އެކުގައި ވަގުތު ހޭދަކުރުމަށް އަންނަ ހުކުރުދުވަހުގެ ރޭ ޚާއްޞަ ކަންތައްތަކެއް ގަލޮޅު ދަނޑުގައި ކުރިއަށްގެންދާނެކަމަށެވެ.

ހީނާ ވިދާޅުވީ މެޗު ކުޅެމުންދާއިރު، ދަނޑުގައި ފުޑް ސްޓޯލްތައްވެސް ހުންނާނެކަމަށެވެ. އަދި މުނިފޫހި ފިލުވައިދިނުމުގެ ޙަރަކާތްތަކެއްވެސް ކުރިއަށް ގެންދާނެކަމަށެވެ.

ފަސްޓްލޭޑީ މެޑަމް ފާތިމަތު އިބްރާހިމްގެ އިސްނެންގެވުމާއިއެކު މިހާ ބޮޑު މުބާރާތެއް ނިމިގެންދާއިރު މިފަދަ ގޮތަކަށް މި މުބާރާތުގެ ފައިނަލް މެޗާއި އިނާމް ދިނުމުގެ ރަސްމިއްޔާތު ކުރިއަށްގެންދިޔުމުގެ މައިގަނޑު ބޭނުމަކީ ގިނަ ބަޔަކު އެއްތަނަކުން އެއްވެ، ތަފާތު މާޙައުލެއްގައި އުފާފާޅުކުރުންކަމަށް ހީނާ ފާހަގަކުރެއްވިއެވެ.

ރާއްޖޭގައި މިހާތަނަށް ބާއްވާ އެންމެ ބޮޑު ބަށި މުބާރާތުގެ ފައިނަލުން ކ. މާފުށި ބަށި ޓީމްވަނީ މިއަދު ހަވީރު ޖާގަ ހޯދާފައެވެ. ސެމީ ފައިނަލް ދެވަނަ މެޗުގައި މާދަމާ ހަވީރު ވާދަކުރާނީ ފ.ފީއަލީ ބަށި ޓީމާއި، ލ.ގަން ބަށި ޓީމެވެ.

މާލޭގައި ކުޅެވޭ މިމުބާރާތުގެ މެޗްތައް ބަލައިލުމަށް ވީހާ ގިނަ ބަޔަކު އަދި ޚާއްޞަކޮށް ޢާއިލާތައް އެކުގައި ދަނޑަށް ދިއުމަށް އެއްވެސް ފަރާތެއް އިސްތިސްނާކުރުމެއް ނެތި، ހުރިހާ އެންމެންނަށް ވަނީ މީޑިއާގެ އެކި ޕްލެޓްފޯމްތައް މެދުވެރިކޮށް ޢާންމު ދަޢުވަތެއް ފޮނުވާފައެވެ.