ކުޅިވަރު

ތިނަދޫ އަތުން މޮޅެއްނުވި، ލީގު ދިފާއުކުރަން ހުރަސްތަކެއް!


ތިނަދޫ އަތުން މޮޅުނުވެވި، ލީގު ދިފާއުކުރަން މާޒިޔާއިން ކުރަމުންދާ މަސައްކަތަށް އިތުރު ހުރަސްތަކާ ކުރިމަތިލާން ޖެހިއްޖެއެވެ.

އުރީދޫ ދިވެހި ޕްރިމިއަރ ލީގުގައި މިއަދު ހަވީރު މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އާއި ގދ.ތިނަދޫ ވާދަކުރި މެޗު ނިމުނީ އެކެއް އެކަކުން ދެޓީމް އެއްވަރުވެގެންނެވެ.

މިމެޗުގައި ފުރަތަމަ ހާފްގައި ދެޓީމުންކުރެ އެއް ޓީމަކަށްވެސް ލަނޑެއް ނުޖެހެއެވެ. ފުރަތަމަ ހާފުގައި ދެޓީމުންކުރެ އެއްޓީމަކަށްވެސް މާރަނގަޅު ކުޅުމެއްވެސް ދެއްކިފައެއް ނުވެއެވެ. އެހެންނަމަވެސް ފުރަތަމަ ހާފްގައި މާޒިޔާގެ އުމެއިރު އޭރިއާ ރޮނގުމަތިން ކަހަލަ ގޮތަކަށް ހުރެ ކުރިއަށް ފޮނުވާލި ބޯޅަ ގޯލުގެ އަރިމަތީ ދަނޑީގައި ޖެހުނެވެ. މިހާފުގައި ލަނޑެއް ކާމިޔާބުކުރުމަށް އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ތިނަދޫ ޓީމުގެ މުބީންއަށެވެ. މުބީން ކުރިއަށް ފޮނުވާލި ބޯޅަ ގޯލް ރޮނގުމަތިން ކަހަލަ ގޮތަކަށް ދިފާއުކުރީ މާޒިޔާގެ ޑިފެންޑަރު ބޮޖާންއެވެ.

މިމެޗުގައި ފުރަތަމަ ލަނޑު ޖަހާ ކުރި ހޯދީ މާޒިޔާއިންނެވެ. މިލަނޑު މާޒިޔާއަށް ކާމިޔާބުކޮށްދިނީ ޓީމުގެ ކެޕްޓަން މުހައްމަދު އުމެއިރުއެވެ. އޭގެ ދެ މިނެޓް ފަހުން މެޗުގެ ފަސްދޮޅަސް ފަސް ވަނަ މިނިޓުގައި ތިނަދޫ ޓީމުން ވަނީ ލަނޑު ޖަހާ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ.

މާޒިޔާއިން ލަނޑު ޖެހުމަށްފަހު ހަމަޖެހިނުލެވެނީސް ތިނަދޫގެ ލަނޑު ލިބުނު ކޯނަރަކުން ކާމިޔާބުކޮށްދިނީ ޓީމުގެ އެންމެ ފަހަތައް ކުޅެމުންދިޔަ އަހުމަދު ނޫމާންއެވެ.

ތިނަދޫގެ ލަނޑަށްފަހު މެޗުގައި އިތުރަށް ލަނޑު ޖަހާނެ ގިނަ ފުރުސަތުތައް ތަނަވަސް ކުރީވެސް ތިނަދޫ ޓީމުންނެވެ.