ކުޅިވަރު

ފަސްޓްލޭޑީ ބަށިބޯޅަ ޗެމްޕިއަންޝިޕްގެ ފައިނަލަށް މާފުށި


ފަސްޓްލޭޑީ ބަށިބޯޅަ ޗެމްޕިއަންޝީޕުގެ ފައިނަލުން ކ.މާފުށި ބަށި ޓީމް ޖާގަ ހޯދައިފިއެވެ. 

ރާއްޖޭގައި މިހާތަނަށް ބާއްވާ އެންމެ ބޮޑު ބަށިބޯޅަ މުބާރާތުގެ ފައިނަލުން ކ.މާފުށި ބަށި ޓީމް ޖާގަ ހޯދީ މިއަދު ހަވީރު ކުޅުނު ސެމީ ފައިނަލްގައި ނ.މާފަރު ބަށި ޓީމް ދިހަ ލަނޑުގެ ތަފާތުން ބަލިކޮށްގެންނެވެ. ޒޯން އެކެއްގެ ޗެމްޕިއަން މާފަރު ޓީމަށް އެޓީމްގެ ދެ އިނިންގްސްގައި ހެދުނީ 25 ލަނޑު 7 ބޯޅައެވެ. 

ޒޯން ދޭއްގެ ޗެމްޕިއަން ކ.މާފުށި ޓީމުން ވަނީ އެޓީމްގެ ދެ އިނިންގްސްގައި 35 ލަނޑު ހަދާ، ފަސޭހަ މޮޅެއް ހޯދާފައެވެ.

 މުބާރާތުގެ ސެމީ ފައިނަލް ދެވަނަ މެޗުގައި މާދަމާ ހަވީރު ވާދަކުރާނީ ޒޯން ތިނެއްގެ ޗެމްޕިއަން ފ.ފީއަލީ ބަށި ޓީމާއި، ޒޯން ހަތަރެއްގެ ޗެމްޕިއަން ލ.ގަމު ބަށި ޓީމެވެ. ފަސްޓްލޭޑީ ބަށިބޯޅަ ޗެމްޕިއަންޝިޕުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ހުކުރުދުވަހުގެ ރޭ ގަލޮޅު ރަސްމީ ބޯޅަ ދަނޑުގައެވެވެ. 

ފަސްޓްލޭޑީ ބަށިބޯޅަ ޗެމްޕިއަންޝީޕަކީ މުޅި ރާއްޖެއަށް ހުޅުވާލައިގެން މިދިޔަ ފެބްރުއަރީ މަހު ފެށި މުބާރާތެކެވެ.